ފުޅަނދުތަކުން ގެނައި އުފަލުން، މެންދަމުގެ ނިދިވެސް ގެއްލިއްޖެ!؟

ފުޅަނދުތަކުގެ ތެރެއިން ކުޑަކުދިން ހެއްވާލި ފްރޯޒަން ކާޓޫނު ރަމްޒުކޮށްދޭ ފުޅަނދު: ސަން ފޮޓޯ/ އަލީ ނަސީރު

ފުޅަނދު ބުރު ބަލަން ކުދި ބޮޑު އެންމެން މާލޭ މަގުތަކަށް ޖަމާވާން ފެށީ މިރޭ އިރާކޮޅު 8:00 ގަ އެވެ. މަޖީދީމަގު ހުޅަނގު ފަރާތުން ފުޅަނދުބުރު ފެށުމާއެކު، މަޖީދީމަގުގެ ބޮޑު ބައެއްގައި މީހުން ތޮއްޖެހުނެވެ. އެއް ބަޔަކު މަސައްކަތް ކުރީ ރީތިކޮށް ފުޅަނދު ބުރު ބަލާލަން އެހެން މަގުތަކަށް ޖަމާވުމަށެވެ. ކުލަތަކުން ޒީނަތްތެރިކޮށްފައިވާ ފުލޯޓުތައް ބެލުމަށް ގޮސް ތިބި ތުއްތު ކުދިންނަށް ތަފާތު ހަދިޔާތައް ލިބުނެވެ. ދިއްލޭ ކުދި ގައުމީ ދިދަ އާއި މެޓާ ވެސް ލިބުނެވެ.

ސަރުކާރުގެ 24 އިދާރާއަކުން މުޅި ޖުމުލަ 34 ފުޅަނދެއް މާލޭގެ މަގު މައްޗަށް ނެރުނެވެ. އެ ފުޅަނދު ބުރުތައް ވެގެން ދިޔައީ ކުޑަކުދިންނަށް އުފާވެރިކަން ގެނުވި ފުޅަނދުތަކަކަށެވެ. އެގޮތުން ދައުލަތުގެ މާލީ ވުޒާރާ، ފިނޭންސް މިނިސްޓްރީން ތައްޔާރު ކޮށްފައިވާ ފުޅަނދު ވެގެން ދިޔައީ ކުޑަކުދިންގެ މެދުގައި މަގުބޫލު ކާޓޫނު ކެރެކްޓާއެއް އޭގައި ހުރި ފުޅަނދަކަށެވެ. އެއީ ނީމޯ ކާޓޫންގެ ކެރެޓާ ފެންނަ ކްލައުން ފިޝް އެ ފުޅަނދުގައި ހުރުމުންނެވެ.

މިރޭ ބޭއްވި ފުޅަނދުބުރުތަކުގެ ތެރެއިން: ސަން ފޮޓޯ/ އަލީ ނަސީރު

އެފުޅަނދުން ފޮނުވަމުން ދިޔަ ސައިބޯނި ބޮކިތަކުގެ މަޖަލުގައި ތުއްތު ކުދިން ކުޅެ ހެދި އެވެ.

ތުއްތު ކުދިންގެ ހިތްތަކަށް އިތުރު އުފާވެރި ކަމެއް ގެނުވައިދިން ފުޅަނދަކަށް ވެގެން ދިޔައީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ތައްޔާރުކޮށްގެން ނެރުނު ފުރޯޒަން ކާޓޫނުގެ ކެރެކްޓާ ހިމެނޭ "ސުނޯ ފުޅަނދެ"ވެ. އެ ފުޅަނދަކީ މާލޭގެ މަގުތަކަށް ސުނޯ ވެއްސާލި ފުޅަނދެކެވެ. އެ ސުނޯގައި ފިނީގެ އިހުސާސް ކުޑަކުދިންނަށް ކުރި އެވެ.

މުލިއާގެ ކައިރިންއަށް ކުޑަކުދިން ޖަމާވެފައި ތިއްބައި، ސުނޯ ފުޅަނދު ފެނުމާއެކު މުޅި އެ ސަރަހައްދުގައި ކުޑަކުދިންގެ އަޑުން ގުގުމާލި އެވެ. އޭރު ގަޑިން މެންދަމު 12:30 ވީ އެވެ.

މިރޭ ބޭއްވި ފުޅަނދުބުރުތަކުގެ ތެރެއިން: ސަން ފޮޓޯ/ އަލީ ނަސީރު

އ ެވަގުތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަނލުންނާއި ނައިބު ރައީސްގެ އިތުރުން ބައެއް ވަޒީރުން ވެސް ފުޅަނދު ބުރުތައް ބައްލަވާ ލެއްވުމަށް މުލިއާގެ ކުރިފުޅު މަތީގައި ތިއްބެވެ. އަދި ރައީސް އަބްދުﷲ ޔާމީނުގެ ދަރިކަލުންގެ އިތުރުން ވަޒީރުންގެ ދަރިން ވެސް އެތަނުގައި އަތުރާފައިވާ ގޮނޑިތަކެއްގައި އިށީންދެގެން ތިއްބެވެ.

