ހުރިހާ ސުވާލަކަށް ޖަވާބުލިބުނީ އިސްލާމްދީނުން: ޑރ. ލޯރެންސް ބްރައުން

ޑރ. ލޯރެންސް ބްރައުން އަކީ ލޮލުގެ އޮޕަރޭޝަން ޑޮކްޓަރެކެވެ. އޭނާ ތަޢުލީމު ޙާސިލު ކުރެއްވީ އެމެރިކާގެ ކޯނެލް ޔުނިވަސިޓީއާއި ޖޯޖް ވޮޝިންޓަން ޔުނިވަސިޓީއިންނެވެ. އެމެރިކާގެ ނަޞާރާ އާއިލާއަކަށް އުފަން ޑރ. ލޯރެންސް އެގައުމުގެ ވައިގެ ސިފައިންގެ ޑޮކްޓަރެއްގެ ގޮތުގައި އަށް އަހަރު ހޭދަކުރެއްވިއެވެ.

ތަނަވަސް އާއިލާއެއްގެ ގޮތުގައި އަނބިކަނބަލަކާއި ތިން ދަރިކަނބަލުންނާއި އެކު ދިރިއުޅުއްވަމުން ގެންދެވި ބްރައުން ދީން ޝޯއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި އޭނާ އިސްލާމްވެވަޑައިގެންނެވުމުގެ ކުރިން އެއްވެސް ދީނެއް ރަނގަޅަށް ގަބޫލެއް ނުކުރައްވައެވެ. އޭނާ ތަބައަވެވަޑައިގެންނެވީ މާއްދިޔަތަށެވެ.

"...ވަރަށް ގިނަ މީހުން ހީކުރަނީ އަހަރެން އިސްލާމްވުމުގެ ކުރިން އަހަރެންނަކީ ނަޞާރާއެކޭ. އެ ގަބޫލުކުރުން އިސްލާޙު ކޮށްލަދޭން އަހަރެން ބޭނުން. އަހަރެން ބުނާނީ ނޫނެކޭ. އަހަރެންނަނީ ނަޞާރާއަކަށް ވެވޭތޯ މަސައްކަތް ކުރިމީހެކޭ. ވަރަށް ބުރަކޮށް މަސައްކަތް ކުރިމީހެކޭ. ނަޞާރާއަކަށް ވުމަށް އަހަރެން ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރިން. އެކަމެއް ނުވި އަހަރެންނަކަށް،" ޑރ. ބްރައުން ވިދާޅުވެފައި ވެއެވެ.

ކަލަކު ވޮޑިގެންވާކަމާއި ދީނަކަށް ތަބަޢަވާން ޖެހޭކަން ޑރ. ބްރައުންއަށް ގަބޫލު ކުރެއްވުނީ އޭނާއަށް ކުރިމަތިވި ހާދިސާއަކަށް ފަހުގައެވެ. އެހާދިސާއަކީ ވަރަށް ނުރައްކާތެރި ސިއްހީ މައްސަލައެއް ހުރި ދަރިކަނބަލެއް އޭނާއަށް ލިބިވަޑައިގެންނެވުމެވެ. އެ މައްސަލައިން އެ ދަރިކަނބަލުން ސަލާމަތްވީ ކަލެއްގެ ކުޅަދުންވަންތަކަން ކަމަށް އޭނާއަށް ގަބޫލު ކުރެއްވުނީއެވެ.

"... އަހަރެންގެ އަމިއްލަ އެއްވެސް ބާރެއް ނެތްކަން އަހަރެންނަށް އިހުސާސްވި އެއީ ފުރަތަމަ ފަހަރު. އޭގެ ކުރިން އަހަރެންނަށް މައްސަލައެއް ކުރިމަތިވެއްޖެއްޔާ، އަހަރެން އަމިއްލައަށް އެކަމަށް ހައްލެއް ހޯދަން. އަހަރެން ގިނައިން ފައިސާ ބޭނުންވެއްޖެއްޔާ ބުރަކޮށް މަސައްކަތް ކުރަން. އަހަރެން އަމިއްލައަށް ފަރުވާ ކުރެވެންޏާ އަމިއްލައަށް ފަރުވާ ކުރަން. އެހެން މީހުންގެ އެހީ ބޭނުންވެއްޖެއްޔާ އެމީހުންގެ އެހީގައި ފަރުވާ ކުރަން،" ބްރައުން ވިދާޅުވެފައި ވެއެވެ.

