އަތޮޅުތަކުގައި ހުރި ޕްރީސްކޫލްތައް އެޑިއުކޭޝަން މިނިސްޓްރީއަށް ބަދަލުކުރަނީ

 މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އަންނަ އަހަރުން ފެށިގެން އަތޮޅު ތެރޭގެ ހުރިހާ ރަށެއްގައި ހުރި ޕްރީ ސްކޫލްތައް އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް ކައުންސިލުން ނިންމާފައިވާ ނިންމުންތަކަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، އެގޮތަށް ނިންމާފައި ވަނީ ރަށްރަށުގައި ހިންގާ ޕްރީ ސްކޫލްތަކުން ނުކުންނަ ދަރިވަރުންނަނީ ސްކޫލް ފެށުމަށް އެންމެ އެކަށޭނަ ކުދިންނަށް ހެދުމަށް ކަމަށެވެ.

"ސޯޝަލް ކައުންސިލެއްގައި މިހާރު އަޅުގަނޑުމެން ނިންމާފައި މިއޮތީ 2016 އިން ފެށިގެން ރާއްޖޭގެ އަތޮޅުތެރޭގައި ހުރި ހުރިހާ ޕްރީސްކޫލްތައް އަޅުގަނޑުމެންގެ ޕްރީ ސްކޫކްތަކުގެ ތެރެއަށް ނުވަތަ އެ ސްކޫލްތަކުގެ ހިޔާވަހިކަމުގެ ދަށަށް ގެނެސްގެން އެތަންތަނުގައި އަޅުގަނޑުމެން ޕްރީ ސްކޫލްތައް ހިންގާގޮތަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަތޮޅުތަކުގައި ހުންނަ ޕްރީ ސްކޫލްތައް އެ މިނިސްޓްރީގެ ސްކޫލްތަކުގެ ދަށުން ހިންގަން ބަދަލުކުރި ނަމަވެސް، މާލޭގައި ހުރި ޕްރީ ސްކޫލްތަކުގެ ހިންގުމަށް ބަދަލެއް ނާންނާނެ ކަމަށެވެ.

"މިގޮތަށް ބަދަލުކުރި ނަމަވެސް ބައެއް ބެލެނިވެރިން ބޭނުންވޭ އެބަ އަމިއްލަ ފަރާތްތަކުން ހިންގާ ޕްރީ ސްކޫލްތަކަށް ވެސް ދަރިވަރުން ގެންދަން. އެހެންވީމަ އަމިއްލަ ފަރާތްތަކަށް ވެސް ޕްރީ ސްކޫލް ހިންގުމުގެ ފުރުސަތު އޮންނާނެ. އަދި އަޅުގަނޑުމެންގެ ސްކޫލްގައި އެލްކޭޖީ އަދި ޔޫކޭޖީ ކިޔަވައިދޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެގޮތަށް ބަދަލުވުމާ އެކު، މިހާރު ދަރިވަރުން ސްކޫލްގައި ހޭދަކުރާ މުއްދަތަކީ 10 އަހަރު ނަމަވެސް، ކުރިއަށް އޮތްތާގައި އެލްކޭޖީ އަދި ޔޫކޭޖީ ހިމަނައިގެން ކުދިން ސްކޫލްގައި 12 އަހަރު ހޭދަކުރާނެ ކަމަށެވެ. އަދި އެ ތަންތަނުގައި އުޅޭ މުއައްޒަފުން ކޮންޓްރެކްޓް އުސޫލުން ދެ އަހަރު ގެންގުޅުމަށް ފަހު، ތަމްރީނު ދީގެން ސިވިލްސާވިސް މުއައްޒަފުންނަށް ބަދަލުވާނެ ކަމަށެވެ.

"މީގައި ރައީސް ޔާމީންގެ އެންމެ ބޮޑު ވިސްނުންފުޅަކީ ގްރޭޑް އެކަކަށް ކުދިން ވަންނަ އިރު އެ ކުދިންނަކީ ހަމަ ރަނގަޅަށް އެކަށީގެންވާ ތައްޔާރީތައް ވެގެން އަންނަ ކުދިންނަށް ވުން،" މިނިސްޓަރު އައިޝަތު ވިދާޅުވި އެވެ.

މިނިސްޓްރީން އެގޮތަށް ނިންމާފައިވާ އިރު، އަތޮޅުތަކުގައި ހިންގާ ގިނަ ޕްރީ ސްކޫލްތަކަކީ އެ ރަށެއްގެ ކައުންސިލުން ހިންގަމުން އަންނަ ތަންތަނެވެ.

އޭގެ އިތުރުން މާލޭގައި ހިންގާ އަވަށު މަދަރުސާތައް ވެސް އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް