ފަހަތުން އަރައި ބީޖީން މާޒިޔާ ހިފަހައްޓައިފި

މާޒިޔާއާއި ބީޖީ ބައްދަލުކުރި މެޗްގައި މާޒިޔާގެ ޕަބެލޯ އަތުބް ބޯޅަ ހޯދުމަށް ތީސީގެ ކުޅުންތެރިޔަކު މަސައްކަތް ކުރަނީ: މާޒިޔާ ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ޓީސީއިން ވަނީ ނަތީޖާ ހަމަހަމަކޯށްފައި --- ފޮޓޯ/ މާޒިޔާ

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މާޒިޔާ ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ބީޖީން ފަހަތުން އަރައި ނަތިޖާ ހަމަހަމަކޮށް މާޒިޔާ މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗްގައި މާޒިޔާގެ ކުޅުންތެރިންނަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންގޮސްފައެވެ. އެގޮތުން ޕަބެލޯ ރޮޑްރިގޭޒް އާއި މުޙައްމަދު އުމޭރަށް ލިބިގެން ދިޔަ ފުރުސަތުތައް ފާހަގަކޮށްލަން ޖެހެ އެވެ. ހާއްސަކޮށް މެޗްގެ ކުރީ ކޮޅު ރަނުގެ ފުރުސަތުތަކެއް ޕަބެލޯ އާއި އުމޭރަށް ލިބިގެން ދިޔަ އެވެ.

މާޒިޔާ ފުރަތަމަ ލަނޑު އުމޭރު ކާމިޔާބު ކުރީ ސަމްދޫހް މުޙައްމަދު ތަނަވަސްކޮށްދިން ބޯޅަ ބީޖީގެ ޕެނަލްޓީ އޭރިއާގެ ތެރޭގައި ހުހަށް ހުރެ ކުރިއަށް ފޮނުވާލައިގެންނެވެ.

ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓް ތެރޭގައި އަހްމަދު އިމާޒު (އާއްކޮ) އަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ.

މާޒިޔާގެ ލީޑް ފުޅާކޮށްދިނީ މެޗްގެ 76 ވަނަ މިނެޓްގައި މުޙައްމަދު ސާއިފު ތަނަވަސްކޮށްދިން ފުރުސަތަކުން އަޙްމަދު ނާޝިދު (ނާއްޓޭ) އެވެ.

ބީޖީން ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރީ މެޗްގެ ފަހު 10 މިނެޓްގަ އެވެ. އެގޮތުން އެޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗްގެ 81 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ބީޖީގެ ބިދޭސީ ފޯވަޑް އެންތޮނީ ގިލްބާޓެވެ.

އެ ޕެނަލްޓީއަކީ މާޒިޔާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ ސާއިފް ބީޖީގެ ޢަބްދުﷲ މުއާޒުއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

ބީޖީގެ ފުރަތަމަ ލަނޑު ޖެހިތާ ހަތަރު މިނެޓް ފަހުން އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ އިބްރާހިމް އަފުލަހް ތަނަވަސްކޮށްދިން ފުރުސަތަކުން އިބްރާހިމް ޝިއާމު (ދޮނާ) އެވެ.

ރޭގެ މެޗްގައި މާޒިޔާއިން ވަނީ ވޯލްޑްކަޕް ކޮލިފައިންގައި މިދިޔަ މަހު 16 ވަނަ ދުވަހު ހޮންކޮންއާ ދެކޮޅަށް ގައުމީ ޓީމް ކުޅުނު މެޗްގައި އަނިޔާވެގެން ދަނޑުން ބޭލި މާޒިޔާގެ ކެޕްޓަން އަސަދުﷲ ޢަބްދުﷲ ކުޅެން އަރުވާފަ އެވެ.

ރޭގެ މެޗުން ލިބުނު ޕޮއިންޓަކާއެކު އަށް ޕޮއިންޓް ލިބިގެން މާޒިޔާ އަދިވެސް އޮތީ ތާވަލުގެ ދެ ވަނައިގަ އެވެ. އެޓީމާ އެއްވަރަށް ޕޮއިންޓް ލިބިގެން ލަނޑުގެ ތަފާތުން ދެ ވަނައިގައި އޮތީ އީގަލްސް އެވެ.

ހަތް ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައިގައި އޮތް ނިއުރޭޑިއަންޓް މިރޭ ނުކުންނާނީ މަހިބަދޫއާ ދެކޮޅަށެވެ. މި މެޗުން ނިއުރޭޑިއަންޓް މޮލުވެއްޖެނަމަ އެޓީަމށް ތާވަލްގެ އެއް ވަނަ ލިބޭނެއެވެ.

އެ މެޗް ކުޅޭނީ މިރޭ 10:00 ގައެވެ.

comment ކޮމެންޓް