ބްރައުންގެ އެ ދަރިކަނބަލުން އުފަން ވުމާއި އެކު ގެންދަން ޖެހުނީ އައިސީޔޫއަށެވެ. އޭނާއަށް ކުރިމަތިވެފައިވާ މައްސަލައިގެ ސަބަބުން ހަށިގަނޑުގެ ބަޔަކަށް އޮކްސިޖަން ނުލިބި، އެބައިގެ ކުލަ ބަދަލުވަމުން ދިޔައީ އެންމެންގެ ކުރިމަތީގައެވެ.

"... އަހަރެންނަށް އެތަން ފެނުމުން އަހަރެންނަށް އިހުސާސް ކުރެވުނީ ކޮންމެވެސް ބާރުގަދަ ފަރާތެއްގެ މަދަދަށް އަހަރެން އެދެން ޖެހެޔޭ،" ދުއާއެއް ކުރައްވަން ގަސްދު ކުރެއްވުނު ގޮތާއި ބެހޭ ގޮތުން ބްރައުން ވިދާޅުވެފައި ވެއެވެ.

ހޮސްޕިޓަލުގެ އަޅުކަން ކުރާ ކޮޓަރިއަށް ވަޑައިގެން އޭނާ ދުއާއެއް ކުރެއްވިއެވެ. އޭނާ ދުއާ ކުރެއްވީ ދީނެއް ނުދަންނަ މީހެއްގެ ދުއާއެވެ.

"... އަހަރެން ކުރީ ދީނެއް ގަބޫލު ނުކުރާ މީހެއްގެ ދުއާ. އޭ ކަލާންގެއޭ، ކަލަކު ވަންޏާ، އަހަރެން އެހީ ބޭނުމޭ. ކަލަކު ވަންޏާ، އެއީ އަހަރެންނަކަށް ޔަގީނެއް ނޫން ކަލަކު ވޮޑިގެންވާ ކަން،" ބްރައުން ވިދާޅުވެފައި ވެއެވެ.

އެދުއާއާއި އެކު އޭނާ ވަޢުދެއް ވެސް ވެވަޑައިގެންނެވިއެވެ. ދަރިކަނބަލުން އެހާލަތުން ސަލާމަތް ކުރައްވައިފި ނަމަ، ޚާލިޤު ރުހިވޮޑިގަންނަވާ ދީނެއް ހޯއްދަވަން މަސައްކަތްކޮށް، އެދީނަކަށް ތަބަޢަ ވެވަޑައިގަންނަވާނެ ކަމުގެ ވަޢުދެވެ. އަދި އެ ދީނަކަށް މަގު ދެއްކެވުން އެދި ދުޢާ ވެސް ކުރެއްވިއެވެ.

ދުޢާ ކުރެއްވުމުގައި އެންމެ 15 މިނެޓް ހޭދަކުރެއްވުމަށް ފަހު އައިސީޔޫއަށް ވަޑައިގެންނެވުމުން އޭނާއަށް ފެނިވަޑައިގެންނެވީ ގަބޫލު ކުރައްވަން ދަތި މަންޒަރެކެވެ. ދަރިކަނބަލުންގެ ހާލުކޮޅު ވަނީ މުޅިން ރަނގަޅުވެފައެވެ. ތަޖުރިބާކާރު ޑޮކްޓަރެއްގެ ހައިސިއްޔަތުން އެކަން ރަނގަޅުވާނެ ސިއްހީ އެއްވެސް ހަމައެއް އޭނާއަކަށް ވިސްނިވަޑައެއް ނުގެންނެވިއެވެ. އެތަނުގައި ތިއްބެވި އެހެން ޑޮކްޓަރުން ވެސް ތިއްބެވީ ހައިރާންކަން މަތީގައެވެ.

