ގޫގުލްގެ 'އެންމެ މޮޔަ ބޮޑުވަޒީރުންގެ ލިސްޓަށް' އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދުރަ މޯދީގެ ނަން އަރުވައިފި އެވެ.
ގޫގޫލް ސާޗުގައި " ވޯލްޑްސް މޮސްޓް ސުޓުޕިޑް ޕްރައިމް މިނިސްޓަރ" މިހެން ޖެހުމުން ޕްރައިމް މިނިސްޓަރުންގެ ފޮޓޯތަކުގެ ތެރެއިން އެންމެ ގިނައިން އަންނަނީ މޯދީގެ ފޮޓޯ އެވެ.
މޯދީގެ އިތުރުން ބްރިޓިޝް ޕްރައިމް މިނިސްޓަރު ޑޭވިޑް ކެމެރަން އާއި އޮސްޓްރޭލިއާގެ ޕްރައިމް މިނިސްޓަރު ޓޯނީ އެބޮޓް އާއި ސިންގަޕޫރުގެ ކުރީގެ ޕްރައިމް މިނިސްޓަރު ލީ ކުއާން ޔޫވެސް ހިމެނެ އެވެ.
މިދިއަ މަހު ގޫގުލްގެ ދުނިޔޭގެ އެންމެ ބޮޑެތި 10 ކުށްވެރިންގެ ލިސްޓުގައި މޯދީގެ ނަން ހިމެނިގެން ގޫގުލްއިން ވަނީ މޯދީގެ ކިބައިން މާފަށްވެސް އެދިފަ އެވެ. ގޫގުލްއިން ބުނެފައި ވަނީ އެއީ އޮޅުމަކުން ދިމާވި ކަމެއް ކަމަށެވެ.

މޯދީގެ އިތުރުން ކުށްވެރިންގެ ލިސްޓުގައި 1993 ވަނަ މުމްބާއީއަށް ބޮން އެޅި މައްސަލައިގެ ކުއްވެރިޔާ ދާއޫދު އިބްރާހިމާއި އެމެރިކަން ގޭންގް ސްޓަރ އަލް ކަޕޯން އާއި މައިކްރޯ ސޮފްޓުގެ ބާނީ ބިލް ގޭޓްސް ވެސް ހިމެނެ އެވެ.
ގޫގުލްއިން މާފަށް އެދުނު ނަމަވެސް ކުށްވެރިންގެ ލިސްޓުން އަދިވެސް މޯދީ ނަގާފައެއް ނުވެ އެވެ. އަދި އެ ފޮޓޯ ގޫގުލްއިން ފެނުނުތާ މާ ގިނައިރުތަކެއް ނުވެ ޓްވިޓަރ ގައިވެސް ވަނީ އެފޮޓޯ ވައިރަލްވެގެން ގޮސްފަ އެވެ. އަދި ޓްވިޓަރގެ ޓްރެންޑަށްވެސް top10criminals# ވަނީ އަރާފަ އެވެ.