ސްކައިޑައިވް ކުރާނެ 19 މީހަކު ކަނޑައަޅައިފި

ރާއްޖެ އަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފާހަގަކުރުމުގެ ގޮތުން ބާއްވާ ސްކައިޑައިވްގައި ބައިވެރިވާނެ 19 ފަރާތެއް ކަނޑައަޅައިފި އެވެ.

އައްޑޫގައި ބޭއްވި ތަމްރީނުތަކުގައި 34 މީހުން ބައިވެރިވެފައިވީ ނަމަވެސް އޭގެ ތެރެއިން ސްކައިޑައިވް ހަރަކާތައް ހޮވާގައި ވަނީ 19 ފަރާތެވެ. އޭގެ ތެރެއިން މިނިވަން ދުވަހުގެ ހަފްލާގައި މަތިން ފުންމާލާނީ 15 މީހެކެވެ. އަނެއް ހަތަރު ބޭފުޅުން ތިބޭނީ ރިޒާވްގަ އެވެ.

ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒުމީލް އަބްދުއްސަމަދު މިއަދު ސަން އަށް ވިދާޅުވީ، ވަރަށް އަވަހަށް މާލޭގައި ތަމްރީނު ފަށަން ވަނީ ނިންމާފައިވާ އިރު އެކަމަށް ބޭނުންވާ ޕެރަޝޫޓްތައް ވެސް ވަނީ މާލެ ގެނެސްފައި ކަމަށެވެ.

އެ ތަމްރީނުތައް ކުރިއަށްގެންދަނީ މެލޭޝިޔާގެ ސްޕެޝަލިސްޓުން ތަކެކެވެ. އެއީ ބައިނަލްއަގުވާމީ ފެންވަރެއްގައި ސްކައި ޑައިވްގައި ހަރަކާތްތެރިވާ ފަރާތްތަކެކެވެ.

ތަޒްމީލް ވިދާޅުވީ 34 މީހުންގެ ތެރެއިން ތަމްރީނުތަކަށް ފަހު ބާކީވާ 15 ފަރާތައް ވެސް "ސްޓެޓިކް ލައިން" އިން ފުންމޭ ވަރަށް ފާސްވާނެ ކަމަށެވެ.

"ސްޓެޓިކް ލައިން" އަކީވެސް ސްކައި ޑައިވްގެ ހުއްދަ އެވެ. އެ ހުއްދައާ އެކު ވަކި "ފްރީ ފޯމް" ނޫން އެހެން ފުންމުންތަކުން ފުންމޭނެ ކަމަށް ތަޒުމީލް ވިދާޅުވި އެވެ.

މިނިވަން 50 އާ ގުޅިގެން ބާއްވާ ސްކައިޑައިވް ހަރަކާތް ބޭއްވުމަށް ނިންމާފައި ވަނީ މިމަހު 27 ވަނަ ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ބާއްވާ ރަސްމިއްޔާތެއްގެ ތެރެއިންނެވެ.

comment ކޮމެންޓް