މަހިބަދޫ ބަލިކޮށް ނިއުއިން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފި

ދިވެހި ޕްރިމިއާ ލީގުގައި ނިއުރޭޑިއަންޓް ޓީމަކާ ދެކޮޅަށް ކުޅެނީ-- ސަން ފައިލް ފޮޓޯ

މަހިބަދޫގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި އުރީދޫ ދިވެހި ޕްރިމިއާ ލީގް ޕްއިންޓް ޓޭބަލްގެ އެއް ވަނައަށް ވޭތުވެދިޔަ ތިން އަހަރުގެ ލީގް ޗެމްޕިއަން ނިއުރޭޑިއަންޓް ޖެހިލައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗްގައި ނިއުއިން ކާމިޔާބު ހޯދީ މަހިބަދޫ ފުރަތަމަ ލަނޑު ޖަހައި ލީޑް ނަގާފައިވަނިކޮށެވެ. މަހިބަދޫއިން ލީޑް ނެގީ މެޗުގެ 20 ވަނަ މިނެޓްގައި ޢިއްޒަތު ޢަބްދުލް ބާރި ތަނަވަސްކޮށްދިން ފުރުސަތަކުން އާދަމް ޝާހިރެވެ. މަހިބަދޫއަށް ލީޑްގައި އޮވެވުނީ އެންމެ ފަސް މިނެޓެއް ހާއިރު އެވެ.

ނިއުއިން ނަތީޖާ ހަމަހަމަ ކުރީ މަހިބަދޫގެ ޕެނަލްޓީ އޭރިއާ ތެރެއިން ނިއުގެ ޢަލީ ފާސިރު (ސެންޓޭ) އަށް މަހިބަދޫގެ ޑިފެންޑަރު އަޙްމަދު ނުހާދު ކުރި ފައުލަކާ ގުޅިގެންނެވެ. މެޗްގެ 26 ވަނަ މިނެޓްގައި ނިއުގެ ޕެނަލްޓީ ކާމިޔާބު ކުރީ ވިލިއަމް މެކޯއެވެ. ނިއުއިން ލީޑް ނެގީ މެޗްގެ 59 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ކޯނަރު ވިލިއަމް މެކޯ ނެގުމުން ޕެނަލްޓީ އޭރިއާއަށް ހުރަސްވި ބޯޅަ މުޙައްމަދު ޝިފާން (ކުޑައްޓޭ) ބޮލުނ ްފޮނުވާލައިގެންނެވެ.

މެޗްގައި ލަނޑުޖަހާނެ އިތުރު ފުރުސަތުތަކެއް ނިއުއަށް ވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން ސެންޓޭއާއި ހަމްޒާ މުޙައްމަދު (ހަމްޕް) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ. މެޗުން މޮޅުވުމުން ލިބުނު ތިން ޕޮއިންޓާއެކު ނިއު ތާވަލްގެ އެއްވަނައިގައި އޮތީ ދިހަ ޕޮއިންޓް ލިބިގެންނެވެ. އެޓީމްގެ ފަހަތުން ދެ ވަނައިގައި އޮތީ އީގަލްސްއެވެ. އެޓީމަށް ލިބފައިވަނީ އަށް ޕޮއިންޓެވެ. މާޒިޔާއަށްވެސް ވަނީ މިއަދަދަށް ޕޮއިންޓް ލިބިފައެވެ. ނަމަވެސް ލަނޑުގެ ތަފާތުން އެޓީމަށް ލިބެނީ ތާވަލްގެ ތިން ވަނަ އެވެ.

comment ކޮމެންޓް