ލަނޑެއް ނުޖެހި އީގަލްސްއާއި ބީޖީ އެއްވަރު

އުރީދު ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ ބުރުގައި ރޭ އީގަލްސްއާއި މާޒިޔާ ބައްދަލު ކުރި މެޗްގެ ތެރެއިން: މިމެޗް ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެން  --- ސަން ފޮޓޯ/ ފަޔާޒު މުސާ

އުރީދޫ ދިވެހި ޕްރިމިއަ ލީގްގައި އީގަލްސްއާއި ބީޖީ ކުޅުނު މެޗް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗްގައި އީގަލްސްއަށް ވަނީ ލަނޑު ޖަހާނެ ތިން ފުރުސަތެއް ލިބިގެން ގޮސްފައެވެ. އަދީ ބީޖީއަށްވެސް ލަނޑެއް ކާމިޔާބު ކުރުމަށް ރަނގަޅު އެއް ފުރުސަތެއް ލިބިގެން ދިޔައެވެ.

އެގޮތުން މެޗްގެ 19 ވަނަ މިނެޓްގައި އީގަލްސްގެ ސްޕެއިންގެ ފޯވަޑް ޖެރާޑޯ ހިމެނޭޒް ރޭއިސްއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ މެޗްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ބީޖީގެ ގޯލް ކީޕަރު އިބްރާހިމް އިފްރާހް ޢަރީފް ވަނީ ދިފާއުކޮށްފައެވެ.

މެޗްގެ 36 ވަނަ މިނެޓްގައި ބީޖީއަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. އެއީ އެޓީމްގެ ބިދޭސީ ކުޅުންތެރިޔާ އެސްކޭބޭޑީ ކާމިނޯ މެނައުލް ޑޭވިޑް އީގަލްސްގެ ތިން ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު ފޮނުވާލި ބޯޅަ އަމާޒުވީ، އީގަލްސްގެ ގޯލް ދަނޑިއަށެވެ. އަދި ރިބައުންސްވެގެން ނިކުތް ބޯޅަ އީގަލްސްގެ ކުޅުންތެރިންވަނީ ކޯނަރަކަށް ބޭރުކޮށްލާފައެވެ.

އީގަލްސްގެ އަހްމަދު ރިޒުވާންއަށްވެސް ވަނީ މެޗްގެ 64 ވަނަ މިނެޓްގައި ލަނޑު ޖާހަނެ ރަނގަޅު ފުރުސަތެއް ލިބިގެންގޮސްފައެވެ. ނަމަވެސް އެބޯޅަ އިފްރާހް ވަނީ ދިފާއުކޮށްފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އީގަލްސްގެ ކޯޗް އިހްސާން ޢަބްދުލް ޣަނީ (ސާންތީ) ބުނީ ކުރީ ދެމެޗަށް ވުރެ އީގަލްސް ކުޅުން ރަނގަޅު ކަމަށާއި މިރޭ ދިމާވި މައްސަލައަކީ ލަނޑު ނުޖެހުން ކަމަށެވެ.

ސާންތީ ބުނީ ޓީމްތަކުގެ ފަރަގު އެހާން ބޮޑު ނޫންކަމަށާއި މެޗް އެއްވަރުވުމުން ދިމާވާ މައްސަލަ ބޮޑެތި ޓީމްތަކަށް ދިމާވާނެ ކަމަށެވެ.

"މިހާރު އީގަލްސްވެސް މި ގުނަނީ ބޮޑު ޓީމެއްގެ ގޮތުގައި. ކޮންމެހެނެއްވިޔަސް އަދިވެސް ޕްރެޝަރ، ބޮޑު ތިން ޓީމަށް މިއުޅޭނީ. އެޕްރެޝަރު ދެން އޮތް ޓީމްތަކަކަށް ނޯންނާނެ. މިއަދުގެ މެޗް އެއްވަރުވެގެން ނިމުމުންވެސް އަނެއް ޓީމަށް ބޮޑު ކަމިޔާބަކަށް ވެދާނެ. އީގަލްސްއަކަށް އެއް ޕޮއިންޓަކުން ފުއްދާލެވޭކަށް ނެތް،" ސާންތީ ބުންޏެވެ.

ބީޖީގެ ކޯޗް މުޙައްމަދު ޝާޒުލީ ބުނީ ބީޖީ ޓީމަކީ ވޯކިން ރޭޓް ހައި ޓީމެއް ކަމަށާއި މިމެޗްގައިވެސް ނަތީޖާ މިނެރުވުނީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ކަމަށެވެ. އަދި ވަރުގަދަ މެޗަކާއެކު ޕޮއިންޓެއް ލިބުމަކީ ބީޖީއަށް ލިބުނު ކުރިއެރުމެއް ކަމަށް ޝާޒު ބުންޏެވެ.

"މެޗަށް ނިކުތީ ތިން ޕޮއިންޓް ނެގިދާނެ ކަމަށް ބަލައިގެން ދެން އެހެން ނަމަވެސް އެއް ޕޮއިންޓާއެކުވެސް ވަރަށް ހިތްހަމަޖެހޭ. އެއީ އީގަލްސް، މާޒިޔާ، ނިއުރޭޑިއަންޓް އަތުން ޕޮއިންޓެއް ލިބުމަކީ ބީޖީއަށް ވަރަށް މުހިންމު އެއްޗެއް،" ޝާޒު ބުންޏެވެ.

ލީގްގައި މާދަމާރޭ ކުޅޭ މެޗްގައި ބައްދަލު ކުރާނީ މާޒިއާއާއި މަހިބަދޫއެވެ. މިމެޗްވެސް ފެށޭނީ ރޭގަނޑު 10:00 ގައެވެ.

comment ކޮމެންޓް