ވެލެންސިއާގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި މިދިޔަ ތިން އަހަރުގެ ލީގް ޗެމްޕިއަން ނިއުރޭޑިއަންޓުން ހަތަރު ޕޮއިންްޓުގެ ލީޑަކާއެކު އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ތާވަލްގެ އެއް ވަނައިގައި ހަމަޖެހިލައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗްގައި މެޗްގައި ފުރަތަމަ ލީޑް ނެގީވެސް ނިއުރޭޑިއަންޓުންނެވެ.
މެޗްގެ ހަތް ވަނަ މިނެޓްގައި ނިއުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މިދިޔަ ޓްރާންސްފަރ ޕީރިއަޑްގައި އެޓީމަށް ގެނައި ނައިޖީރިއާގެ ފޯވަޑް އަލަމޫ ބްކޮލާ އޮލަލެކަންއެވެ. މިއި އޭނާ ނިއުރޭޑިއަންޓަށް ކާމިޔަބު ކޮށްދިން ފުރަތަމަ ލަނޑެވެ.
މެޗްގެ ފުރަތަމަ ހާފުގައި ވެލެންސިއާއިން ވަނީ އެޓީމަށް ލިބުނު ޕެނަލްޓީ އަކުން ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މެޗްގެ 44 ވަަނަ މިނެޓްގައި ނިއުގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ނިއުގޭ ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ) އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ ކާމިޔާބު ކުރީ ވެލެންސިއާގެ ބަލްގޭރިއަގެ ފޯވަޑް ވެލް ޑިސްލާވް މިރުޗޭވްއެވެ.
ފުރަތަމަ ހާފުގައި ވެެލެންސިއާގެ އަކުރަމް ޢަބްދުލް ޣަނިއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. މިރްޗޭވް ބޮލުން ދިން ޕާސް، ނިއުގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެފައި އަކޫ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.
ފުރަތަމަ ހާފުގައި ވެލެންސިއާގެ ފަރާތުން ވަނީ ރީތި ކުޅުމެއް ފެނިފައެވެ.
މިމެޗްގައި ނިއުރޭޑިއަންޓުން އަލުން ލީޑް ނެގީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރައި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހަމްޒަތު މުޙައްމަދު (ހަމްޕް) ތަނަވަސްކޮށްދިން ރީތި ބޯޅައަކުން އިބްރަހިމް ފަޒީލް (އޮއްޕޮ) އެވެ.
ހަމްޕް ގޯލް ޖެހުމަށް ބޯޅަ ތަނަވަސްކޮށްދިނީ ކުޅެން އެރިތާ ދެ މިނެޓް ފަހުންނެވެ.
ނިއުރޭޑިއަންޓްގެ ދެ ވަނަ ލަނޑަށް ފަހުވެސް ވެލެންސިއާއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ.
މެޗްގެ 82 ވަނަ މިނެޓްގައި ޔޫސުފް ރަމީޒު ނަގައިދިން ހުރަސް މިރުޗޭވް ބޮލުން ފޮނުވާލުމުން ދިޔައީ ގޯލް ދަނޑިއަށް ވުރެ ކުޑަތަން ކޮޅެއް މަތިންނެވެ.
ނިއުގެ ތިން ވަނަ ލަނޑު ހަމްޕް ކާމިޔަބު ކުރީ މެޗްގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި އެންމެ ފަހު މިނެޓްގެ އެންމެ ފަހު ސިކުންތު ކޮޅު ތެރޭގައެވެ.
ހަމްޕް މިލަނޑު ކާމިޔާބު ކުރީ ޔޫސުފް ރަމީޒު ކައިރިން ނައްޓާލުމަށް ފަހު ގޯލް ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ނިއުރޭޑިއަންޓްގެ އެސިސް ޓެންޓް ކޯޗް ޙަސަން ޙަމީދު (ޑަކޭ) ބުނީ މެޗަށް ނިކުތީ ތިން ޕޮއިންޓް ހޯދުމަށް ކަމަށާއި އެކަމާ ވަރަށް ބޮޑަށް ހިތް ހަމަޖެހޭ ކަމަށެވެ. އަދި ޓީމްގެ ކުޅުމާ މެދުވެސް ހިތް ހަމަޖޭހެ ކަމަށް ޑަކޭ ބުންޏެވެ.
