ކުޑަކުއްޖެެއްގެ ކައިރިން ވާން ބޭނުން ވަނީ ކާކަށްހޭ އަހައިފި ނަމަ ބުނާނީ "ބެންޓެން" ނުވަތަ "ޑޯރާ"ގެ ވާހަކަ އެވެ. އެއަށް ވުރެ ދޮށީ ކުއްޖެއް ނަމަ "ސުޕައިޑަމޭން" ނުވަތަ "ޖޭޒްލީން" އަކަށެވެ. އެހެންގޮސް މުޅިން ވެސް ނަމޫނާއަކަށް ބެލިފައި ހުންނަނީ ކާޓޫން ކެރެކްޓާތަކާއި ކުޅިވަރު ކުޅުންތެރިންނާއި ފިލްމު ކުޅޭ ތަރިންނެވެ. މިއީ މިއަދު މިގައުމުގެ ފަރުދުންގެ ހާލަތެވެ. މިނިވަން ކަމުގެ ރަންޔޫބިލް ފާހަގަކުރާ އިރު މިކަންކަމާ ވިސްނައިލާން އެބަޖެހެ އެވެ.
އަވަށްޓެރި އިންޑިއާގެ އެންމެ ތުއްތު ކުއްޖާއިން ފެށިގެން އެންމެ ދުވަސްވީ މީހާގެ "ހީރޯ" އަކީ މަހާތުމާ ގާންދީ އެވެ. ދުނިޔޭގެ އެހެން ގިނަ ގައުމުތަކުގައި ވެސް އެކަން އޮތީ އެހެނެވެ. އެ މީހުން އެންމެ ލޯބި ކުރާނީ އަދި އިބްރަތް ލިބިގަންނާނީ އެގައުމުތަކުގެ ބަތަލުންގެ ކިބައިންނެވެ. އެކަމަކު އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ އެއާ އިދިކޮޅެވެ. ސަބަބުތައް ގިނަ އެވެ.
މިގައުމަށް މިނިވަންކަން ލިބި ހަމަނޭވާ ލެވެނީ އެތައް ބައެއްގެ ގުރޫބާނީތަކެއްގެ ސަބަބުންނެވެ. ހިތާމައަކީ މިގައުމުގެ ފަރުދުން އެކަންކަން އެންމެ ރަނގަޅަށް އަގު ވަޒަން ނުކުރުމެވެ. ގައުމަށްޓަކައި ޖިހާދުވި ފަރާތްތަކުގެ އަގުވަޒަން ނުކުރެވޭއިރު އެކަންކަން އިހުސާސް ކުރެވޭ މީހަކުވެސް މަދެވެ. ޚާއްސަކޮށް ކުޑަކުދިންނާއި ޒުވާނުންގެ ތެރޭގައި އެކަން ކުޑައެވެ. ގައުމީ ބަތަލުންނާއި މެދު ފަޚުރުވެރި ނުވެވޭ ނަމަ އެފަދަ ބަތަލުން އުފެދުމުގެ ފުރުސަތު ކުޑަވެގެން ދެ އެވެ.
އިންސާނާއަށް ލޯބިވެވޭނީ އޭނާ ދަންނަ ނުވަތަ އޭނާ އަށް އެނގޭ އެއްޗެއް ދެކެ އެވެ. އޭނާއަށް އެކަމާ މެދު ފަހުރުވެރިވެވޭނީ އެކަމެއް އިހުސާސް ކުރެވިގެންނެވެ. ތާރީޚު ދިރާސާ ކުރާ އަދި އަދަބީ ދާއިރާގައި ހަރަކާތްތެރިވާ އާދަމް ނަސީރު އިބްރާހިމް ވިދާޅުވި ގޮތުގައި ދިވެހި ބަތަލުން ދެކެ ޒުވާނުންނަށް ލޯބި ނުވެވެނީ ބަތަލުންނަކީ ކޮން ބައެއް ކަން ޒުވާނުންނަށް ނޭނގޭތީ އެވެ. މަދުރަސީ ތައުލީމުގެ ދިގު ރާސްތާގެ ތެރެއިން އެއް ފިލާވަޅެއްގައި އެނަންފުޅުތައް އިވުމަކީ އެކަން އެނގުން ނޫން ކަމަށް އާދަމް ނަސީރު ވިދާޅުވި އެވެ.
