ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދިގު މުއްދަތެއްގައި ގިނަ ގުނަ ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޙަމީދަކީ ދުވަހަކު ވެސް މީހަކާ މެދު ކުޑައިމީސް ބަހެއް ވިދާޅުނުވާ، ދޫފުޅުގެ ޢިއްފަތްތެރިކަން ރައްކާތެރި ކުރެއްވި ބޭފުޅެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އަލްމަރްޙޫމް ޢަބްދުﷲ ޙަމީދު،76، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ހިތާމައިގައި އެމަނިކުފާނުގެ ހަނދާނުގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ހުޅުވާފައިވާ ތަޢްޒިޔާގެ ދަފްތަރުގައި މިއަދު ސޮއި ކުރައްވައި ފާޅުކުރެއްވި ޝުއޫރުތަކުގައި ރައީސް މައުމޫން ވިދާޅުވީ "ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތްތެރި ވެރިޔާ، އަޅުގަނޑުގެ ލޮބުވެތި ކޮއްކޮ، ހ.މީނާޒް އޮނަރަބްލް އަލްއުސްތާޛް ޢަބްދުﷲ ޙަމީދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމަކީ، އަޅުގަނޑަށާއި އަޅުގަނޑުގެ ޢާއިލާއަށާއި އަދި މުޅި ދިވެހި ގައުމަށް ލިބުނު ވޭންދެނިވި ވަރަށް ބޮޑު ހިތާމައެއް" ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ އަލްމަރުހޫމް އަބްދުﷲ ހަމީދަކީ ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް، ތަފާތު ރޮނގުރޮނގުން 50 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ނުހަނު އިޚްލާޞްތެރިކަމާއި ވަފާތެރިކަމާ އެކު ގިނަގުނަ ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް، އަތޮޅުތަކުގެ ދާއިރާއަށާއި ތަޢުލީމީ ދާއިރާއަށާއި ރައްޔިތުންގެ މަޖިލީހަށް ވަރަށް އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވި ލާމަސީލު ބޭފުޅެއް ކަމަށެވެ.
އަދި ރައީސް މައުމޫން ވިދާޅުވީ އަލްމަރްޙޫމް ޢަބްދުﷲ ޙަމީދަކީ، އޯގާތެރި ބައްޕައެއް ކަމަށާއި ވަފާތެރި ފިރިކަލެއް ކަމަށެވެ.
"އަޅުގަނޑުދެކެ ވަރަށް ބޮޑަށް ލޯބިފުޅުވާ އަބަދުމެ އެހީތެރިވެދެއްވި ލޮބުވެތި އަޚެކެވެ. ވަރަށް މޮޅު އަދީބެކެވެ. ކުޅަދާނަ ގާނޫނީ ވަކީލެކެވެ. އެފަދަ ދެވަނައެއް ނެތް ވާހަކަދައްކުންތެރިޔެކެވެ. ރަސްމީ ގޮތުންނާއި އަމިއްލަ ފުޅުގޮތުން ވަރަށް ގިނަ ބަޔަކަށް ކުރިއެރުމާއި ތަރައްގީ ޙާޞިލުކޮށްދެއްވި ވަރަށް ގިނަ ބަޔެއްގެ އުންމީދުތައް ޙަގީގަތަކަށް ހައްދަވައިދެއްވި ބޭފުޅެކެވެ. ޚުލްޤުފުޅު ހެޔޮ، ދީންވެރި، އެންމެންނާ ރަޙްމަތްތެރިކަން ބެހެއްޓެވި ބޭފުޅެކެވެ. ދުވަހަކު ވެސް މީހަކާމެދު ކުޑައިމީސް ބަހެއް ވިދާޅުނުވާ، ދޫފުޅުގެ ޢިއްފަތްތެރިކަން ރައްކާތެރި ކުރެއްވި ބޭފުޅެކެވެ. އެންމެންގެ ލޯތްބާއި ތަޢުރީފާއި ސަނާ ޙާޞިލުކުރެއްވި ބޭފުޅެކެވެ." ރައީސް މައުމޫން ވިދާޅުވި އެވެ.
އަަބްދުﷲ ހަމީދަކީ ރައީސް މައުމޫންގެ އަޚެއްގެ ގޮތުން، އަބަދުވެސް ލޯތްބާއި އެހީތެރިކަން އެ މަނިކުފާނަށް ފޯރުއްވައި ދެއްވި ބޭފުޅެއް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
"ތަޢްލީމު ޙާޞިލް ކުރުމަށް ޓަކައި އަޅުގަނޑު ރާއްޖެއިން ބޭރުގައި ހުރި ދިގުމުއްދަތުގައި އަބަދުވެސް ސިޓީގެ ޒަރީޢާ އިން އަޅުގަނޑާ ގުޅުއްވައި އަޅުގަނޑުގެ އެކަނިވެރިކަން ފިލުއްވައިދެއްވި ލޮބުވެތި އަޚެކެވެ. މާލެއައުމަށް ފަހު އަޅުގަނޑަށް ދިމާވި އެކިއެކި ދަތި ޙާލަތުތަކުގައި ވެސް އަބަދު ވެސް ލޯތްބާއި އެހީތެރިކަން ފޯރުއްވައި ދެއްވި ބޭފުޅެކެވެ. އަދި އަޅުގަނޑު ރައީސް ކަމުގައި ހުރި ދުވަސްވަރު، އަޅުގަނޑު އެމަނިކުފާނާ ޙަވާލުކުރި ކޮންމެ ކަމެއް ނުހަނު ގާބިލުކަމާއި އިޚްލާޞްތެރިކަމާ އެކު ކޮށްދެއްވި ބޭފުޅެކެވެ. އަޅުގަނޑަށް އަބަދު ވެސް ހެޔޮ ނަސޭހަތާއި މަޝްވަރާ ދެއްވި ބޭފުޅެކެވެ. އެމަނިކުފާނާއި އެމަނިކުފާނުގެ ލޮބުވެތި އަނބިކަނބަލުން ވަނީ ތައުލީމީ، ގައުމަށް ތެދުވެރި، ޚިދްމަތްތެރި ބޭފުޅުންތަކެއް ތަރްބިޔަތު ކޮށްދެއްވާފަ އެވެ. ހުރިހާ ގޮތަކުން ވެސް އެމަނިކުފާނަކީ، ނަމޫނާ ޝަޚްޞިއްޔަތެކެވެ. އަދި އެމަނިކުފާނުގެ ޢާއިލާއަކީ، ނަމޫނާ ޢާއިލާއެކެވެ." ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ތައުޒިޔާގެ ދަފުތަރުގައި އަބްދުﷲ ހަމީދާ ބެހޭ ގޮތުން ފާޅުކުރެއްވި ޝުއޫރު ނިންމަވާލެއްވީ، "މާތް ﷲ، އެ މާތް މަރްޙޫމްގެ ފުރާނަފުޅަށް ރަޙްމަތް ލެއްވުން" އެދި ދުވާކުރައްވަމުންނެވެ. އަދި "އެމަނިކުފާނުގެ ބޭފުޅުންނަށާއި ޢާއިލާއަށް އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާގެ ފަރާތުން ނުހަނު އިޚްލާޞްތެރިކަމާ އެކު، ތަޢްޒިޔާ ދަންނަވަމުން" ނެވެ. އަދި "އެބޭފުޅުންނަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދި ދުޢާ ކުރައްވަމުން"ނެވެ.