ކަސަބު ބޯވަޅު ގެތުމާއި ރާއްޖޭގައި އުފައްދާ ކަސަބު ބޭނުންކޮށްގެން ތަކެތި އުފެއްދުމުގެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިކޮނޮމިކު މިނިސްޓްރީން މިދިޔަ ހަފުތާގެ ތެރޭގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ "ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއްކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ" ދާއިރާއިން އިނާމު ދެއްވުމަށް ހަމަޖެހިފައިވާ ގިންތިތަކުގެ ތެރޭގައި، ނެތެމުންދާ ދިވެހި މަސައްކަތްތެރިކަން ދިރުވައި އާލާކުރުމުގެ ރޮނގު، ރައީސުލްޖުމްހޫރިއްޔާ ހިމަނުއްވާފައިވާ ކަމަށެވެ.
އެގޮތުން މިއަހަރު އިނާމު ދެއްވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ، ކަސަބު ބޯވަޅު ގެތުމާއި، ދިވެހިރާއްޖޭގައި އުފައްދާ ކަސަބު ބޭނުންކޮށްގެން ތަކެތި އުފައްދާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު އުފެއްދުމެއް އުފައްދާ ފަރާތަކަށް ކަމަށް ވެސް އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ.
"އެހެންކަމުން، މި ދާއިރާއިން އިނާމު ދެއްވާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި ވީހާވެސް ގިނަ އުފެއްދުންތަކެއް ބާޒާރަށް ނެރެ، މި ޚާއްޞަ ޝަރަފު ދޭނެ ފަރާތެއް ހޮވުމުގައި ވީހާވެސް ގިނަ ފަރާތްތަކަކަށް ފުރުޞަތު ހުޅުވާލުމުގެ ގޮތުން ބާއްވާ، ކަސަބު ބޯވަޅު ގެތުމާއި، ދިވެހިރާއްޖޭގައި އުފައްދާ ކަސަބު ބޭނުންކޮށްގެން ތަކެތި އުފައްދުމުގެ މުބާރާތުގައި ތަކެތި ބައިވެރިކުރުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވައިލަމެވެ." އިކޮނޮމިކު މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މުބާރާތުގައި، ކަސަބު ބޭނުންކޮށްގެން އުފައްދާފައިވާ އެކި ބާވަތުގެ ހެދުމާއި، ދަބަހާއި، ހެދުން އެޅުމުގައި ބޭނުންކުރެވިދާނެ އެކްސަސަރީސްއާއި، ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންކުރާ ތަކެތި ފަދަ އެކި ބާވަތުގެ އުފެއްދުންތައް ބައިވެރި ކުރެވޭނެ ކަމަށެވެ.
މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ 14:00 ކުރިން އެ ކަމަށް އެދި އިކޮނޮމިކް މިނިސްޓްރީ އަށް ހުށަހަޅަންޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ޚާއްޞަ އިނާމު ދެއްވުމުގެ މަޤްޞަދަކީ، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި ހުނަރުން މަތީ ވަނަތައް ހޯދާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލު ކުރުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި އެފަދަ ކާމިޔާބީތައް ހޯދުމަށް ހިތްވަރު ދިނުމާއި، ރާއްޖެއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން މިޞްރާބު ކުރުމަކީ ވެސް މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ޚާއްޞަ އިނާމު ދެއްވުމުގެ މަޤްޞަދެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.