ފަހު ވަގުތު ކާމިޔާބުކުރި ލަނޑުން ވިކްޓަރީ އަތްދަށުން ސަލާމަތްވެ މާޒިޔާ ދެ ވަނައަށް

މާޒިޔާ މެޗުން މޮޅުވި ލަނޑު ކާމިޔާބު ކުރުމަށްފަހު އެޓީމުގެ ކުޅުންތެރިން އުފާފާޅު ކުރަނީ ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެޗުގެ ފަހު ވަގުތު އަހްމަދު ނާޝިދު (ނާއްޓޭ) ކާމިޔާބު ކުރި ލަނޑާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބްގެ އަތްދަށުން ސަލާމަތްވެ 3-2 ގެ ނަތީޖައަކުން ކާމިޔާބު ހޯދައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އުރީދޫ ދިވެހި ޕްރިމިއަ ލީގް ތާވަލްގެ ދެ ވަނައަށް ޖެހިލައިފި އެވެ.

ފަހަތު އަރައި ވިކްޓަރީން ލީޑް ހޯދާފައިވަނިކޮށް މަޒިޔާ ވަނީ، މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެޓީމުގެ ކޮޅަށް އަނބުރައިލާފެއެވެ. އެގޮތުން މާޒިޔާއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ސްޕެއިންގެ ފޯވަޑް ޕަބެލޯ ރޮޑްރިގޭޒް ކާމިޔާބު ކުރީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށެވެ.

މިލަނޑަކީ ވިކްޓްރީގެ ގޯލަށް އަމާޒުކޮށް މަޒިޔާގެ ޑިފެންޑަރު އަމްދާން ޢަލީ ކުރިއަށް ފޮނުވާލި ބޯޅަ ގޯލް ދަނޑީގައި ޖެހިފައި ނިކުތުމުން ޕަބެލޯ ގޯލް އޭރިއާތެރޭގައި ހުރެފައި ކުރިއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އިތުރު ފުރުސަތެއް މާޒިޔާއަށް ލިބިގެންދިޔައެވެ. މެޗްގެ 36 ވަނަ މިނެޓްގައި ސަމްދޫހް މުޙައްމަދު ނެގި ކޯނަރު ޖަންގްރޮސްކީ ޓޯނީ ފޮނުވާލި ނަމަވެސް އެބޯޅަ ދިޔައި ވިކްޓަރީގެ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

ދެ ވަނަ ހާފުގައިވެސް މާޒިޔާއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންގޮސްފައެވެ.

އެގޮތުން މެޗްގެ 49 ވަނަ މިނެޓްގައި ހަސަން ޝިފާޒް (ޑުންގާ) ހިލޭ ޖެހުމަކުން ހުރަސް ކުރި ބޯޅަ ޕަބެލޯ ގޯލަށް ފޮނުވާލި ނަމަވެސް ވިކްޓަރީގެ ގޯލް ކީޕަރު ޙުސައިން ޠޮލާލް ދިފާއުކޮށް ބޯޅާ ފޮނުވާލީ ބޭރަށެވެ.

އަދި މެޗްގެ 60 ވަނަ މިނެޓްގައި ވިކްޓަރީގެ ޕެނަލްޓީ އޭރިއާގެ ތެރެއަށް ހުރަސްކުރި ބޯޅަ ޖަންގްރޮސްކީ ފޮނުވާލުމުން ގޯލް މަތީ ދަނޑިއަށް އަމާޒުވުމުން އެނބުރި ނިކުތް ބޯޅަ މުޙައްމަދު އުމޭރު ކުރިއަށް ފޮނުވާލި ނަމަވެސް ބޯޅަ ދިޔައި ބޭރަށެވެ.

ވިކްޓަރީގެ ފުރަތަމަ ލަނޑު 71 އެއް ވަނަ މިނެޓްގައި ކާމިޔަބު ކުރީ އަހްމަދު ނިޔާޒު (ނިޔާ) އެވެ. މިލަނޑަކީ ވިކްޓަރީން އުފެއްދި ކައުންޓަ އެޓޭކްގައި އޮމަޑޫ ގޮޑްފުރޭ ވެސްޓް މާޒިޔާގެ ޑިފެންޑަރުން ކައިރިން ނައްޓަލުމަށްފަހު ނިޔާއަށް ތަނަވަސްކޮށްދިން ބޯޅައަކުން ކާމިޔަބު ކުރި ލަނޑެކެވެ.

މިލަނޑަށްފަހު ވިކްޓަރީން ވަނީ ކުޅުން ރަނގަޅުކޮށް މާޒިޔާގެ ޑިފެންސަށް ޕްރެޝަރުކޮށްފައެވެ. ނާތީޖާއެއްގޮތުން މެޗްގެ 79 ވަނަ މިނެޓްގައި އެޓީމުން ވަނީ މާޒިޔާގެ މައްޗަށް ލީޑް ނަގާފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޮމަޑުއެވެ.

ނަމަވެސް ލީޑްގައި އެޓީމަށް އޮވެވުނީ އެންމެ ހަތަރު މިނެޓް ވަންދެނެވެ.

މެޗްގެ 83 ވަނަ މިނެޓްގައި އުމޭރު ވަނީ ލަނޑެއް ކާމިޔަބުކޮށް މަޒިޔާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗް 2-2 ގެ ނަތީޖާއަކުން އެއްވަރު ވެދާނެކަމަށް ބެލެވިފައިވަނިކޮށް އަހްމަދު ނާޝިދު (ނައްޓޭ) މާޒިޔާ މެޗުން މޮޅުވި ލަނޑު ކާމިޔަބުކޮށްދިނީ މެޗްގެ އިތުރު ވަގުގެ ގޮތުގައި ދެއްކި ހަަތަރު ވަނަ މިނެޓްގެ ތެރެއިން ތިން ވަަނަ މިނެޓްގައެވެ.

މިމެޗުން މޮޅުވެ މާޒިޔާ ދެ ވަނައިގައި އޮތީ 12 ޕޮއިންޓް ލިބިގެންނެވެ.

އެއް ވަނއިގައި 13 ޕޮއިންޓާއެކު އޮތީ އެއް މެޗް މަދުން ކުޅެފައިވާ ނިއުރޭޑިއަންޓެވެ.

ލީގްގައި މިރޭ ނިއުއާއި އީގަލްސް ކުޅޭ މެޗުން ނިއު މޮޅުވެއްޖެނަމަ އަނެއްކާވެސް ތާވްލްގެ ކުރީގައި ހަތަރު ޕޮއިންޓްގެ ލީޑެއް އެޓީމަށް ލިބޭނެއެވެ.

ނިއުއާ އީގަލްސް ބައްދަލު ކުރާ މެޗް ފެށޭނީ މިރޭ 10:00 ގައެވެ.

comment ކޮމެންޓް