ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދައުލަތުން ދައުވާކުރި ދެމީހެއްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް މީގެ ހަތަރު އަހަރު ކުރިން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށް، އެ ދެ މީހުން އުމުރަށް ޖަލަށްލުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
އެ މައްސަލަ މިހާރު ސުޕްރީމް ކޯޓުން ވަނީ ބަލައިގެންފައެވެ. އަދި އޭގެތެރެއިން ހަސަން އަލީގެ ޝަރީއަތް ބުދަ ދުވަހު ބާއްވަން ވަނީ ތާވަލް ކޮށްފައެވެ.
ތަރުކާރީ ފޮށިގަނޑުތަކެއްގެ ތަރެއަށް ލައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހިމެނޭ ޏ. ފުވައްމުލަކު، ޑެއިލީބްލޫ، އަބްދުއްލަތީފް މުހައްމަދާއި މާލޭ ދަފްތަރު 3033 ހަސަން އަލީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅައިފައެވެ.
އެ ދެމީހުންގެ ތެރެއިން އަބުދުއްލަތީފަކީ ވިޔަފާރިވެރިއެކެވެ.
ހައިކޯޓުގެ ހުކުމްގައި ވަނީ 14 ޑިސެމްބަރު 2010 ވަނަ ދުވަހުގެ ރޭ ޓީ ޖެޓީ ސަރަހައްދުގައި އަބްދުއްލަތީފާއި ހަސަން އަލީ ކާރެއްގައި ތިއްބާ ފުލުހުން ގޮސް އެ ދެ މީހުން ހައްޔަރުކޮށް އެ ކާރު ޗެކު ކުރިއިރު، އެ ކާރުގެ ޑިކީ ތެރެއިން އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ.
އެކާރުގެ ޑިކީގެ ތެރެއިން މަސްތުވާތަކެތި ފެނުނު އިރު އެ ދެ މީހުން ޑިކީތެރެއަށް ތިން ފޮށިގަނޑުލާފައިވާ ކަން ވެސް ހެކީންގެ ހެކިބަހުން އެނގޭ ކަމަށް ހައިކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.