އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މަހިބަދޫ ސްޕޯޓްސް ކްލަބްގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކުރިހޯދައި އެއްމެޗް އިތުރަށް ކުޅެ ޓީސީ ސްޕޯޓްސް ކްލަބް ޕޮއިންޓް ތާވަލްގެ ދެ ވަނައަށް ޖެހިލައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗްގައި މެޗް ފެށިގެން ހަ ވަނަ މިނެޓްތެރޭގައި ޓީސީން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އަހްމަދު ފައްރާހް ނަގައިދިން ހުރަސް ބޮލުން ގޯލް ތެރެއަށް ފޮނުވާލައިގެން ޢަލީ ނާފިއު (ކަޅޭ) އެވެ.
މި ލަނޑު ކާމިޔާބު ކުރިތާ ހަތް މިނެޓް ފަހުން ފައްރާހް ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށްދިނުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ.
މެޗްގެ 13 ވަނަ މިނެެޓްގައި ފައްރާހް ނަގައިދިން ހުރަސް ބޮލުން ގޯލް ތެރެއަށް ފޮނުވާލައިގެން ހަސަން ނާއިޒު ވަނީ ޓީސީގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
ފުރަތަމަ ހާފުގައި ޓީސީއަށް ވަނީ ނަތީޖާ ފުޅާ ކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ.
އެޓީމްގެ ތިން ވަނަ ލަނޑު މެޗްގެ 60 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މަހިބަދޫގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން އަހްމަދު ޒާދު ކުރިއަށް ފޮނުވާލުމުން މަހިބަދޫ ކީޕަރު މުޙައްމަދު އިފްހާމް ދިފާއު ކުރި ބޯޅަ އޭނާ އަތުން ދޫވުމުން އަހްމަދު ރިލްވާން ކުރިއަށް ފޮނުވާލައިގެންނެވެ.
ޓީސީގެ މިލަނޑަށް ފަހު އެޓީމަށް ވަނީ ލީޑް ފުޅާ ކުރުމަށް ފަހި ފުރުސަތު ތަކެއް ލިބިގެންގޮސްފައެވެ.
އެގޮތުން މެޗްގެ 72 ވަނަ މިނެޓްގައި މަހިބަދޫގެ ކީޕަރު ކައިރިން ނައްޓަލުމަށްފަހު ހުހަށް އޮތް ގޯލް ތެރެއަށް ޖެހުމަށް ރިޒުވާނަށް ލިބުނު ރަނުގެ ފުރުސަތު އޭނާ ވަނީ ނަގަލާފައެވެ.
މިމެޗުން މޮޅުވުމުން ޓީސީ ދެ ވަނައިގައި އޮތީ 11 ޕޮއިންޓް ލިބިގެންނެވެ.
އެއް މެޗް މަދުން ކުޅެގެން ލިބުނު ނުވަ ޕޮއިންޓާއެކު ތާވަލްގައި ޓީސީގެ ފަހަތުން ތިން ވަނައާއި ހަތަރު ވަނައިގައި އޮތީ އީގަލްސްއާއި މާޒިޔާއެވެ.
އެދެޓީމް ދެން ކުޅޭ މެޗްތަކުން މޮޅު ވެއްޖެނަމަ ތަވާލްގައި ޓީސިއަށް ވުރެ އިތުރަށް އެއް ޕޮއިންޓް ކުރިއަށް ދެވޭނެއެވެ.
ލީގްގެ އެއް ވަނައިގައި 13 ޕޮއިންޓާއެކު އޮތި ނިއުރޭޑިއަންޓެވެ.
ލީގްގައި މާދަމާ ރޭ ކުޅޭ މެޗްގައި ބައްދަލު ކުރާނީ ވެލެންސިއާއި ބީޖީއެވެ.