ޤުރުއާނާ ސައިންސްގެ އަލީގައި ބިމާ ބެހޭގޮތުން މައުމޫން އަގުހުރި މައުލޫމާތުތަކެއް ދެއްވައިފި

މިރޭގެ ޖަލްސާގައި ރައީސް މައުމޫން ވާހަކަފުޅުދައްކަވަނީ ----- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބިމާއި ބިމުގައިވާ ހުރިހާ ދިރޭތަކެއްޗެއް ދިރިތިބުމަށް ބޭނުންވާ ކަންކަމުގެ އިތުރުން އިރަވީ ނިޒާމާގުޅޭ ވަރަށް ފުރިހަމަ މައުލޫމާތުތަކެއް ސައިންސްގެ އަލީގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް މިރޭ ދެއްވައިފި އެވެ.

އެމަނިކުފާނު އެ މައުލޫމާތުތައް ދެއްވާފައި ވަނީ "މައުމޫން ފައުންޑޭޝަން" އިން ރަމަޟާންމަހުގެ ރޭތައް އިހްޔާކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މައުމޫން މިރޭ ދެއްކެވި ވާހަކަފުޅު ބޮޑަށް އަމާޒުކުރެއްވީ، ބިމާގުޅޭ މައުލޫމާތާއި އެތަނުގައި މާތް ﷲ ލައްވަވާފައިވާ ދިރޭތަކެތި ދިރިތިބުމަށް ކޮންމެހެން ބޭނުންވާ ކަންކަމާ ގުޅެގޮތުންނެވެ. އެގޮތުން ކޮންމެ ކަމެއްވެސް ވަކި "ލިމިޓެއްގައި" ބެހެއްޓިގެން ކަންކަން ހިނގަމުން ދާގޮތް ރައީސް މައުމޫން ވަނީ ވަރަށް ފުރިހަމައަށް ބަޔާންކޮށް ދެއްވައިފައެވެ.

އެމަނިކުފާނު ދެއްކެވި ވާހަކަފުޅުން ފާހަގަކޮށްލެވޭ ބައެއް ކަންކަމަށް ބަލާއިރު އިންސާނުން ދިރިއުޅެމުން މި އަންނަ ބިން ނުވަތަ ދުނިޔެއާއި އިރާ ދޭތެރޭ އޮންނަ ދުރުމިނުގައި ހުންނަ ވަރު ވަނީ ކިޔާދެއްވާފަ އެވެ.

ބިމާ އުޑާ ދޭތެރޭގެ ދުރުމިން

އެމަނިކުފާނު ވިދާޅުވީ ދުނިޔެއާ އުޑާ ދެމެދުގެ ދުރުމިނުގައި 93 މިލިއަން މޭލް ހުންނަ ކަމަށެވެ. އެ ދުރުމިން ކައިރިވެއްޖެނަމަ ވާނެ ގޮތް އަދި ދުރުވެއްޖެ ނަމަ ވާނެ ގޮތް އެމަނިކުފާނު ވަނީ ކުރު އިބާރާތަކުން ދޭހަވާގޮތަށް ބަޔާންކޮށްދެއްވައިފައެވެ. އެގޮތުން މިހާރު އޮތްވަރަށް ވުރެ ދުނިޔެއާ އުޑާ ދެމެދުގެ ދުރުމިން އިތުރަށް ދުރުވެއްޖެ ނަމަ ފިނި ގަދަވެގެން އަދި ކައިރިވެއްޖެ ނަމަ އިންތިހާއަށް ހޫނުވެގެން އިންސާނުންނަށް އަދި އެހެނިހެން ދިރޭތަކެއްޗަށް ބިމުގައި ނޫޅެވޭނެކަން އެމަނިކުފާނު ވަނީ މިސާލާއެކު ބަޔާންކޮށްދެއްވާފައެވެ.