ޑަކޭ ބުނީ ތާވްލްގެ ކުރީގައި އޮތުމަށް ލިބުނު ހަތަރު ޕޮއިންތްގެ ލީޑްގައި ހިފެއްޓުމަށް މަސައްކަތް ކުރާނެ ކަމަށާއި ޓީމް ނަތީޖާ އިތުރަށް ރަނގަޅުކޮށް ލީގް ނިމޭ އިރުވެސް ހަތރު ޕޮއިންޓްގެ ލީޑްގައި ހިފެހެއްޓުމަށް މަސައްކަތް ކުރަނެ ކަމަށެވެ.
"މެޗްގައި ގެނެވުނު ބަދަލުތަކާ މެދު ވަރަށް ބޮޑަށް ހިތް ހަމަޖެހޭ. އޭރުވެސް ވިސްނަމުން ދިޔައީ މެޗްގެ ނަތީޖާ ބަދަލު ކޮށްލެވޭނެ ބަދަލަކަށް. ގެނެވުނު ބަދަލުތަކުން އެކަން ވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ" ޑަކޭ ބުންޏެވެ.
ވެލެންސިއާގެ ކޯޗް މުޙައްމަދު އިޤްބާލް ބުނީ ފުރަތަމަ ހާފުގެ ފަހު 30 މިނެޓްގައި ވެލެންސިއާ ސްޓައިލްގެ ޕާސިން ގޭމެއް ފެނިގެން ދިޔަކަމަށާއި ނަމަވެސް ދެ ވަނަ ހާފުގައި މެޗްގެ ކޮންސަންޓްރޭޝަން ގެއްލި ބޯޅަތައް މިސް ވެގެން ދިޔައި ކަމަށެވެ.
"ދެ ވަނަ ހަފުގައި ގޭމް ޓެކްޓިކްސް ދަށް ވެގެން ދިޔައީ އެހެންވެ ބޯޅަ ނުހިފެހެއްޓި ޕާސް ރިލީސް ނުކުރެވި ގޭމް ކޮންސަންޓްރޭޝަން ދަށް ވެގެން ދިޔައީ" އިޤްބާލް ބުންޏެވެ.
އިގްބާލް ބުނީ އަންނަ ހަފުތާއަށް ފަހު ލިބޭ އެއް މަސްދުވަހުގެ ބްރޭކްގައި ޓީމް އިތުރަށް މަސައްކަތްކޮށް ރަނގަޅު ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މިރޭގެ މެޗުން މޮޅުވެގެން ލިބުނު ހަތަރު ޕޮއިްނޓްގެ ލީޑާއެކު ނިއު އެއްވަނައިގައި އޮތީ 13 ޕޮއިންޓް ލިބިގެނެވެ. ދެވަނައިގައި އޮތް އީގަލްސްއާއި ތިން ވަނައިގައި އޮތް މަޒިޔާއަށްވެސް ލިބިފައިވނީ ނުވަ ޕޮއިންޓެވެ. އީގަލްސްއަށް ދެ ވަނަ ލިބެނީ ލަނޑުގެ ތަފާތުން ކުރީގައި އޮތުމުންނެވެ.
މިރޭގެ މެޗުން ބަލިވި ވެލެންސިއާ އޮތީ ތިން ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައިގައެވެ.
ލީގްގައި މިއަންނަ އާދިއްތައް ދުވަހުގެ ރޭ ކުޅޭ މެޗްގައި ބައްދަލު ކުރާނީ މަހިބަދޫއާއި ޓީސީއެވެ.