ރައީސް މައުމޫންގެ ކޮއްކޯފުޅު އަދި ރައީސް އަބްދުﷲ ޔާމީންގެ ބޭބޭފުޅު، ކުރީގެ މިނިސްޓަރު އަލްއުސްތާޒު އަބްދުﷲ ހަމީދު އަށް ސްޓްރޯކެއް ޖެހި އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދެމުން އެބަގެންދަވަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މީގެ ދެ ދުވަސް ކުރިން 76 އަހަރުގެ ހަމީދުއަށް ސްޓްރޯކެއް ޖެހުމުން އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫ އިން ދަނީ ފަރުވާ ދެއްވަމުންނެވެ. މިހާރު އެމަނިކުފާންގެ ހާލުކޮޅު ރަނގަޅު ނަމަވެސް އާއިލާ އިން މަސައްކަތް ކުރަނީ ރާއްޖެ އިން ބޭރަށް ގެންދިއުމަށެވެ.
"މިހާރު އެމަނިކުފާނުގެ ހާލުކޮޅު ސުޓޭބަލް." އޮފިޝަލަކު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާއި ރައީސް މައުމޫން ވެސް އިއްޔެ ވަނީ އޭޑީކޭއަށް ވަޑައިގެންފަ އެވެ.
އަބްދުﷲ ހަމީދު އަކީ ރައީސް މައުމޫންގެ ސަރުކާރުގައި އެޓޯލްސް މިނިސްޓްރީގެ މިނިސްޓަރުކަން ގިނަ ދުވަސްތަކެއް ވަންދެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އެވެ.
ރައީސް މައުމޫންގެ ސަރުކާރު ބަދަލުވުމާ ގުޅިގެން ރާއްޖެ އިން ބޭރަށް ދިރިއުޅުން ބަދަލު ކުރެއްވި އެވެ. އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަތީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ފަހުންނެވެ.