އެމެރިކާގެ ރަހީނު ކެއިލާމޯލާ މަރާލުމުގެ ކުރިން އައިއެސް އިން ވަނީ އޭނާ ރޭޕްކޮށްފައި: އާއިލާ

އެމެރިކާގެ ޒުވާން އަންހެންމީހާ ކެއިލާ މޯލަރ މަަރުވުމުގެ ކުރިން

ވޮޝިންޓަން (އޮގަސްޓް 15) : އިރާގާއި ސޫރިޔާގެ ބޮޑުބައެއް ހިފައިގެންއުޅޭ އައިއެސް ޖަމާއަތުން ވަގަށްނެގުމަށް ފަހު މިދިޔަ ފެބްރުއަރީ މަހު މަރާލާފައިވާ އެމެރިކާގެ ރަހީނެއްކަމަށްވާ ކެއިލާ މޯލަރ ގެ ފުރާނަ ދުއްވާލުމުގެ ކުރިން އައިއެސްގެ ވެރިޔާ އަބޫބަކްރުލްބަޣްދާދީ އެތައް ފަހަރަކު އޭނާ ރޭޕްކޮށްފައިވާކަން އޭނާގެ އާއިލާއި ން ހާމަކޮށްފި އެވެ.
މޯލަރގެ އާއިލާއާ ހަވާލާދީ އެމެރިކާގެ އޭބީސީ ނިއުޒް ބުނި ގޮތުގައި އުމުރުން 28 އަހަރުގެ އެމެރިކާގެ ޒުވާން އަންހެންމީހާ ކެއިލާ މޯލަގެ ފުރާނަ ދުއްވާލުމުގެ ކުރިން އޭނާއާ ޖިންސީގޮތުން ބެހި އޭނާ ރޭޕްކޮށްފައި ވަނީ އައިއެސްގެ ވެރިޔާ އަބޫބަކުރުލްބަޣްދާދީ އެވެ. މޯލަރގެ އާއިލާ ބުނާ ގޮތުން އެއާއިލާއަށް މިކަން އަންގާފައި ވަނީ އެމެރިކާގެ ޖާސޫސީ މަސްއޫލުވެރިން ކަމަށްވެ އެވެ. އެމެރިކާގެ ޖާސޫސުން ބުނާގޮތުން ބަޣްދާދީ ވަނީ ކެއިލާ ހައްޔަރުކޮށްފައި ހުންނަ ކޮޓަރިއަށް އެތައް ފަހަރަކު ގޮސް އޭނާ ރޭޕްކޮށްފަ އެވެ. ނަމަވެސް މިއީ ތެދެއްކަންނުވަތަ ނޫންކަން މުސްތަގިއްލު ފަރާތަކުން ސާފުވެފައެއް ނުވެ އެވެ.
އައިއެސްގެ ވެރިޔާ އަބޫބަކުރުލްބަޣްދާދީ އަކީ އެމެރިކާ ސިފައިން އިރާގަށް އަރައި ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ޝިކާރައަކަށްވި އިރާގުގެ ސުންނީންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެމެރިކާ އިން ބަޣްދާދީ ޖަލަށްލައި އޭނާ އަށް ބޮޑެތި އަނިޔާތަކެއްދީފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އައިއެސްއަކީ ބަދަލު ހިފުމުގެ ރޫހެއްގައި އިރާގާއި ސޫރިޔާގެ ޝިޔަޢީންނާ ދެކޮޅަށް ހަރަކާތްތެރިވާ ހަރުކަށި ޖަމާއަތެކެވެ. ނަމަވެސް އެޖަމާއަތުގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް ޝިޔައީންގެ އިތުރުން އެޖަމާއަތުގެ ފިކުރާ އިދިކޮޅު ސުންނީންވެސްވަނީ ވެފަ އެވެ. ސުންނީންގެ ހަތިޔާރުއެޅި ޖަމާއަތްތައް ކަމަށްވާ ޖަބްހަތުއްނުސްރާ ފަދަ އެތައް ޖަމާއަތްތަކީ އައިއެސްގެ ނަޒަރުގައި މަރު ހުއްދަ ބައެކެވެ.

މިއާ އެކު އައިއެސްއިން އެންމެ ބޮޑަށް ހަނގުރާމަ ކުރަމުންގެން ދަނީ ވެސް އެޖަމާއަތާ ވާދަވެރި ސުންނީ ޖަމާއަތްތަކާ ދެކޮޅަށެވެ. މިގޮތުން ޖަބްހަތުއްނުސްރާއަކީ އައިއެސްގެ އެންމެ ބޮޑު ދުޝްމަން އެވެ. މީގެ އިތުރުން އިރާގުގެ ބައިމަދު ޔަޒީދީ ދަރިކޮޅުގެ މީހުން ވެސް އައިއެސްގެ ޝިކާރައަކަށްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އައިއެސް ގެ އަތްދަށުގައި ރަހީނެއްގެ ގޮތުގައި ހުރި އެމެރިކާގެ ޒުވާން އަންހެންމީހާ ކެއިލާ މޯލާ މަރާލީ އައިއެސްއިންގެ ހަނގުރާމަވެރިން އޭނާ ކަތިލާލައިގެން ކަމަށް އެމެރިކާ ގެ ޖާސޫސީ ރިޕޯޓްތައް ބުނި ނަމަވެސް އައިއެސް އިން ބުނެފައި ވަނި ކެއިލާ މަރުވީ އޭނާ ހައްޔަރުކޮށްފައިވާ ތަނަށް އެމެރިކާގެ މަތިންދާބޯޓުތަކުން މިދިޔަ ފެބްރުއަރީ މަހު ދިން ވައިގެ ހަމަލާތަކެއްގައި ކަމުގަ އެވެ.

އައިއެސްއިން ކެއިލާ ވަގަށްނަގާފައިވަނީ ސޫރިޔާގެ ހަނގުރާމައިގާ ހާލުގައި ޖެހިފައިވާ އެގައުމުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް މިދިޔަ އަހަރު ތެރޭގަ އެވެ. އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ނަމުގައި ކެއިލާ ހަރަކާތްތެރިވަމުން ދިޔައީ ޖާސޫސެއްގެ ގޮތުގައި ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އޭނާ ވަގަށްނެގި ސަބަބު އައިއެސްއިން ހާމަކޮށްފައެއް ނުވެ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް