ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 42އަށް އަރައިފި

ޕާކިސްތާނުގެ ޕިޝާވަރުގައި ފެންބޮޑުވެފައިވާ މަގެއް ބަޔަކު ހުރަސްކުރަނީ-- ފޮޓޯ: އޭޕީ

ޕިޝާވަރު، ޕާކިސްތާން (އޭޕީ) - ވާރޭ ވެހުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައިވާ ޕާކިސްތާނުގެ އުތުރު ސަރަހައްދަށް މިއަދު އަނެއްކާވެސް ބޯކޮށް ވާރޭ ވެހިއްޖެއެވެ.

މީހުން ސަލާމަތް ކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން މިއަދު ބުނީ މަރުވެފައިވާ އިތުރު 24 މީހެއްގެ ހަށިގަނޑު މިއަދު ފެނިފައިވާ ކަމަށެވެ. އަދި އެހަށިތައް ފެނުމުން މަރުވި މީހުންގެ އަދަދު 42 އަކަށް އަރާފައިވާ ކަމަށް ވެސް ބުންޏެވެ.

ޕާކިސްތާނު ފުލުހުންގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލް ޢަބުދުލް ޤައްޔޫމް ވިދާޅުވީ، ހަށިތައް ފެނުނީ ޗިތުރާލް ނަމަކަށް ކިޔާ ރަށުގައި ވެއްޓިފައިވާ ގެތަކުގެ ދަށުން ކަމަށެވެ.

ފެންބޮޑުވުމުގެ ހާދިސާތަކުގެ ސަބަބުން ގިނަ ބަޔަކު ހާލުގައި ޖެހިފައިވާތީ މީހުން ސަލާމަތް ކުރުމަށް ޕާކިސްތާން ސަރުކާރުން މިހާރު ވަނީ އިތުރު ސިފައިން ނެރެފައެވެ.

ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ބަޔަކު ސަލާމަތްކޮށްގެން ޑިންގީއެއްގައި ގެންދަނީ -- ފޮޓޯ: އޭޕީ

އަދި ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ބަންދުވެފައި ތިބި މީހުން ހެލިކޮޕްޓަރު ބޭނުންކޮށްގެން ސަލާމަތް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން ފާލަންތަކާއި މަގުތައް ހަލާކުވެ، 300000 އަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.

comment ކޮމެންޓް