ތިން ރިޔަލުން ހިޔާކޮށްފައިވާ އިއްޒުއްދީން ފާލަން ހުޅުވައިފި

އިއްޒުއްދީން ފާލަން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ

މިނިވަން 50 އާ ގުޅިގެން އަލުން އިމާރާތްކޮށްފައިވާ ރަސްމީ ފާލަމަށް "އިއްޒުއްދީނު ފާލަން"ގެ ނަމުގައި މިރޭ ހުޅުވައިފި އެވެ.

މިރޭ 9:30 ގައި ރަސްމީ ފާލަން ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ފާލަން ހުޅުއްވައި ދެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި ޗީފް އޮފް ޑިފެންސް ފޯސް އަހްމަދު ޝިޔާމްގެ އިތުރުން ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދެވެ.

އިއްޒުއްދީން ފާލަން ހުޅުވުމުގެ ގޮތުން މިރޭ ވަނީ ހަވާވެސް އަރުވާފަ އެވެ. އެ ފާލަން ހުޅުވުމާ އެކު ދައުލަތުގެ ބައެއް ވަޒީރުންނާއި ދައުލަތުގެ އެކި މަގާމްތައް ފުރުއްވަމުން ގެންދަވާ ބޭފުޅުންގެ އިތުރުން ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުން ވަނީ ލޯންޗެއްގައި އެ ފާލަމަށް ވަޑައިގެންފަ އެވެ.

އެންމެ ފުރަތަމަ ފާލަމަށް ފައިބައިވަޑައިގަތީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ. އެމަނިކުފާނާ އެކު ލޯންޗުން އެ ފާލަމަށް ފައިބައިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެ ކަނބަލުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާއި އެ ޕާޓީގެ ނައިބު ލީޑަރު އަލީ މައުރޫފްގެ އިތުރުން ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ލަތީފް ހިމެނިވަޑައިގަންނަވަ އެވެ.

ރަސްމީ ފާލަން އަލުން ހަދާފައިވާ ގޮތުގެ ކުރެހުމެއް --- ފޮޓޯ: އެމްއެންޑީއެފް

ރަަސްމީ ފާލަމަށް ފައިބައިވަޑައިގަތުމަށް ފަހު އެބޭފުޅުން ވަނީ ރައީސް ޔާމީނާއި ނައިބު ރައީސް އަހްމަދު އަދީބް އަބްދުލްޣަފޫރާ ސަމާން ކުރައްވާފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް އަހްމަދު ޝިޔާމް ވިދާޅުވީ މިފަދަ ގޮތަކަށް ރަސްމީ ފާލަން ޑިޒައިން ކުރެވުނީ ރައީސް ޔާމީންގެ ހިކުމަތްތެރި އަދި އެހާމެ ކްރިއޭޓިވް ޚިޔާލުފުޅުގެ ސަބަބުން ކަމަށެވެ.

ޝިޔާމް ވިދާޅުވީ އެ ފާލަން ބިނާކޮށްފައި ވަނީ ޗައިނާގެ ސަރުކާރުކާރުގެ ވެސް އެހީތެރިކަމާ އެކު ކަމަށާއި އެކަމަށް ޓަކައި އެ ގައުމުގެ ސަރުކާރަށް ޝުކުރު ދަންނަވާ ކަމަށެވެ.

މިފަދަ ކުރުމުއްދަތެއްގެ ތެރޭގައި މިފަދަ ފާލަމެއް ނޫނީ، މިފަދަ ސްޓްރަކްޗަރެއް އަޅުގަނޑުމެންނަށް ވުޖޫދަށް ގެނެވުނީ އަޅުގަނޑުމެންގެ އެކުވެރި ޗައިނާގެ، ސީނުކަރައިގެ ސަރުކާރުގެ އެހީއާ ވެސް އެއްކޮށް ޗީފް އޮފް ޑިފެންސް ފޯސް އަހްމަދު ޝިޔާމް

އިއްޒުންދީންގެ ފާލަން ބިނާކޮށްފައި ވަނީ އެމްޓީސީސީގެ ބުރަ މަސައްކަތުން ކަމަށ ފާހަގަ ކުރައްވައި ޝިޔާމް ވަނީ އެކުންފުންޏަށް ވެސް ޝުކުރުދަންނަވާފައެވެ.

ރަސްމީ ފާލަމަށް "އިއްޒުންދީނު ފާލަން"ގެ ނަމުން ނަން ދީފައިވާ އިރު "އިއްޒުއްދީނު ހިނގުން" ނަން ދީފައިވާ މަގެއް ވެސް މާލޭގައި އޮވެ އެވެ. ހަމައެއާ އެކު އެ މަގުގައި "އިއްޒުއްދީނު މިސްކިތް"ގެ ނަމުން ނަންދީފައިވާ މިސްކިތެއް ވެސް ހުރެ އެވެ.

ސުލްތާން ހަސަން އިއްޒުއްދީނަށް ނިސްބަތްކޮށް ރާއްޖޭގައި އަންނަނީ ޚާއްސަ ދުވަހެއް ވެސް ފާހަގަ ކުރަމުން ނެވެ. "ހުރަވީ ދުވަސް" ނިސްބަތްވާ ފަރާތަކީ ސުލްޠާން ޙަސަން ޢިއްޒުއްދީނެވެ. މަލާބާރީން ރާއްޖޭގައި ވެރިކަންކުރާތާ ހަތަރު މަސްވީ ފަހުން އެ މީހުންގެ އަތުން ދޮންބަންޑާރައިން ރާއްޖެ ސަލާމަތްކޮށްދިނީ 3 ޖުމާދުއްއާހިރާ 1166ގަ އެވެ.

comment ކޮމެންޓް