މާއެނބޫދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ދެހެކްޓަރުގެ ބިން ވަކި ރަށެއްގެ ގޮތުގައި ހިއްކަނީ

މާއެނބޫދޫގައި 30 ހެކްޓަރު ބިން ހިއްކަދޭއިރު ދެ ހެކްޓަރުގެ ބިން ވަކި ރަށެއްގެ ގޮތުގައި ހިއްކަން ނިންމައިފި -- ފޮޓޯ/ރައީސް އޮފީސް

ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ފަދައިން ދ. މާއެނބޫދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ދެ ހެކްޓަރުގެ ބިން ވަކި ރަށެއްގެ ގޮތުގައި ހިއްކައިދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މި މަޝްރޫއުގެ ދަށުން އެރަށުގައި ހިންގަނީ 30 ހެކްޓަރުގެ ބިމެވެ.

މިއަދު މާއެނބޫދޫއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެރަށު ރައްޔިތުންނަށް އެންމެ ބޮޑުވެފައިވާ އެއް މައްސަލައަކީ ބިމުގެ ޖާގައިގެ ދަތިކަން ކަމަށެވެ.

"ބިމުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވެފައި މި އޮތީ. އެކި ރަށްރަށުގަ ރައްޔިތުން ބޭނުންވަނީ އެންމެ އިސްކަމެއް ދޭން އެކި ކަންކަމަށް. މި ރަށު ރައްޔިތުންނަށް އެންމެ އިސްކަންދޭ ކަމަކަށް ވެފައި ވަނީ ބިމުގެ މައްސަލަ ހައްލުކުރުން" ރައީސް ވިދާޅުވިއެވެ.

މާއެނބޫދޫގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ: ފޮޓޯ/ރައީސް އޮފީސް

އީއައިއޭ ފާސްވުމާއެކު ބިން ހިއްކުމުގެ މަސައްކަތް އަމަލީ ގޮތުން ފަށާނެކަމަށާއި ދެ ތިން ހަފުތާތެރޭގައި އީއައިއޭގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ހުއްޓިފައި ހުރި މަޝްރޫއުތައް އަންނަ މަހު ހުރިހާ ރަށެއްގައި ވެސް ފަށާނެކަން ފާހަގަކުރައްވާފައެވެ.

ބިމުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ބައެއް ރަށްރަށުގައި ވަނީ، ބޯހިޔާވަހިކަމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.

ރާއްޖޭގައި އެންމެ ބޮޑުވެފައިވާ އެއް މައްސަލައަކީ ވެސް ބޯހިޔާވަހިކަމުގެ މައްސަލައެވެ. އެހެންކަމުން އެ މައްސަލަ ހައްލުކުރަން ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ބަޖެޓަކީ ވެސް ބޯހިޔާވަހިކަމުގެ ބަޖެޓެއްކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވިއެވެ.

comment ކޮމެންޓް