ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމުކުރާ ހައިކޯޓުގެ ގޮފިތަކުގައި ތިއްބަވާ ފަނޑިޔާރުންނަށް އެކަމަޑޭޝަން ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ހަމަޖައްސައިދީފި އެވެ.
މާލިއްޔަތު ކޮމެޓީން އެ ފައިސާ ހަމަޖައްސައިދެއްވީ އެ ފައިސާ ހަމަޖައްސައި ދެއްވުން އެދި އުއްތަމަ ފަނޑިޔާރު މާލިއްޔަތު ކޮމެޓީއަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ނެވެ.
ހައިކޯޓުގެ ގޮފިތައް ގާއިމުކުރުމަށް ނިންމަވާފައިވާ ދެ ރަށަކީ ސ. ހުޅުދޫގެ އިތުރުން ހަދ. ކުޅުދުއްފުށްޓެވެ. އެ މައްސަލައާ ގުޅިގެން ކޮމެޓީ މެމްބަރުން ވަނީ ފުޅާ ދާއިރާއެއްގައި އެކަމަށް މަޝްވަރާކޮށްފަ އެވެ.
އެގޮތުން ޝަރުއީ ދާއިރާއަށް މި އަހަރު ފާސްކޮށްދެއްވި ބަޖެޓުގައި ފަނޑިޔާރުންގެ އެކަމަޑޭޝަނަށް ބޭނުންވާ ފައިސާ ހަމަޖައްސައިދެއްވާފައި ނުވާކަން މެމްބަރުން ވަނީ ފާހަގަކުރައްވާފަ އެވެ.
ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމުކުރާ ހައިކޯޓުގެ ފަނޑިޔާރުން ތިއްބަވާ އިމާރާތްތަކަށް ހަރަދުވާނެ ކަމަށް އަންދާޒާ ކުރާ ފައިސާގެ އަދަދު ސުޕްރީމް ކޯޓުން ވަނީ މާލިއްޔަތު ކޮމެޓީއަށް ފޮނުއްވާފަ އެވެ. އެގޮތުން ސ. ހުޅުދޫގައި ފަނޑިޔާރުން ތިއްބަވާ އިމާރާތަށް މަހަކު 60،000 ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާ އިރު ހދ. ކުޅުދުއްފުށީގައި ފަނޑިޔާރުން ތިއްބަވާ އިމާރާތަށް މަހަކު 75،000 ރުފިޔާ ހަރަދުވާނެ ކަމަށް ސުޕްރީމް ކޯޓުން މަޖިލީހަށް ފޮނުވި ލިޔުމުގައިވެ އެވެ.
އެހެންނަމަވެސް މާލިއްޔަތު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުން ވަނީ އެ އަދަދުތަކަކީ ބޮޑެތި އަދަދުތަކެއް ފާހަގަކުރައްވާފަ އެވެ.
މާލިއްޔަތު ކޮމެޓީން ނިންމެވި ގޮތުގެ ތަފްސީލް:
މާލިއްޔަތު ކޮމެޓީގެ މެމްބަރުން އެ މައްސަލަ ދިރާސާކޮށް އެންމެ ފަހުން ނިންމެވީ ހދ. ކުޅުދުއްފުށީގައި ތިއްބަވާ ފަނޑިޔާރުންގެ އެކަމަޑޭޝަނަށް ކަރަންޓާއި ފެނާއި އަދި އެހެނިހެން ހަރަދުތަކަށް މުޅި ޖުމުލަ މަހަކު 45،000 ރުފިޔާ ހަމަޖެއްސުމަށެވެ. އަދި ސ. ހުޅުދޫގައި ތިއްބަވާ ފަނޑިޔާރުންގެ އެކަމަޑޭޝަނަށް ކަރަންޓާއި ފެނާއި އަދި އެހެނިގެން ހަރަދުތަކަށް މަހަކު 60،000 ރުފިޔާ ހަމަޖެއްސުމަށެވެ.
އެ މައްސަލަ ދިރާސާކޮށް ނިންމެވި ރިޕޯޓުގައި ބުނެފައިވަނީ އެ ދެ ސަރަހައްދުގައި ތިއްބަވާ ފަނޑިޔާރުން ތިއްބަވާނެ އެކަމަޑޭޝަން ހަމަޖައްސައިފައިވީ ނަމަވެސް ހައި ކޯޓުގެ ފަނޑިޔާރުންނަށް ދެއްވާ ލިވިން އެލަވަންސް އުނިނުކުރެވޭނެ ކަމަށެވެ.
އަދި އިމާރާތް ކުއްޔަށް ހިފާ ފައިސާއަކީ ފަނޑިޔާރުންގެ އަތްޕުޅަށް ދެއްވާ ފައިސާއެއް ނޫން ކަމަށާއި އެ ހުރިހާ ކަމެއް ކުރައްވަމުން ގެންދަވާނީ ޑިޕާޓުމަންޓު އޮފް ޖުޑީޝަލް އެޑުމިނިސްޓުރޭޝަނުން ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.