"ހުރިހާވެސް މައްސަލައަކީ ނޭނގުން އަންގައިނުދެވުން. އަޅުގަނޑުމެންނަށް އުނގަންނައި ދެވެނީ ލަފުޒުގެ ފެންވަރުގައި. މަފްހޫމުގެ ފެންވަރުގައި އުނގަންނައެއް ނުދެވޭ. ނަތީޖާއަކީ ކުއްޖާއަށް ކަންކަމުގެ އިހުސާސް ފޯރާ މިންވަރަށް އޭނާ އަށް ކަންކަން ދޭހަވެފައި ނެތުން. އެހެންވީމާ ދެން ލޯތްބެއް ނޫފެދޭނެ ދެއްތޯ." އާދަމް ނަސީރު ވިދާޅުވި އެވެ.
މަހާތުމާގާންދީ އާއި ގުޅޭ ގޮތުން އެކި އުމުރާއި ގުޅޭ ފޮތްތައް ހުރެ އެވެ. ކުޑަ ކުދިން ކުލަ ޖައްސަން ބޭނުން ކުރާ ފޮތުން ފެށިގެންގޮސް ޕީއެޗްޑީއަށް ކިޔަވަން ބޭނުންކުރާ ފެންވަރަށް ދާންދެން ބޮޑެތި ދިރާސާތައް ކޮށް ލިޔެފައި ހުރެ އެވެ. އެގައުމުގައި ތާރީހާއި ބަތަލުންގެ ވާހަކަތައް ކިޔެވުމަކީ މަޖުބޫރު މާއްދާއެކެވެ. ނަތީޖާއަކީ އެގައުމުގެ އެންމެންގެ ހިތްތަކުގައި އެބަތަލުންގެ ޒިކުރާ ބިންވަޅު ނެގިފައިވުމެވެ.
މިރާއްޖޭގެ ތައުލީމީ ނިޒާމަށް ބަލާއިރު ގައުމަށްޓަކައި ގުރުބާންވެފައިވާ ބަތަލުންގެ ވާހަކަތައް ލިޔެވިފައި ވަނީ ވަރަށް ވެސް ފަނޑުކޮށެވެ. ތައުލީމީ ހަޔާތް ނިމޭއިރު އެނގިފައި މިއޮންނަނީ ބަތަލުންތަކެއްގެ ނަންތަކެއް އެކަންޏެވެ. އެބޭފުޅުންގެ އަގުހުރި ޖިހާދުގެ ވާހަކަ އޭގެ އަސަރާ އެކު ބުނެއެއް ނުދެވެ އެވެ. އެހެންވުމުން ބޮޑުތަކުރުފާނެއް އުތީމެއް އަޅުގަނޑުމެންގެ ދަރިން ނުދަނެ އެވެ. އެހެންވީމާ އެބޭފުޅުން ދެކެ ލޯބިވާކަށް ނޭނގެ އެވެ. ނަތީޖާއަކަށް ވެފައި ވަނީ އެބޭފުޅުންނާ މެދު ފަޚުރުވެރިވާނެ ދަރީންތަކެއް ނެތުމެވެ.
ގައުމީ ޔުނިވާސިޓީގެ ކުރީގެ ވައިސް ޗާންސެލަރު ޑރ. ހަސަން ހަމީދު "ދިވެހި ރާއްޖެ ނެތިދިއުން" ކަމަށް ސިފަކޮށް ވިދާޅުވާ ގޮތުގައި ރާއްޖޭގެ ތާރީހާއި އާދަކާދަތަކެއް މަދަރުސާގައި ކިޔަވައި ދެއްވަނީ 10 އަހަރުގެ ރަސްމީ ތައުލީމުގައި ހަމައެކަނި އެއް ގްރޭޑެއްގައި ދެތިން ހަފުތާ ވަންދެންދެން ކަމަށް ވާއިރު އެއީ "އަމާކީތީ ފަރަށްދާ ގޮތަށް" ކަންކުރުމެވެ. ސަބަބެއް ކަމަށް ވިދާޅުވީ އެ ފިލާވަޅުތައް ބޭރު މީހުން، ބޭރު ބަހަކުން ކިޔައިދެއްވުމެވެ.