ބިން އޭގެ އަމިއްލަ ޒާތުގައި ދައުރުކުރާ ބާރުމިން

ބިން އޭގެ އަމިއްލަ ޒާތުގައި ދައުރުކުރާ ބާރުމިނަށް ބަލާލާއިރު، އިރު ވަށައިގެން ގަޑިއަކު 1000 މޭލުގެ ބާރުމިނުގައި ދުނިޔެ ދަތުރުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަހަރެއްގެތެރޭގައި 365 ދުވަސް އަންނަނީ އެ ސަބަބާ ހުރެއެވެ. އެއީ ދިރޭތަކެތި ބިމުގައި ދިރި ތިބުމަށް ވަރަށް މުހިންމު ކަމެއް ކަމަށާއި ވައިރޯޅި އުފެދެނީ ދުނިޔެ އެނބުރޭތީކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން އެނބުރުން އިތުރުވެ ސްޕީޑް ބާރުވެއްޖެނަމަ ނުރައްކާތެރި ތޫފާނުތައް އުފެދި ދުނިޔެއަށް ގެއްލުންތައް ކުރިމަތިވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެނބުރުން އެއަށްވުރެ މަޑުވެއްޖެނަމަ، "ގްރެވިޓީ އެއްގެ ބާރުގައި" އުތުރު ޕޯލާ ދެކުނު ޕޯލާ ދެދިމާލަށް ދުނިޔޭގައި ލައްވާފައިވާ ހުރިހާ ފެނެއް ދަމައިގަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ބިމުގެ އެކްސިސް ނުވަތަ ނާރެސް

ރައީސް މައުމޫން ވިދާޅުވީ، ބިމުގެ އެކްސިސް ނުވަތަ ނާރެސް އެ ހުންނަނީ 23.5 ޑިގްރީ ކަތިކޮށް ކަމަށެވެ. އަހަރެއްގެތެރޭގައި ހަތަރު މޫސުން އުފެދެނީ އޭގެ ސަބަބުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ބިމުގެ ވަށައިގެންވާ ޖައްވުގެ ފަށަލަ

ބިމުގެ ވަށައިގެންވާ ޖައްވުގެ ފަށަލައާ ބެހޭގޮތުން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލި އަޅުއްވާލެއްވި އެވެ. އެއީ އަޅުގަނޑުމެންނަށް މަޑު ނޫކުލައިގައި މަތިން ފެންނަ ފަށަލަ އެވެ. އެ ފަށަލައިގައިވާ ފައިދާތަކަށް ބަލާލާއިރު އޭގައި 21 ޕަސެންޓް އޮކްސިޖަން އަދި 71 ޕަސެންޓް ނައިޓްރޯޖަން ހިމެނެ އެވެ. އެ ފަށަލަ ނެތްނަމަ ދުނިޔޭގައި އެއްވެސް ދިރުމެއް ނޯންނާނެ ކަމަށް އެމަނިކފާނު ވިދާޅުވި އެވެ. އޭގެތެރޭގައި އެ ފަށަލައިގައި އޮކްސިޖަން ހުރުމާއި އިރުން ލިބޭ ހޫނުކަން ރައްކާކުރުމާއި ހިފެހެއްޓުން، ޔޫވީ ރޭ އިން ސަލާމަތްކުރުން އަދި ގިނިހިލަތައް ބިމާ ހަމައަށް އަޔަނުދީ އެންދުން ހިމެނެ އެވެ.

ބިމުގައިވާ ކަނޑުތައް

ކަނޑުތައް ލައްވާފައިވާ ވަރާއި އޭގެ ފައިދާތައް ކީރިތި ޤުރުއާނުގެ އަލީގައި އެމަނިކުފާނު ވަނީ ވަރަށް ފުރިހަމައަށް ބަޔާންކޮށް ދެއްވާފަ އެވެ.

މީގެ އިތުރުން ވެސް ހާއްސަ ޕްރެޒެންޓޭޝަނަކާ އެކު އެމަނިކުފާނު ވަނީ ބިމާއި، އިރަވީ ނިޒާމާގުޅޭ ފުރިހަމަ މައުލޫމާތުތަކެއް ދެއްވާފަ އެވެ. "މި ހުރިހާކަމެއް މިހާ ފުރިހަމައަށް، ކޮންމެ އެއްޗެއް ވެސް އެންމެ ބޭނުންވާ ބޭނުންހިފޭ މިންވަރަށް، ގުޅިގެންދާ ގޮތަށް ލައްވަވާފައި ވަނީ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމުން" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިރޭ ބޭއްވި އިހްޔާކުރުމުގެ ޖަލްސާގެ ތެރެއިން ----- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރޭގެ ޖަލްސާގައި ވެސް ދައުލަތުގެ ބައެއް ވަޒީރުންނާއި ބައެއް މަޖިލިސް މެންބަރުންގެ އިތުރުން ގިނަ އާންމު ރައްޔިތުންތަކެއް ވަނީ ބައިވެރިވެ މައުލޫމާތު ލިބިގެންފަ އެވެ.

comment ކޮމެންޓް