ތުއްތު ކުދިން އެހާ ދިގު އިންތިޒާރެއް ކުރީ ސުނޯ ފުޅަނދު ދެކިލުމަށެވެ. ގިނަ ވަގުތު އެ މަންޒަރު ބަލަން މަޑުކޮށްލުމުން ލިބުނު އުފާ ވަރަށް ބޮޑެވެ، ތުއްތު ކުދިން އެ ފުޅަދުން އުދުއްސާލި ސްނޯގައި މަޖާކުރި އެވެ. ބައެއް ކުދިން އެ ފުޅަނދުން ފެނިގެން ދިޔަ ފުރޯޒަން ކާޓޫނުގައި އުޅޭ "އޯލާފް"އާ އެކު ސެލްފީ ނަގާ ހެދި އެވެ. އަދި އެ ކާޓޫނުގައި އުޅޭ ބައެއް ކެރެކްޓާތަކާ އެކީ ނަށާ ވެސް ހެދި އެވެ.

މިރޭ ބޭއްވި ފުޅަނދުބުރުތަކުގެ ތެރެއިން: ސަން ފޮޓޯ/ އަލީ ނަސީރު

ދައުލަތުގެ މުއައްސަސާތަކުން މިރޭ ނެރުނު ފުޅަނދުތަކަށް ގިނަ އަދަދެއްގެ ފައިސާ ވަނީ ހަރަދުކޮށްފައި އެވެ. އެގޮތުން ކޮންމެ ފުޅަނދަކަށް މަދުވެގެން ލައްކައެއްހާ ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މިރޭ ސަރުކާރުގެ އެކި މުއައްސަސާތަކުން މާލޭގެ މަގު މައްޗަށް ނެރުނު 34 ފުޅަނދުތަކުގެ ތެރެއިން ގިނަ ފުޅަނދުތަކުން ދައްކުވައި ދީފައި ވަނީ އެ މުއައްސަސާތަކުން ރައްޔިތުންނަށް ފޯރު ކޮށްދެމުން އަންނަ ހިދުމަތްތަކާއި އަދި ކުރިއަށް ރޭވިފައި ހުރި މަޝްރޫތަކެވެ.

އެގޮތުން ހައުސިން މިނިސްޓުރީން ވަނީ ރަށްރަށުގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަސައްކަތްތައް ދައްކުވައިދޭ ފުޅަނދެއްގެ އިތުރުން ގެދޮރުވެރިކަމުގެ ފުޅަނދެއް ވެސް ތައްޔާރު ކޮށްފަ އެވެ. ހަމައެއާއެކު މޯލްޑިވްސް ޕޯސްޓު ލިމިޓެޑުން ރާއްޖޭގެ ޕޯސްޓުގެ ހިދުމަތަށް ލިބިގެން ދިޔަ ކުރިއެރުންތައް ދައްކުވައިދޭ ފުޅަނދެއް ވަނީ ތައްޔާރުކޮށް އާންމުންނަށް ދައްކާލައިފަ އެވެ.

މިނިވަން 50 ގެ މުނާސަބަތުގައި މިރޭ ނެރުނު ފުޅަނދުބުރުގައި ތުއްތު ކުދިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ދިވެހި ކޮމޭޑިއަން ކުޑަފޫޅާއި ތަޖޫބު (ޝާޒު) ވެސް ވަނީ ފެނިގެންދިޔަ އެވެ. ދިވެހި ފިލްމީ ފަންނާނުން ތައްޔާރުކޮށްފައިވާ ފުޅަނދުން މި ތަރިން ފިނިގެން ދިޔަ ވަގުތަކީ ވެސް އާންމުންގެ ހަޅޭކުގެ އަޑު ގަދަވިގެން ދިޔަ ވަގުތެކެވެ.

މިރޭ ބޭއްވި ފުޅަނދުބުރުތަކުގެ ތެރެއިން: ސަން ފޮޓޯ/ އަލީ ނަސީރު

މުލިއާގެ ސަރަހައްދަށް ފުޅަނދުތައް ދިއުމާއެކު ބައެއް ފުޅަނދުތަކުން ވަނީ ސަގާފީ ބައެއް ހަރަކާތްތައް ދައްކުވައިދީފައި އެވެ. އެގޮތުން ބައެއް ފުޅަނދުތަކުން ސަގާފީ ކުޅިވަރެއް ކަމަށްވާ ދަނޑި ޖެހުމާއި ބޮޑުބެރުގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ހަމައެއާއެކު ބައެއް ފުޅަނދުތަކުގެ ބައިވެރިން ވަނީ ނެށުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.

ފަސް ގަޑިއިރަށް މާލޭގެ މަގުތަކުގައި ފުޅަނދުތައް ދުއްވަމުން ދިޔައީ ފުޅަނދު ބުރުތައް ދަތުރު ކުރަމުން ދަނީ ސޯޝަލް ސެންޓަރު ސަރަހައްދުން ފެށިގެން މަޖީދީމަގުން އިރަށް ގޮސް ސޯސަންމަގުން އުތުރަށް އަޅައި މެދުޒިޔާރަތް މަގުން ހުޅަނގަށެވެ. އެއަށް ފަހު ފަރީދީމަގުން ނަލަހިޔާ ކަންމަތިން މަޖީދީމަގަށް ނުކުމެ ހުޅަނގަށްގޮސް ބޮޑުތަކުރުފާނު މަގުން ދެކުނަށް ގޮސް ފުޅަނދު ބުރު ނިންމާލީ ބޮޑުތަކުރުފާނު މަގަށެވެ. އޭރު ގަޑިން އެކެއް ޖަހަނީ އެވެ.

ރާއްޖެއަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފާހަގަކުރުމުގެ ގޮތުން ބޭއްވި ފުޅަނދު ބުރު މާދަމާ ހަވީރު ވެސް ބޭއްވުމަށް ހޯމް މިނިސްޓުރީން ވަނީ ނިންމާފައި އެވެ. ފުޅަނދު ބުރުތައް މާދަމާ ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:00 ގައި އެވެ.

comment ކޮމެންޓް