ވެލެންސިއާގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ބީޖީ ސްޕޯޓްސްއިން ތާވަލްގެ ފަސް ވަނައަށް ޖެހިލައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗްގައި ބީޖީއިން ކާމިޔާބު ކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ސްޕެއިންގެ ފޯވަޑް ކާމޯނާ މަނުއެލް ޑޭވިޑެވެ.
ބީޖީގެ ފުރަތަމަ ލަނޑު ޑޭވިޑް ކާމިޔާބު ކުރީ މެޗް ފެށިގެން ތިން ވަނަ މިނެޓްތެރޭގައެވެ. މިލަނޑު ޑޭވިޑް ކަމިޔާބު ކުރީ ވެލެންސިއާގެ ޑިފެންޑަރުންނަށް ހެދުނު މިސްޓޭކެއްގައި ލިބުނު ބޯޅަ ގޯލް ތެރެއަށް ފޮނުވާލައިގެނެވެ.
އެޓީމްގެ ދެ ވަނަ ލަނޑުވެސް ކާމިޔަބު ކުރީ ޑޭވިޑޭވެ.
މެޗްގެ 66 ވަނަ މިނެޓްގައި ޑޭވިޑް މިލަނޑު ކާމިޔާބު ކުރީ ބީޖީގެ އިބްރާހިމް ހަމްދާން ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މީގެ އިތުރުންވެސް ލަނޑުޖަހާނެ އިތުރު ފުރުސަތު ތަކެއް ވެލެންސިއާއަށް ލިބިގެންދިޔައެވެ.
މިލަނޑު ޖެހިތާ އެއް މިނެޓްފަހުން ވެލެންސިއާއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންގޮސްފައެވެ.
ބީޖީގެ ޕެނަލްޓީ އޭރިއާ ތެރެއަށް އަވީލޯ ހުރަސް ކުރި ބޯޅަ ވެލެންސިއާގެ ކުޅުންތެރިޔަކު ބޮލުން ފޮނުވާލަން މަސައްކަތް ކުރިނަމަވެސް އެބޯޅަ ބޮލުގައި ލައްވައެއް ނުލިއެވެ.
މެޗްގައި ވެލެންސިއާ އިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗްގެ 87 ވަނަ މިނެޓްގައި ކާމިޔަބުކުރީ ބީޖީގެ ޕެނަލްޓީ އޭރިއާ ބޭރުން ވެލެންސިއާ އަށް ލިބުނު ހިލޭޖެހުން އަކްރަމް ޢަބްދުލް ޣަނީ ބީޖީގެ ޕެނަލްޓީ އޭރިއާ ހުރަސްކުރުމުން ހަންސޭ އަވީލޯ ކުރިއަށް ފޮނުވާލައިގެނެވެ.
މެޗްގެ 63 ވަނަ މިނެޓްގައި ވެލެންސިއާގެ އަހްމަދު ރިޟްވާން ކުރި ފައުލަކާ ގުޅިގެން މެޗްގެ ރެފްރީ ޝިފާން ޢަބްދުރަހީމް ވަނީ ރަތް ކަޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.
އޭގެ އެއް މިނެޓްފަހުން ބީޖީ ދެ ވަނަ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ހަމްދާން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ފުޅާކޮށްފައެވެ.
މިލަނޑު ހަމްދާން ކާމިޔާބު ކުރީ ވެލެންސިއާގެ ހާފުގެ މެދުތެރޭގައި ހުރެފައި ފޮނުވާލި ބޯޅަ ކުރިއަށް ނިކުމެ ހުރި ވެލެންސިއާގެ ކީޕަރު އަޙްމަދު ޢާޠިފް ބޯމަތިން ގޯލް ތެރެއަށް ފޮނުވާލައިގެނެވެ.
މިމެޗުން މޮޅުވުމުން ބީޖީ ފަސް ވަނަ އަށް ޖެހިލީ ކުޅުނު ހަ މެޗާއެކު އަށް ޕޮއިންޓް ލިބިގެންނެވެ.
މެޗުން ބަލިވި ވެލެންސިއާ އޮތީ ތާވަލްގެ ހަ ވަނައިގައި ހަތަރު ޕޮއިންޓް ލިބިގެންނެވެ.
ލީގްގައި މިރޭ ކުޅޭ މެޗްގައި ބައްދަލު ކުރާނީ މާޒިޔާ އާއި ވިކްޓްރީއެވެ.