ވާހަކަދެއްކުމުގެ 30 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
ދިވެހި ބަހުގެ އެކަޑަމީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ވާހަކަދެއްކުމުގެ ގައުމީ މުބާރާތް ބެހިފައި ވަނީ ހަތަރު ބަޔަކަށް ކަމަށެވެ.
މުބާރާތް ބެހިފައިވާ ހަތަރު ބަޔަކީ:
- ސުކޫލުތަކުގެ ބައި
- މަތީ ތަޢުލީމުގެ ބައި (ޔުނިވަރސިޓީ/ ކޮލެޖު)
- އޮފީސް/ ކުލަބު/ ޖަމިއްޔާ/ ޖަމާޢަތްތަކުގެބައި
- އަމިއްލަ ފަރާތްތަކުގެ ބައި
ދިވެހި ބަހުގެ އެކަޑަމީން ބުނީ ސުކޫލުތަކުގެ ބައިގައި ބައިވެރިވޭނީ 13 އަހަރުންދަށް، 13 އަހަރާއި 16 އަހަރާ ދެމެދު އަދި 16 އަހަރާއި 21 އަހަރާ ދެމެދުގެ ދަރިވަރުންނަށް ކަމަށެވެ. އަދި ބައިވެރިކުރެ ވޭނީ ކޮންމެ އުމުރުފުރައަކުން 7 ދަރިވަރަކަށް ކަމަށާއި މަދުވެގެން ބައިވެރިކުރެ ވޭނީ ފަސް ދަރިވަރަކަށް ކަމަށް ވެސް އެ އެކަޑަމީން ބުންޏެވެ.
މަތީ ތައުލީމުގެ ބައިން ބައިވެރިކުރެވޭނީ ގިނަވެގެން ފަސް ދަރިވަރަކަށް ކަމަށް ވެސް އެކަޑަމީން މައުލޫމާތުދެ އެވެ. އަދި މަދުވެގެން ތިން ދަރިވަރަކު ބައިވެރިކުރެވޭނެ ކަމަށް ވެސް ދިވެހިބަހުގެ އެކަޑަމީން ބުންޏެވެ.
އެކަޑަމީން ވަނީ އެ މުބާރާތުގައި ބައިވެރިވާ އަމިއްލަ ފަރާތްތައް ދެ އުމުރު ފުރައަކަށް ބަހާލައިފައެވެ. އެގޮތުން އަމިއްލަ ފަރާތްތަކަށް ބައިވެރިވެވޭނީ 18 އަހަރުން ދަށުގެ އުމުރުފުރާގަޔާއި 18 އަހަރުން މަތީގެ އުމުރުފުރައިގެ ބައިގައެވެ.
ދިވެހިބަހުގެ އެކަޑަމީން ބުނީ އޮފީސް ނުވަތަ ކުލަބު ޖަމިއްޔާ ތަކުގެ ބައި ކުރިއަށް ދާނީ ބަހުސް މުބާރާތެއްގެ ގޮތުގައި ކަމަށެވެ.
މުބާރާތުގެ ދާއިރާތަކުން ވާހަކަދައްކާނެ މައުޟޫޢުތައް މުބާރާތް ފެށުމުގެ ދިހަ ދުވަސްކުރިން އެކެޑަމީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށްވެސް ދިވެހިބަހުގެ އެކަޑެމީން ބުންޏެވެ.
މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމު ފުރިހަމަކުރުމަށްފަހު ބައިވެރިވާ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސުގެ އަސްލާއެކު އޭގެ ނަކަލު، މި މަހުގެ 21 ވަނަ ދުވަހުގެ 14:30 ގެ ކުރިން ހުށަހަޅަންޖެހޭނެ ކަމަށް ވެސް އެކަޑަމީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ.