ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ތިން މެމްބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ އެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އިން ރުހުން ދީފި އެވެ.
އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދެއްވި ބޭފުޅުންނަކީ ވަނީ ހ. ހަބަރުގޭ އައިމިނަތު އީނާސް އާއި މ. ކޮރަލް ގާޑްންސް އާއިޝަތު އަފްރީން މުހައްމަދުގެ އިތުރުން ޏ. ފުވައްމުލަކު ފާތު، ޝިފާގު މުފީދެވެ.
އީނާސް އަށް ރުހުން ދޭން ފެންނަ ކަމަށް 64 މެމްބަރުން ވޯޓު ދެއްވި އިރު އާއިޝަތު އަފްރީނަށް ރުހުން ދިނުމަށް ވޯޓު ދެއްވީ 59 މެމްބަރުން ނެވެ. އަދި ޝިފާގު މުފީދަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 50 މެމްބަރުން ނެވެ.
އެޗްއާރްސީއެމްގެ މެމްބަރުންގެ ޖުމުލަ އަދަދަކީ ފަހެކެވެ. އެ ފަސް މެމްބަރުންގެ މަގާމުގެ މުއްދަތު މި އަހަރުގެ ތެރޭގައި ހަމަވެ އެވެ.
އެޗްއާރުސީއެމްގައި ތިއްބެވި ފަސް މެމްބަރުންގެ ތެރެއިން ދައުރު ހަމަވަނީ އެ ކޮމިޝަންގެ ރައީސާއި މަރިޔަމް އަޒްރާ އަހުމަދާއި އެ ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު ތޮލާލް އަދި އެ ކޮމިޝަންގެ މެންބަރު ޖީހާން މުހައްމަދެވެ. އެ ތިން މެމްބަރުންގެ މަގާމުގެ މުއްދަތު މި މަހުގެ 17 ދުވަހު ހަމަވާނެ އެވެ.