އަބްދުﷲ ހަމީދު އިތުރުފަރުވާއަށް ރާއްޖެއިން ބޭރަށް ގެންގޮސްފި

ދިވެހި ސަރުކާރަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ އަލްއުސްތާޛް އަބްދުﷲ ޙަމީދު -- ފައިލް ފޮޓޯ

ކުރީގެ ރައީސް މައުމޫންގެ ކޮއްކޯފުޅު އަދި މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ބޭބޭފުޅު، އަލްއުސްތާޛް އަބްދުﷲ ހަމީދަށް ސްޓްރޯކެއް ޖެހި އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ރާއްޖެއިން ބޭރަށް ގެންގޮސްފިއެވެ.

ހަމީދުގެ އާއިލާ ބޭފުޅަކު ސަން އަށް ވިދާޅުވިގޮތުގައި އިތުރު ފަރުވާދިނުމަށް އެމަނިކުފާން ގެންގޮސްފައިވަނީ އިންޑިއާގެ ބެންގަލޫރަށެވެ.

މީގެ ހަތަރު ދުވަސް ކުރިން އެމަނިކުފާނަށް ސްޓުރޯކެއް ޖެހުމުން އޭޑީކޭގެ އައިސީޔޫގައި ވަނީ ފަރުވާދެއްވާފައެވެ. އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް އޭރު އޭޑީކޭއިން ބުންޏެވެ.

އަބްދުﷲ ހަމީދަކީ ރައީސް މައުމޫންގެ ސަރުކާރުގައި އެޓޯލްސް މިނިސްޓްރީގެ މިނިސްޓަރުކަން ގިނަ ދުވަސްތަކެއް ވަންދެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އެވެ.

ރައީސް މައުމޫންގެ ސަރުކާރު ބަދަލުވުމާ ގުޅިގެން ރާއްޖެ އިން ބޭރަށް ދިރިއުޅުން ބަދަލު ކުރެއްވި އެވެ. އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަތީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ފަހުންނެވެ.

comment ކޮމެންޓް