ފުޅަނދުބުރު ފެށުން މިރޭ ސޯޝަލް ސެންޓަރު ކުރިމަތިން

މިނިވަން 50ގެ މުނާސަބަތުގައި ބާއްވާ ފުޅަނދުބުރު ފެށުމަށް ނިންމާފައި ވަނީ މިރޭ 8 ޖަހާއިރު ސޯޝަލް ސެންޓަރު ސަރަހައްދުން ކަމަށް ހޯމް މިނިސްޓްރީ އިން ބުނެފި އެވެ.

ސުނޯ ވެހޭ ފުޅަނދަކާ އެކު 33 ފުޅަނދު މިރޭ ދައްކާލާއިރު ހޯމް މިނިސްޓްރީ އިން ބުނީ މިރޭ 8 ޖަހާއިރު އެ ފުޅަނދު ބުރު ސޯޝަލް ސެންޓަރު ސަރަހައްދުން ފެށިގެން މަޖީދީމަގުން އިރަށް ގޮސް ސޯސަންމަގުން އުތުރަށް އަޅައި މެދުޒިޔާރަތް މަގުން ހުޅަނގަށް ދިއުމަށް ނިންމާފައިވާ ކަމަށެވެ. އެއަށް ފަހު ފަރީދީމަގުން ނަލަހިޔާ ކަންމަތިން މަޖީދީމަގަށް ނުކުމެ ހުޅަނގަށްގޮސް ބޮޑުތަކުރުފާނު މަގުން ދެކުނަށް ގޮސް ޕާކްކުރުމަށް ނިންމާފައި ވަނީ ބޮޑުތަކުރުފާނު މަގުގައި ކަމަށެވެ.

މިއަދު ހަވީރު 5:00 އިން ރޭގަނޑު 1:00 އަކަށް އެ މަގުތަކުގައި ޕާކް ކުރުމަކީ މަނާކަމެއް ކަމަށް ހޯމް މިނިސްޓްރީ އިން ބުންޏެވެ.

މާދަމާ ހަވީރު 4:00ގައި ބޮޑުތަކުރުފާނު މަގުގައި ފުޅަނދުތައް ދައްކާލަން ބަހައްޓަން ނިންމާފައިވާ ކަމަށް ވެސް ހޯމް މިނިސްޓްރީ އިން ބުންޏެވެ. ނަމަވެސް މާލޭގެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނު މަގުން ފުޅަނދުތައް ދައްކާލުމަށް ބާއްވާނީ ކޮން ސަރަހައްދެއްގައި ކަމެއް އެ މިނިސްޓްރީ އަކުން ނުބުނެ އެވެ.

މިނިވަން 50ގެ ތައްޔާރީތަކުގައި އިސްކޮށް ހަރަކާތްތެރިވާ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒު ސަލީމް) ވިދާޅުވީ މިރޭ ބާއްބާ އެފުޅަނދު ބުރުގައި ކުންފުނިތަކާއި ސަރުކާރު މުއައްސަސާތަކުން ތައްޔާރުކޮށްފައިވާ ތަފާތު ފުޅަނދުތައް ދައްކާލަން ނިންމާފައިވާ ކަމަށެވެ.

"ދިވެހި ރާއްޖޭގެ ތާރީހީ ސަގާފަތާއި މިއަދުގެ ޓެކްނޮލޮޖީ ފުޅަނދު ބުރުން ކުރިއާއި އަޅަބަލާއިރު ވަރަށް ހާއްސަ ކަންކަން ފެނިގެންދާނެ." ސަލީމް ވިދާޅުވި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިފަހަރު މިވަނީ ފުޅަނދުބުރަށް އިންގިލާބެއް ގެންނަން ތައްޔާރުވެފަ އެވެ. އެއީ ދިވެހިންނާއި ބީރައްޓެހި ސުނޯގެ އިހުސާސް ކުރެވޭ ފުޅަނދެކެވެ. އެމްއޭސީއެލް އިން ތައްޔާރު ކުރާ ފުޅަނދަކީ މާލޭގެ މަގުތަކަށް ސުނޯ ވެއްސާލާ ފުޅަނދެކެވެ. އެސުނޯގައި ފިނީގެ އިހުސާސް ކުރެވިގެންދާނެ އެވެ. އެހެން ކަމުން މިއީ ރާއްޖޭގެ ތާރީހުގައި ވެސް ސުނޯ "ވެހޭ" ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް