އައިޖީއެމްއެޗްގެ ސީލިންގް ފޫވެއްޓި ފެން ފައިބަނީ

އައިޖީއެމްއެޗްގެ ތެރޭ ފެންބޮޑުވެފައި: ސަންފޮޓޯ--ހާފިޒް

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ ސީލިންގެ ބައެއް ދިމަދިމާލުން ފޫވެއްޓި، ފެން ފޭބުމުގެ ސަބަބުން ހިދުމަތް ހޯދަންދާ ފަރާތްތަކަށް އުނދަގޫތަކާ ކުރިމަތިވެއްޖެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބް މިއަދު ވިދާޅުވީ ހޮސްޕިޓަލުގެ ކޮރިޑޯތަކާވީ ފަޅިއަށް ފެންފައިބަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ އެއްވެސް ހިދުމަތަކަށް ބުރޫނާރާ. ޕޭޝަންޓުން ތިބޭ ސަރަހައްދަށް ފެންފައިބާތީ ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އުނދަގޫވާނެ ދެއްތޯ،" ޒީނަތު ވިދާޅުވި އެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިއަދު އާދަޔާ ހިލާފަށް ބޯކޮށްވާރޭ ވެހުމުގެ ސަބަބުން ސީލިންގަށް ފެންއެޅި ފެނުގެ އިތުރު މައްސަލަތައް ހޮސްޕިޓަލުގެ އެކި ދިމަދިމާއިން ދިމާވަމުންދާ ކަމަށެވެ. އަދި ހޮޕިސްޕިޓަލުގައި ބޮޑެތި މަރާމާތުގެ މަސައްކަތްތައް ކުރަމުން އަންނަ އިރު، އެފަދަ ކަންކަންދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެބަޔާނުގައިބުނެފައިވެ އެވެ.

އެފަދަ ކަންކަމުން ހޮސްޕިޓަލުގެ ހިދުމަތް ހޯދަމުން އަންނަ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހޮސްޕިޓަލުން ވަނީ މައާފަށް އެދިފަ އެވެ. އަދި އެ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އައިޖީއެމްއެޗްގެ ބަޔާނުގައިވެ އެވެ.

މިއަދު ވާރޭވެހެން ފެށުމާ އެކު އައިޖީއެމްއެޗްގެ ސީލިންގުން ފެންފައިބާ މައްސަލަ ދިމާވި އިރު، މީގެ ހަތަރު ވަރަކަށް ދުވަސްކުރިން ވަނީ ވާރޭ ވެހުމުގެ ސަބަބުން ސީލިންގް ފޯވެގެން އައިޖީއެމްއެޗްގެ ބަލީމީހުން ވެސް ތިބި ވޯޑެއްގެ ސީލިންގުން ބައެއް ވެއްޓިފަ އެވެ. އަދި މީގެ ކުރިން ވެސް އައިޖީއެމްއެޗުގެ ސީލިންގުން ފެންފައިބާ ފަހަރުތަކުގައި ބާލިދީ ބަހައްޓަން ވެސް ޖެހިފައި އެބަހުއްޓެވެ.

comment ކޮމެންޓް