ދ. މާއެނބޫދުގައި، އަންހެނަކު ބަނޑަށް ހަތަރު މަހުގައި ދަރިފުޅު އެބޯޓުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ ދ. އަތޮޅު ހޮސްޕިޓަލުން ދިން މައުލޫމާތަކާ ގުޅިގެން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަނީ އެމީހާގެ ބަނޑަށް ހަތަރު މަހުގައި ދަރިފުޅު އެބޯޓުވިކަން އެއްވެސް ފަރާތަކަށް ނާންގައި ދަރިފުޅު ވަޅުލުމުންނެވެ. އަދި ހޮސްޕިޓަލަށް އަންހެން މީހާ ދިޔައީ ލޭމަނާ ނުވެގެންނެވެ. ސަން އަށް އެނގިފައިވާ ގޮތުގައި މާއެނބޫދޫ ގަބުރުސްތާނު ވަނީ ބަންދުކޮށްފަ އެވެ. އަދި އެ ތަން ކޮނެފައިވާ ކަމުގެ ނިޝާންތަކެއް ވެސް ފެންނަން އެބަހުއްޓެވެ.
އެކަމާ ގުޅިގެން އެ ރަށު ކައުންސިލުން ބުނީ އެފަދަ އަޑުތަކެއް ފެތުރިފައިވީ ނަމަވެސް މާބޮޑު ތަފްސީލެއް ނުލިބޭ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައެއްނުވެ އެވެ.