އާބާދީ ކިތަންމެ މަދަސް ދައުރު ނިމޭއިރު ހުރިހާ ރަށަކަށް 24 ގަޑިއިރު ކަރަންޓު ލިބޭނެ: ރައީސް

ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ ---- ފޮޓޯ/ ރައީސް އޮފީސް

އާބާދީގައި ކިތަންމެ މަދު ބަޔަކު ދިރިއުޅުނު ކަމުގައި ވިޔަސް މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު އެއިން ކޮންމެ ރަށަކަށް ވެސް 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރ. އިންނަމާދޫގެ އާ އިންޖީނުގެ ހުޅުވުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ ކިތަންމެ ކުޑަ ނަމަވެސް ރާއްޖޭގެ ހުރިހާ ރަށަކަށް 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތްދޭން މި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"މިއަދު އަޅުގަނޑުމެންގެ ސަރުކާރުން މިނިންމީ ކިތަންމެ ކުޑަނަމަވެސް އަޅުގަނޑުމެންގެ ފަސް އަހަރު ނިމިގެންދާއިރު ރާއްޖޭގައި މީހުން ދިރިއުޅޭ ހަމަ ކޮންމެ ރަށެއްގައި، 24 ގަޑިއިރުގެ ކަރަންޓު އަޅުގަނޑުމެން ކަށަވަރު ކުރަން،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުންގެންދާ މަސައްކަތް ފާހަގަ ކުރައްވައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނިމާލާއި ޗެއާމަން މުހައްމަދު ނަދީމާއި އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު ދެންނެވި އެވެ.

ރައީސް ވިދާޅުވިގޮތުގައި ފެނަކައިން ކުރަމުން ދަނީ ވަރަށް ހީވާގި ވަރަށް އަގުހުރި މަސައްކަތްތަކެކެވެ.

ހުރިހާ ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ކުރެވޭ ކަންތައްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޔާމީން މިއަދު ދިވެހި އެންމެހައި ރައްޔިތުންނަށް އިލްތިމާސް ކުރެއްވި އެވެ.

"އަޅުގަނޑު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ މުޅި ރައްޔިތުންގެ ބޭނުމަށް މިކުރެވޭ ކަންކަމުގައި އެއީ ސަރުކާރުގެ ބޭސް ފިހާރައެއް ހުޅުވި ކަމުގައި ވިޔަސް ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރިކަމުގައި ވިޔަސް އިންޖީނުގެ އެޅުމުގެ މަސައްކަތް ކުރިކަމުގައި ވިޔަސް މުޅި ރައްޔިތަކަށް އޭގެން ފައިދާ ލިބޭ ކަމަށް ވަންޏާ އެކަމުގައި ރައްޔިތުން އުޅުއްވައި ދެއްވާށޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތްދޭ ތަނެއް ބަންދުކޮށްފި ނަމަ އެކަމުގެ ސަބަބުން ހުރިހާ ރައްޔިތުންނަށް ގެއްލުންވާނެ ކަމަށެވެ.

އިންނަމާދޫ އާ އިންޖީނުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނިމާލާއި އެކުންފުނީގެ ޗެއާމަން މުހައްމަދު ނަދީމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއް ޝުކޫރާއި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ބައިވެރިވެވަޑައިގަތެވެ.

comment ކޮމެންޓް