އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި ވިކްޓްރީގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ވެލެންސިއާ ކާމިޔާބު ހޯދައި އެޓީމުން ލީގްގައި ފުރަތަމަ ފަހަރަށް މޮޅުވެއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗްގައި ފުރަތަމަ ލީޑް ނެގީވެސް ވެލެންސިއާއިންނެވެ.
މެޗްގެ 13 ވަނަ މިނެޓްގައި ވިކްޓްރީގެ ޕެނަލްޓީ އޭރިއާގެ ބޭރުން ވެލެންސިއާއަށް ލިބުނު ހިލޭ ޖެހުން ކުރިއަށް ފޮނުވާލައިގެން ވެލެންސިއާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ޓްރާންސްފަރ ޕީރިއަޑުގައި ނިއުއިން ވެލެންސިއާއަށް ވިއްކާލި އަކުރަމް ޢަބްދުލް ޣަނީއެވެ.
ވިކްޓްރީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗްގެ 44 ވަނަ މިނެޓްގައި ވެލެންސިއާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވިކްޓްރީއިން ނެގި ހުރަސް އަޙްމަދު ނިޔާޒު ކުރިއަށް ފޮނުވާލައިގެންނެވެ.
މެޗްގައި ވިކްޓްރީއަށް ލީޑް ނަގައިދިނީ މެޗްގެ 59 ވަނަ މިނެޓްގައި ނައިޖީރިއާގެ މިޑްފީލްޑާ ޗިޒީ ކަކާ ޗިންޑާ ވެލެންސިއާގެ ޕެނަލްޓީ އޭރިއާގެ ބޭރުން ކުރިއަށް ފޮނުވާލައިގެންނެވެ.
މެޗްގައި ވިކްޓްރިއަށް މައްސަލަތަކެއް ކުރިމަތިވީ މެޗްގެ 66 ވަނަ މިނެޓްގައި އެ ޓީމްގެ ބިދޭސީ މިޑްފީލްޑާ ޢަބްދުލް ޤާދިރު ކްއާޓަރާއަށް ދެވަނަ ރީނދޫ ކާޑައެކު ރަތްކާޑު ދެއްކުމުންނެވެ.
އޭގެ ފަސް މިނެޓް ފަހުން މެޗްގެ 71 ވަނަ މިނެޓްގައި ވެލެންސިއާއަށް ނަތީޖާ ހަމަ ހަމަ ކޮށްދިނީ އަކުރަމް ތަނަވަސްކޮށްދިން ފުރުސަތަކުން އަޙްމަދު ރިލްވާންއެވެ.
ވެލެންސިއާ މެޗް މޮލުވުި ލަނޑު އެޓީމަށް ކަމިޔާބުކޮށްދިނީ އެޓީމްގެ ހަމްގޭރީ ފޯވަޑް ވެލްޑިސްލާވް މިރުޗޭވް އެވެ.
މިމެޗުން ލެންސިއާ މޮޅުވުމުން ހަތަރު ޕޮއިންޓާއެކު އެޓީމް އޮތީ ތާވަލްގެ ހަތް ވަނައިގަ އެވެ.
މެޗަށް ފަހު ވާޖަކަ ދައްކަމުން ވެލެންސިއާގެ ކޯޗް މުޙައްމަދު އިޤްބާލް ބުނީ ރޭގެ މެޗުން މޮޅު ނުވިނަމަ ވެލެންސިއާ ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓޭނެ ކަމަށާއި ތިން ޕޮއިންޓް ލިބުމުން ލީގްގައި ކުރިއަށްދާ ފުރުސަތެއް ލިބުނީ ކަމަށެވެ.
"ދެން ކުޅެން އޮތް މެޗް ފަސޭހަ އެއް ނުވާނެ. އެކަމަކު ލިބުނު ތިން ޕޮއިންޓާއެކީ މިހާރު މަދުވެގެން އުޅޭ ތިން ޕޮއިންޓް ލިބުނީ. މޮޅެއް ބޭނުންވީ އެހެންވީމަ ކޮންފިޑެންސް ރަނގަޅުވާނެ ކަމަށް ބެލެނީ،" އިޤްބާލް ބުންޏެވެ.
ވެލެންސިއާ ދެން ކުޅެންޖެހޭނީ ނިއުރޭޑިއަންޓާ ދެކޮޅަށެވެ.
ވިކްޓްރީގެ ކޯޗް އަހްމަދު ނާޝިދު (ނާދު) ވަނީ ރެފުރީއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.
"ފުރަތަމަވެސް ރެފުރީއަށް ސާބަސް ދޭން ބޭނުމީ. 90 މިނެޓް އެހަ ބުރަކޮށް މަސައްކަތް ކުރީމަ އެކަމަށް ސާބަސް. ވެލެންސިއާ މިހާރު އޮތް ހިސާބުން އެނގޭނެ ވެލެންސިއާއަށް ވަމުންދާނެ ގޮތާ އެއްޗިހި އެހެންވީމަ ބަޔަކު މީހުން ބުނެގެންހެން އަޅުގަނޑަށް ހީވަނީ ރެފުރީވެސް ޖެހޭނެ މަސައްކަތްކޮށްދޭން"
ނަދު ބުނީ ވިކްޓްރީގެ ކުޅުން ގޯސް ނޫންކަމަށައި މައްސަލަ ދިމާވީ ބިދޭސީ ކުޅުންތެރިޔާއަށް ރަތް ކާޑު ދެއްކި ހިސާބުން ކަމަށެވެ. އަދި ރޭގެ މެޗްގައި ވިކްޓްރީއަށް ލިބެންޖެހޭ ޕެނަލްޓީ ނުދިނުމުން ނާދު ވަނި ރެފްރީއަށް ފާޑު ކިޔާފައެވެ.
ލީގްގައި މިރޭ ކުޅޭ މެޗްގައި ބައްދަލު ކުރާނީ އީގަލްސްއާ ޓީސީއެވެ. މިމެޗްވެސް ފެށޭނީ ރޭގަނޑު 10:00 ގައެވެ.