ފަތުރުވެރިން އަންނަ އަދަދު އިތުރުކުރުމަށް މެދު އިރުމަތީގެ ހަތަރު ސިޓީއެއްގައި ހާއްސަ ރޯޑްޝޯތަކެއް!

އިއްޔެ ދުބާއީގައި ބޭއްވި ރޯޑްޝޯގެ ތެރެއިން ----- ފޮޓޯ/ އެމްއެމްޕީއާރުސީ

މެދުއިރުމަތިން ނުވަތަ މިޑްލް އީސްޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް އިތުރު މާކެޓް ހޯދުމަށް އެ ސަރަހައްދުގެ ހަތަރު ސިޓީއެއްގައި ހާއްސަ ރޯޑްޝޯތަކެއް ކުރިއަށް ގެންދަން ފަށައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިންތިޒާމުކުރާ، "މޯލްޑިވްސް ރޯޑްޝޯ" ތައް ބާއްވަނީ މެދުއިރުމަތީގެ ހަތަރު ސިޓީއެއް ކަމަށްވާ ދުބާއީ، އަބޫދާބީ، ކުވައިތު އަދި ދޯހާ ގައެވެ. އެގޮތުން އިއްޔެ ވަނީ ދުބާއީގައި ބޮޑު ތަރުހީބަކާ އެކު ރޯޑްޝޯއެއް ބާއްވާފަ އެވެ.

އެ ރޯޑްޝޯތައް ބޭއްވުމުގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނިތަކާއި ޓޫރިސްޓު ރިސޯޓުތައް އެމްއެމްޕީއާރުސީއާ އެކު ބައިވެރިވެ އެވެ.

އެގޮތުން ސަން ސިޔާމް ރިސޯޓްސް އާއި ވިލާ ހޮޓެލްސް އާއި އަދާރަން ރިސޯޓާއި ލޯމާ ރިސޯޓްސް މޯލްޑިވްސް އާއި އަނަންތަރަ ކިހާވަށް ރިސޯޓާއި ކްރޯން ޓުއާސް އާއި ލެޓްސްގޯ މޯލްޑިވްސް، ޓްރޭވް މޯލްޑިވްސް ފަދަ ފަރާތްތައް ފާހަގަކޮށްލެވެ އެވެ.

އެ ރޯޑްޝޯތަކުގެ ސަބަބުން މެދު އިރުމަތީގެ ޓްރެވަލް އެޖެންޓުންނާއި ރާއްޖޭގެ ޓޫރިސްޓު ރިސޯޓް އަދި ހޮޓާތަކާއި އެޖެންޓުން ގުޅުވައިދޭނެ އެވެ. އޭގެ އިތުރުން އެ ސަރަހައްދުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހުރި ފުރުސަތުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ލިއްބައިދޭނެ އެވެ.

އެ އިވެންޓަކީ ވެސް އަންނަ އަހަރު ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ރައީސް ޔާމީން ކަނޑައަޅުއްވާފައިވާ ޓާގެޓް، 1.5 މިލިއަން ފަތުރުވެރިން ގެނައުމަށް ކުރިއަށްގެންދާ "ވިޒިޓް މޯލްޑިވްސް އިޔާ 2016" ކެމްޕެއިންގެ ހަރަކާތެކެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވިދާޅުވީ، ފަތުރުވެރިން އަންނަ އަދަދު އިތުރުކުރުމަށް މިޑްލް އީސްޓުގައި އިތުރު ހަރަކާތްތައް ހިންގާނެ ކަމަށެވެ.

އިއްޔެ ދުބާއީގައި ބޭއްވި ރޯޑްޝޯގައި ދުބާއީގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ 130 ފަރާތަކުން ބައިވެރިވި އެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް މެދުއިރުމަތީގެ ސަރަހައްދުތަކުން 19004 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. އެއީ މިދިޔަ 2014 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 6.8 ޕަސެންޓުގެ ކުރިއެރުމެކެވެ.

comment ކޮމެންޓް