"... އަހަރެމެންގެ އަތުގައި އޮތް އެކުއްޖާގެ ހިތުގެ އަލްޓްރާ ސައުންޑް ފިލްމު، އެއިން އެނގޭ އެކުއްޖާގެ ހިތުގެ އެ މައްސަލަ ހުރިކަން. ދެން އަހަރެމެން ފަހުން އަނެއްކާ އެކުއްޖާގެ ހިތުގެ އަލްޓްރާ ސައުންޑް ފިލްމެއް ހެދިން. އެއިން ވެސް ފެނުނީ އޭނާގެ ހިތް މުޅިން ރަނގަޅުވެފައިވާކަން،" އަޖާއިބު ކުރުވަނިވި އެހާދިސާ ހިނގި ގޮތް ކިއުއްވައި ދެއްވަމުން ބްރައުން ވިދާޅުވެފައި ވެއެވެ.

އެއަށް ފަހު އޭނާ ފުރަތަމަ ދިރާސާ ކުރެއްވީ ޔަހޫދީ ދީނެވެ. ދެން ދިރާސާ ކުރެއްވީނަޞާރާ ދީނެވެ.

އޭނާ ވިދާޅުވެފައިވަނީ ނަޞާރާއަކަށް ނުވެވުނީ އެދީނުގައި ހުރި ދެކޮޅު ނުޖެހޭ ގިނަ ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ. އެގޮތުން އުފެދުނު ގިނަ ސުވާލުތަކެއް އެދީނުގެ އެކި އެކި މަޒްހަބުތަކުގެ ފާދިރީންނަށް ކުރިމަތި ކުރުމުން ވެސް ގަބޫލު ކުރެވޭ ފަދަ ޖަވާބުތަކެއް ނުލިބުނު ކަމަށް ވިދާޅުވެފައި ވެއެވެ.

( އެގޮތް މިގޮތަށް ބަދަލު ގެނެސްފައިވާ ) ސަމާވީ ފޮތްތައް ދިރާސާ ކުރެއްވުމުން ޑރ. ބްރައުންއަށް އެނގިވަޑައިގެންނެވީ ޢީސާ ޢަލައިހިއް ސަލާމް އަށް ފަހު އަދި ރަސޫލަކު ފޮނުއްވާނެ ކަމަށް އެ ފޮތްތަކުގައިވާ ކަމެވެ.

" މޫސާ ( ޢަލައިހިއްސަލާމް ) ވާހަކަ ދައްކަވާފައިވަނީ ތިން ބޭކަލަކާ ބެހޭ ގޮތުން. ދެބޭކަލެއް މި އެނގެނީ. ޢީސާ ( ޢަލައިހިއްސަލާމް) ވާހަކަފުޅު ދައްކަވާފައި އެބަވޭ އެންމެ ފަހުގެ ރަސޫލާއާ ބެހޭ ގޮތުން. އެންމެ ފަހުގެ ރަސޫލާއަކީ ކޮބައިތޯ؟" އޭނާ އިސްލާމްދީނާއި ބެހޭ ގޮތުން ދިރާ ކުރައްވަން ބޭނުންފުޅުވެވަޑައިގެންނެވި ސުވާލު އުފެދުނު ގޮތް ކިއުއްވައި ދެއްވަމުން ބްރައުން ވިދާޅުވެފައި ވެއެވެ.

ދީންތައް ދިރާސާ ކުރައްވައިގެން ބްރައުންގެ ހިތްޕުޅުގައި އުފެދުނު ހުރިހާ ސުވާލަކަށް ޖަވާބު ލިބިވަޑައިގެންނެވީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއާ ބެހޭ ގޮތުން ދިރާސާ ކުރެއްވުމުންނެވެ.

"... އަހަރެން ޤުރުއާން ކިޔެވިން، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޙަޔާތްޕުޅާ ބެހޭ ގޮތުން ލިޔެފައިވާ ފޮތެއް ކިޔެވިން. އެހިސާބުން އަހަރެންގެ ހުރިހާ ސުވާލަކަށް ޖަވާބު ލިބުނު. ހުރިހާ ކަމެއް އޮޅުން ފިލި، އަހަރެން އިސްލާމްދީން ޤަބޫލު ކުރީމު،" ޑރ. ބްރައުން ވިދާޅުވެފައި ވެއެވެ.

comment ކޮމެންޓް