އަންހެނުންނަށް ކަރަންޓުގެ ކަންތައްތައް ނޭނގޭ ވާހަކައާ ފުނާޑު އަންހެނުން ދެކޮޅު!

ފުނާޑު އަންހެނުންގެ ކޮމިޓީގެ ރައީސާ މަރިޔަމް ހަސީނާ ސަން އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ

މިއީ ސޮނީ ހާޑުވެއާގ އިސްތިހާރެއް ނޫނެވެ. އަދި ކަރަންޓް ހަރަދު ކުޑަކޮށްދޭ އޮސްރާމް އެނާޖީ ސޭވިން ބޮކީގެ އިސްތިހާރެއް ވެސް ނޫނެވެ. މިއީ ފުވައްމުލަކު ފުނާޑު އަވަށުގެ އަންހެނުން ކަރަންޓާ "ދޯޅުވަ"ކޮށް "ފަރިތަ"ކުރުވަން ކުރިއަށް ގެންދަން އުޅޭ ކޯހެއްގެ ވާހަކަ އެވެ.

މި ރަށު ފުނާޑު އަވަށުގެ އަންހެނުންގެ ކޮމިޓީގެ ރައީސާ މަރިޔަމް ހަސީނާ ވިދާޅުވި ގޮތުގައި އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ކޯސް ނިމޭއިރު، ކަރަންޓުގެ ކަންތައްތައް ދެން ނިންމާލާނީ ފިރިހެނުންނާ ނުލަ އެވެ. ގޭ ތެރޭގައި ދިމާވާ ކަރަންޓުގެ ކުދި މައްސަލަތައް ހައްލު ހޯދުމަށް އަންހެނުން ދެން ނުސިހޭނެ ކަމަށެވެ.

އަންހެނުންގެ ކޮމިޓީން އަމާޒުކޮށްގެން ހިންގާ ބޭސިކް ކަރަންޓް ވައިރިން ކޯހުގެ ޖާގައަކީ 20 އެވެ.

"ގޭގެ ބަދިގެ ތެރޭގައި މަސައްކަތްކުރާއިރު ރައީސް ކުކާ މިކްސަރު ކަހަލަ އެއްޗަކަށް ޓޮޕެއް ގުޅަން ވިޔަސް ފިރިހެން ބޭފުޅެއްގެ އެހީތެރިކަން ހޯދަން މި ޖެހެނީ. މި ކޯސް ހެދީމަ ކަރަންޓުގެ ކުދިކުދި މަސައްކަތް އަމިއްލަ އަށް ކުރެވޭނެ،" ހަސީނާ ވިދާޅުވިއެވެ.

އެ ކޯސް ފަށަން ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުއެވެ. ކޯހުގައި ކިޔަވައި ދެއްވަނީ ކަރަންޓްވައިރިންގެ ތަޖުރިބާކާރެއް ކަމަށް ހަސީނާ ވިދާޅުވިއެވެ.

އަންހެނުން ކުރިއަރުވާ ބާރުވެރިކުރުވުމުގެ ގޮތުން ފުނާޑު އަންހެނުންގެ ކޮމިޓީން ދަނީ ގިނަ ކޯސްތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި މާޖަހަން ދަސްކޮށްދޭ ކޯހާއި ފަހާ ކޯހާއި ޖަރީ ކުރާ ކޯސް ހިމެނެއެވެ.

comment ކޮމެންޓް