ނަމަވެސް ތައުލީމ ބެހޭ ވުޒާރާއިން އެކަމަށް އެއްބަހެއް ނުވެ އެވެ. ކަރިކިއުލަމް ތައްޔާރު ކުރުމަށް ހަރަކާތްތެރިވާ އެޑިއުކޭޝަންގެ ސުޓޭޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ކުރިންސުރެ ވެސް އަދި މިހާރުވެސް އެކަށީގެންވާ ގޮތެއްގައި މާއްދާތަކުގައި ބަތަލުންގެ ވާހަކަ ހިމެނިފައި އެބަހުއްޓެވެ. ނަމަވެސް ބެލެނިވެރިން ހަމައެކަނި ނަތީޖާއަށް އިސްކަންދިނުމުން އެކަރިކިއުލަމްތައް ތަންފީޒު ކުރުމަށް ގޮންޖެހުންތަކެއް ހުރުމުން ސްކޫލުތަކާއި ބެލެނިވެރިން ވެސް އެކަމަށް އެއްބާރުލުން ދޭންޖެހޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"ގައުމީ އަބުތޯލުންގެ ޒިކުރާ އާ ކުރުމާއި އެމީހުންގެ އަގު ވަޒަން ކުރުމާއި އެކަންކަން އެންމެ ރަނގަޅު ގޮތެއްގައި ކުރިއަށް ގެންދެވޭނީ މިހާރު ތައާރަފުކުރަމުން އަންނަ ގައުމީ މަންހަޖު އޭގެ އެންެމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށް ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކާއި ބެލެނިވެރިން ވެސް ފުރިހަމަ އެއްބާރުލުން ދީގެން." ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަންހަޖުގައި ކުދިންގެ ކިބައިގައި ދިވެހި ވަންތަކަމާއި ގައުމިއްޔަތު ދިރުވުމާއި ދިވެހި އަބްތޯލުންގެ ޒިިކުރާ އާކުރުމަށް އެކި ހަރަކާތްތަކުގެ ތެރެއިން ކިޔައިދީ ހެދުމަށް ބާރު އެޅިފައިވާ ކަމަށެވެ.
ބޭރުގެ ބޭފުޅަކު ރާއްޖޭގެ ތައުލީމީ ދާއިރާއާއި ގުޅޭ ގޮތުން ހަދާފައިވާ ދިރާސާއެއްގައި ބުނަނީ އެންމެ ތުއްތު އިރު މާދަރީ ބަހުން ފިޔަވައި އެހެން ބަހަކުން ރާއްޖޭގައި ކިޔަވައިދިނުމަކީ މާދަރީ ބަހުގެ މައްޗަށް ދަރިވަރުންގެ ހިތްތަކުގައި އޮންނަ ލޯތްބާއި މާދަރީ ބަހާއި މެދު ދެކޭގޮތް ބަދަލުވެގެންދާނެ ކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން އެކުއްޖާ އަށް ގަބޫލު ކުރެވެނީ މާދަރީ ބަހަށް ވުރެ މޮޅީ އެހެން ބަސްތައް ކަމަށާއި އެކަމުގެސަބަބުން ބިދޭސީ އަހުލުވެރިން މޮޅުކަން ގަބޫލު ކުރެވޭނެ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ. މިއީ ދިވެހި ބަތަލުންނަށް ވުރެ އެހެންމީހުން މޮޅުކަމަށް ދެކެވޭ ސަބަބެކެވެ.
ބަތަލުންނާ މެދު ފަހުރުވެރި ނުވެވޭ އެހެން ސަބުތަކެއް ވެސް އެބަހުއްޓެވެ. އެގޮތުން ތައުލީމީ ނިޒާމުގެ އިތުރުން ގޭގެ ވެއްޓާއި މީޑިއާ އިން ވެސް އެކަން ޕުރޮމޯޓް ނުކޮށްދެވުން ހިމެނެ އެވެ. ކާޓޫން ކެރެކްޓާތަކުގެ މޮޅެތި ހުނަރުތައް ތުއްތު ކުދިންގެ ހިތްތަކުގައި ބިންވަޅު ނެގިފައި ވަނީ އެފަދަ ފިލްމުތައް ފެންނާތީ އެވެ. "އާނޯލްޑް" އާއި "ބުރުސްލީ"ގެ ހުނަރުގެ ވާހަކަ ދެކެވެނީ އެވީޑިއޯތައް ފެންނާތީ އެވެ.
