ހުޅުމާލެއިން ގޯއްޗާއި ފްލެޓް ލިބުމުން މާލެއިން 500 ވަރަކަށް ބިން ދޫކޮށްލާފައިވޭ: މިނިސްޓަރު

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ހުޅުމާލެއިން ބިން ނުވަތަ ފްލެޓް ލިބުމުން ނުވަތަ މާލެއިން ފްލެޓް ލިބުމުން މާލޭގައި ހުރި އަމިއްލަ ބިންތަކުގެ ތެރެއިން 507 ބިން ދައުލަތަށް ދޫކޮށްލާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސޯޝަލް ކައުންސިލުން ނިންމާފައިވާ ނިންމުންތަކަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ، އެގޮތަށް ދޫކުރާ ބިންތައް ބެނުންކުރާނެ ނުވަތަ އެތަންތަނާ ގުޅޭ ގޮތުން މީގެކުރިން ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

ނަމަވެސް މިހާރު އެ ތަންތަން ބޭނުންކުރާނެ ގޮތެއް، ދިރާސާތަކެއް ކުރުމަށް ފަހު ސޯޝަލް ކައުންސިލުން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން އެ ބިންކޮޅުތަކަކީ ދައުލަތުން އެތަނުގައި ވަކިން އިމާރާތެއް ހަދައިގެން ނުވަތަ ވަކި ކަމަކަށް ބޭނުންކުރެވޭ ވަރަށް ވުރެ ކުޑަ ބިންކޮޅެއް ނަމަ ކައުންސިލުން ނިންމީ އެ ބިންކޮޅެއްގެ ދެންތިބި ބެހެނިވެރިންނަށް އެ ބިންކޮޅެއް ގަތުމުގެ ފުރުސަތު ހުޅުވާލަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިސާލަކަށް ގޯތީގެ ތެރޭގައި ވަކިން އިންނަ ތަންކޮޅެއް ދޫކޮށްފައި އެހެންތަނަކަށް ބަދަލުވެފައިވާ ނަމަ އެ ބިންކޮޅު އަޅުގަނޑުމެންނަށް ބޭނުންހިފޭނެ އެހެން ގޮތެއް ނެތްކަމަށް ވަންޏާ އެ ބިންކޮޅު އެ ގޯތީގައި ހިމެނޭ އެހެން ބެހެނިވެރިންނަށް ވިޔަފާރީގެ އުސޫލުން ގަތުމުގެ ފުރުސަތު ސަރުކާރުން ކަނޑައަޅާއަގެއްގައި ދިނުން މިއީ އަޅުގަނޑުމެން ވިސްނާފައި އޮތް ގޮތް،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ސަރަހައްދަކީ ޕާކް ކުރުމުގެ ޖާގަ ދަތި، ބާރުބޮޑު ސަރަހައްދަކަށް ވާނަމަ އެ ބިންކޮޅެއް ޕާކިން އޭރިއާއެއްގެ ގޮތުގައި ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ޕާކިންގެ ގޮތުގައި ބޭނުން ނުކުރެވޭނެ ތަނެއްނަމަ ގްރީން އޭރިއާ ނުވަތަ ޕާކެއްގެ ގޮތުގައި އެތަނެއް ތަރައްގީކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ޕާކިން ހަދާއިރުގައި އަޅުގަނޑުމެން މި ވިސްނަނީ ބޭރުގައުމުތަކުގައި ހުންނަގޮތަށް ކުޑަކުޑަ ބިންކޮޅަކުން އެތަނުގައި ބެހެއްޓޭ ޕާކިން ސިސްޓަމެއްގެ ބޭނުން ހިފައިގެން ގިނަ ވެހިކަލްތަކެއް އޭގެތެރޭގައި ޕާކްކުރެވޭ ފަދަ ސިސްޓަމްތަކެއް އެ ތަންތަނުގައި ބަހައްޓަން،" މުއިއްޒު ވިދާޅިވި އެވެ.

އޭގެ އިތުރުން "ޔުޓިލިޓީސް" ނުވަތަ އެމްޑަބްލިއުއެސްސީ، ސްޓެލްކޯ ފަދަ ކުންފުނިތަކުން މަގުތަކަށްވާގޮތަށް ބަހައްޓާފައި ހުންނަ ތަކެތި އެ ކުދި ބިންތަކުގެ ތެރެއަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް