މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ

މީގެ 126 އަހަރު ކުރީން މައްކާގެ ރައްބޭރުގައި ޖަހާފައިވާ ހައްޖު ފޭލިގެތަކެއްގެ މަންޒަރު -- ފޮޓޯ: ރެޑްއިޓް.ކޮމް

ޤަދީމީ މައްކާގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އުފަންވެވަޑައިގަތްއިރު، މައްކާގައި އޮތީ ޝިރުކުގެ ވަބާ ވަރަށް ބޮޑަށް ފެތުރިފައެވެ. ހުރިހައި ފައިދާތަކެއް ގުޅިފައި އޮތީ ޝިރުކާއެވެ. އެހެންނަމަވެސް އެކަލޭގެފާނު، އެކަލޭގެފާނު އަމިއްލަ ނަފްސު، އެ ޙާލަތަށްވުރެ މައްޗަށް އުފުއްލެވި އެވެ. ޙާލާތުގެ ފައިދާ ހޯއްދެވުމުގެ ބަދަލުގައި އެކަލޭގެފާނު ފެއްޓެވީ ޙައްޤަކީ ކޮބައިތޯ ހޯއްދެވުމުގެ މަސައްކަތްޕުޅެވެ. ﷲ ގެ މަދަދު އެކަލޭގެފާނަށް ލިބިވަޑައިގަތެވެ. އެކަލޭގެފާނަށް ހިދާޔަތުގެ އަލިމަގު ފެނިވަޑައިގަތެވެ. އޭގެ ފަހުން ﷲ އެކަލޭގެފާނަށް ނަބިކަން ދެއްވިއެވެ.

އެކަލޭގެފާނު ވެވަޑައިގަތީ ﷲ އަށް ތެދުވެރިކަމާއެކު އަޅުކަން ކުރައްވާ ބޭކަލަކަށެވެ. އެކަލޭގެފާނުގެ ހުރިހައި ޖަޒުބާތެއްގެ މައިގަނޑަކަށް ހެއްދެވީ ހަމައެކަނި އެއްކައުވަންތަ ﷲ އެވެ. އެކަލޭގެފާނުގެ މުޅި ވުޖޫދު ﷲ އަށް ވަޤުފުކޮށްލެއްވި އެވެ. ހަމައެކަނި ދުވާލަކު ނޫނެވެ. ރޭގަނޑުވެސް އެކަލޭގެފާނު ﷲ އަށް އަޅުކަން ކުރެއްވީ އެވެ. ހަމައެކަނި މީހުން ކުރިމަތީގައެއް ނޫނެވެ. މީހުންނަށް ނުފެންނަތާނގައިވެސް އެކަލޭގެފާނު ގެންދެވީ އަޅުކަން ކުރައްވަމުންނެވެ.

އެކަލޭގެފާނު ފުރިހަމަ އަޚްލާޤަކީ އެކަލޭގެފާނުގެ ފޭރާންކޮޅެއް ކަމުގައި ހެއްދެވި އެވެ. މީސްތަކުން އެކަލޭގެފާނާމެދު ނުބައިކޮށް ކަންތައް ކުރީމާވެސް، އެކަލޭގެފާނު އެމީހުންނާމެދު ކަންތައް ކުރައްވަމުން ގެންދެވީ ނުހަނު ރަނގަޅު ގޮތުގައެވެ. މީސްތަކުން އެކަލޭގެފާނަށް އަނިޔާ ކުރި އެވެ. އޭގެ ބަދަލުގައި އެކަލޭގެފާނު އެމީހުންނަށްޓަކައި ހެޔޮ ދުޢާ ކުރައްވަމުން ގެންދެވި އެވެ.

އަނިޔާވެރިންގެ އަނިޔާއަށް އެކަލޭގެފާނު ކެތްތެރިވެވަޑައިގަތެވެ. ކޯފާ އިސްކުރައްވަން ޖެހޭ ޙާލަތްތަކުގައިވެސް އެކަލޭގެފާނު ކޯފާ އިސްކުރައްވައެއް ނުހައްދަވައެވެ.

އަމިއްލަފުޅު ވަޒަނުގައި އުޅުއްވުމަކީ ދަތިފުޅު ކަމަކަށް މުޝްރިކުން ހެދި އެވެ. މަޖުބޫރުވެވަޑައިގެން ވަޒަން ދޫކުރައްވައި އެކަލޭގެފާނު ހިޖުރަ ކުރެއްވި އެވެ. މައްކާ ދޫކުރައްވައި މަދީނާއަށް ވަޑައިގަތެވެ. އެކަލޭގެފާނު ވަޒަން ދޫކޮށްލެއްވުން ހިޖުރައަކަށް ހެއްދެވި އެވެ. އެކަލޭގެފާނާ ދެކޮޅަށް ހަނގުރާމަ ކުރަން މީސްތަކުން މަސައްކަތް ކުރި އެވެ. އެހެންނަމަވެސް އެކަލޭގެފާނު ނުހަނު ވަރުގަދަ ޢަޒުމްފުޅަކާއެކު ދައްކަވަމުން ގެންދެވީ ހަނގުރާމައިގެ ބާރަށްވުރެ، އަމާންކަމާއި ޞުލްޙައިގެ ބާރު މާގަދަ ކަމުގައެވެ.

އެކަލޭގެފާނަށް މަޝްހޫރުކަމާއި މަޤްބޫލުކަން ލިބިވަޑައިގަތެވެ. އެކަމަކު އެކަލޭގެފާނު އެއިން ކަމަކަށް ބޮޑާވެވަޑައެއް ނުގަނެއެވެ. އެކަލޭގެފާނަށް މުއްސަނދިކަން ލިބިވަޑައިގަތެވެ. އެހެންނަމަވެސް އެކަލޭގެފާނު އުޅުއްވީ ބޭކާރު އަރާމާއި، އުފަލާ ދުރުގައެވެ. އެކަލޭގެފާނަށް ވެރިކަން ލިބިވަޑައިގަތެވެ. އެކަމަކު ވެރިކަމުގެ ސަބަބުން އެކަލޭގެފާނުގެ ތަވާޟުޢުވެރިކަން އިތުރުވެގެން ދިޔައީ އެވެ. އެކަލޭގެފާނަށް ހުރިހައި މަތިވެރިކަމެއް ލިބިވަޑައިގަތެވެ. އެކަމަކު އެމަތިވެރިކަމުގެ ސަބަބުން އެކަލޭގެފާނުގެ އަޅުވެރިކަމާއި، މަޑުމައިތިރިކަން އިތުރުވެގެން ދިޔައީ އެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ވަނީ އެކި ކަހަލަ ދަތި އުނދަގޫތަކާ ކުރިމަތިލައްވާން ޖެހިވަޑައިގެންފައެވެ. އެކަލޭގެފާނު ވަނީ އެތައް ހިތި ތަޖްރިބާއެއް ކުރައްވާފައެވެ. އަތްޕުޅުމަތި ދަތި ދުވަސްވަރު އެކަލޭގެފާނު ވަނީ ދެކެވަޑައިގެންފައެވެ. އަރާމާއި، ތަނަވަސްކަމުގެ ދައުރުވެސް ވަނީ ތަޖްރިބާ ކުރައްވާފައެވެ. ފުރިހަމަ ޞިއްޙަތުފުޅަކާއި، ބަލިޙާލުކޮޅުވެސް ވަނީ ކުރިމަތިވެ ވަޑައިގެންފައެވެ. އެކަލޭގެފާނު ވަނީ ތާރީފުކުރާ މީހުންނާވެސް ބައްދަލު ކުރައްވާފައެވެ. އަދި ދެކޮޅުވެރިކަމާއެކު ފާޑުކިޔާ މީހުންނާވެސް ކުރިމަތިލައްވާފައެވެ. ދިރިއުޅުއްވުމުގައި ހަތުރުންނާއި، މިތުރުންނާ މުޢާމަލާތް ކުރެއްވި އެވެ. ބަލިވުމާ ކުރިމަތިލެއްވި އެވެ. ނުހަނު ބޮޑެތި ކާމިޔާބީ ހޯއްދެވި އެވެ. އެހެންނަމަވެސް މިއިން ކޮންމެ ޙާލަތެއްގައިވެސް އެކަލޭގެފާނު ވަނީ އީމާންކަމުގައި ގާއިމުވެ ހުންނަވާފައެވެ. ކޮންމެ ޙާލަތެއްގައިމެ، ﷲ އަށް ޝުކުރު ކުރައްވައި، ކެތްތެރިވެ ވަޑައިގަތެވެ.

comment ކޮމެންޓް