އަޅުގަނޑުމެން ރާއްޖޭގެ ދިފާއުގައި އެތައް ބަތަލުންނެއް ޖިހާދު ވެފައިވާ އިރު ބަތަލުން ދައްކުވައިދޭ ފިލްމުތަކެއް ކަޓޫނުތަކެއް އަދި ވާހަކަތަކެއް އެކަށިގެންވާ ވަރަކަށް އުފެއްދިފައެއް ނެތެވެ. އެހެންކަމުން އެޖިހާދުތައް ސިފައެއް ނުވެ އެވެ. އެޖިހާދުގެ އަގުހުރި ވާހަކަތައް ތަފްސީލީ ގޮތަކަށް ހާމަކޮށެއް ނުދެވެ އެވެ.
އެހެން ސަބަބަކަށް ވެސް ބަލަމާތޯ އެވެ. ރާއްޖޭގައި ތާރީހު ގެންގުޅެވެނީ ވަރަށް ވެސް އަބުއިގޮތަކަށެވެ. ގިނަ މީހުން އެބަލާކަށް ނޫޅެ އެވެ. ދިވެހި ތާރީހު މަތީ ތައުލީމުގެ ތެރެއިން ކިޔަވައި ނުދެވޭތާ އެނގޭ މީހުން އަނެކާ އަށް ބުނެދޭން ކުރާ މަސައްކަތް ވެސް ކުޑަކަން ފާހަގަވެ އެވެ.
"އެނގޭމީހާއަށް ވުރެ އަނެކަކުގެ މަގުބޫލްކަން ބޮޑުވެދާނެތީ ހިފެހެއްޓުން އޮތީ، ދެން ހަމަ ބިރެއް ވެސް އޮންނަނީ ތިމަންނައަށޭ އެނގޭނީ، އެހެން މީހަކަށް ދީފިއްޔާ އޭނައަކަށް ނޭނގޭނޭ ރަނގަޅަށް ބުނާކަށް." ތާރީހު ދިރާސާ ކުރާ ބޭފުޅަކު ވިދާޅުވި އެވެ.
އިސްވެ ފާހަގަ ކުރި ސަބަބުތަކުން ސަލާމަތް ވާންޖެހެ އެވެ. ގައުމީ ރޫހު އާލާ ކުރަންޖެހެ އެވެ. ބަތަލުންގެ އަގު ވަޒަން ކުރަން ފިޔަވަޅުތަކެއް އަޅަން އެބަޖެހެ އެވެ. އެކަން ވާނީ ތައުލީމީ ދާއިރާއަށް ވެސް އެކަށިގެންވާ ބަދަލުތަކެއް ގެނެސްގެންނެވެ. ހަމަ އެހެންމެ ފަރުދީ ޒިންމާ ނަގައިގެންނެވެ. އެހެން ނޫން ނަމަ ޖީލަކަށް ފަހު ޖީލެއް ދާނީ ބެންޓެންގެ ނަމާނޫ ބަލަމުންނެވެ. މި މިނިވަންކަން ދަމަހައްޓަން އެދޭ ނަމަ ގައުމީ ބަތަލުންގެ އަގުހުރި ޖިހާދުގެ ވާހަކަތައް ދަސްކުރާން ޖެހެ އެވެ. އެޒިކުރާ އާކޮށް އެކަމާއި ފަހުރުވެރިވާންޖެހެއެވެ. އޭގެން އިބުރަތް ހޯދަން ޖެހެ އެވެ. އެވާހަކަތަކަކީ ހަމައެކަނި ތާރީޚުގެ ފަތްފުށްތަކާ އެކު ގެއްލި ނެތިގެންދާ އެއްޗަކަށް ވިޔަ ދީގެން ނުވާނެ އެވެ.