ﷲ އާ އެއްފަދަ އެެއްވެސް ފަރާތެއް ނުވޭ

ކީރިތި ޤުރްއާނުގައި ﷲ އާ ބެހޭ ގޮތުން އަންގަވައިފައިވަނީ އެފަދަ އެއްވެސް ފަރާތެއް ނެތްކަމުގައެވެ. (އައްޝޫރާ 11) ﷲ އަކީ ކޮންމެ ގޮތަކުން ބެލިނަމަވެސް އެހެން ހުރިހައި އެއްޗަކަށް ނުވަތަ ކަމަކަށްވުރެ މަތިވެރި ފަރާތެކެވެ. ﷲ ގެ މަތިވެރިކަމުގެ ސަބަބުން އެހެން ހުރިހައި އެއްޗެއްގެ ކަލަކަށް ވެވޮޑިގަތުމުގެ ޙައިސިއްޔަތު ލިބިވޮޑިގެން ވަނީއެވެ. އެހެން ހުރިހައި އެއްޗަކަށް ޖެހެނީ ﷲ ގެ ކުރިފުޅުމަތީގައި ބޯތިރިކުރާށެވެ. އެހެން ހުރިހައި އެއްޗަކަށް ޖެހެނީ ﷲ އަކީ އެންމެ މަތިވެރި ފަރާތްކަމަށް ގަބޫލުކޮށް ﷲ ގެ ކުރިފުޅުމަތީގައި ދެރަވެގަންނާން ރުހޭށެވެ.

ﷲ ވަނީ އެކަލާނގެ ޒާތުފުޅުގައި ގާއިމުވެވޮޑިގެންނެވެ. އިންސާނާ އުފެދުނީ ﷲ އުފެއްދެވީމައެވެ. ﷲ ގެ ޒާތުފުޅު އެއަށްވުރެ މާ މަތިވެރިއެވެ. ﷲ އަކީ އެއްވެސް ފަރާތަކުން އުފެއްދެވި ފަރާތެއް ނޫނެވެ. ﷲ ގެ ވުޖޫދަކީ މުޅީން މުސްތަޤިއްލު ވުޖޫދެކެވެ. ﷲ ތާއަބަދަށް ދެމިވޮޑިގެންވާނެއެވެ. ﷲ އަކީ އެއްކައުވަންތަ ކަލެކެވެ. އެއީ އެއްވެސް ފަރާތަކަށް ބޭނުންވެވޮޑިގެންވާ ފަރާތެއް ނޫނެވެ. ﷲ އަކަށް ބަފައިކަލަކު ނުވެއެވެ. އަދި ދަރިކަލަކުވެސް ނުވެއެވެ. ﷲ އާ އެއްފަދަ އެހެން އެއްވެސް ފަރާތެއް ނުވެއެވެ.

ﷲ އަކީ ނެތުމުގެ ތެރެއިން އެއްޗެއް އުފެއްދެވުމުގެ ކުޅަދާނަކަން ލިބިވޮޑިގެންވާ ކަލެކެވެ. ކުރިން ނެތް ހުރިހައި އެއްޗެއް ހެއްދެވި ފަރާތަކީ އެއީއެވެ. މާއްދާއާއި ޙަރަކާތާއި އަލިކަމާއި ބާރާއި ޝުޢޫރާއި ތަސްވީރުގައި އަޅުގަނޑުމެންނަށް މިފެންނަ ހުރިހައި އެއްޗަކީ ﷲ އުފެއްދެވި އެއްޗިއްސެވެ. ހުރިހައި އެއްޗެއް ވުޖޫދަށް ގެންނެވީ ﷲ އެވެ.

ﷲ އަށް ވާން ހުރި ކަންތައް އެނގިވޮޑިގެންވެއެވެ. ވެދިޔަތަނާއި މިހާރު ހިނގާ ކަންތައްތަކާއި ފަހުން ހިނގާނެ ކަންތައްތައް ﷲ އަށް ފުރިހަމައަށް އެނގިވޮޑިގެން ވެއެވެ. ކާއިނާތުގެ ކަންތައްތައް ފުށުއެރުމެއް ނެތި ވަކި ނިޒާމެއްގެ މަތީން ހިނގަމުން ދަނީ މި އެނގިވޮޑިގަތުމުގެ ސަބަބުންނެވެ. އެއިން އެއްވެސް ނިޒާމަކަށް ދުވަހަކުވެސް ދާއިމީ ގެއްލުމެއް ނުލިބެއެވެ.

ﷲ އަކީ ދިރިދެމިވޮޑިގެންވާ އިލާހެކެވެ. އެއީ ނިންޖާއި ވަރުބަލިވުމުގެ ސިފަތަކަށްވުރެ މާމަތީގައި ވޮޑިގެންވާ އިލާހެކެވެ. މި ފުޅާ ކާއިނާތުގެ ހަމައެކަނި ވެރިއަކީ އަދި ހިންގަވާ ފަރާތަކީ ﷲ އެވެ. އެތައް ހާސް ބިލިއަން އަހަރަކަށްފަހުވެސް ކާއިނާތު ހަމަ އެއް ގޮތަކަށް ހިނގަމުންދާ ސަބަބަކީ އެއީއެވެ. ކާއިނާތު ދުވަހަކުވެސް ކުޑަ އިރުކޮޅަކަށްވެސް ނުހުއްޓެއެވެ. އެއްވެސް ކަމަކަށް ޚަލަލެއް ނާދެއެވެ.

ﷲ އަކީ ބާރުލިބިވޮޑިގެންވާ ފަރާތެކެވެ. ﷲ އަކީ ބާރުލިބިވޮޑިގެންވާ ފަރާތެއް ނޫން ނަމަ އިންސާނާއަށް ބާރު ލިބުނީ ކިހިނެއްތޯއެވެ؟ ﷲ އަކީ ހުރިހައި އެއްޗެއް ދެކެވޮޑިގެންވާ އިލާހެކެވެ. ﷲ ދެކެވޮޑިގެން ނުވާނަމަ އިންސާނާވެސް ވީހީ ފެނުމުން މަޙްރޫމް ވެފައިވާ މަޚްލޫޤަކަށެވެ. ﷲ އަކީ ޝުޢޫރާއި އިރާދައިގެ ވެރި އިލާހެވެ. ﷲ އަށް ޝުޢޫރާއި އިރާދައިގެ ބާރު ލިބިވޮޑިގެން ނުވާނަމަ އިންސާނާގެ ކިބައިގައިވެސް ޝުޢޫރެއް ނެތީހެވެ. އަދި ބޭނުންވާ ގޮތަކަށް ކަމެއް ކުރުމުގެ ބާރުވެސް ނެތީހެވެ. ހުރިހައި އެއްޗަކީ ﷲ އެވެ. އަޅުގަނޑުމެންނަށް އެނގޭ ސިފަތަކާއި ނޭނގޭ ސިފަތަކުގެ ވެރިއަކީ ﷲ އެވެ. މި ދުނިޔޭގައި އަޅުގަނޑުމެންނަށް މި ފެންނަނީ ﷲ ގެ ޚާލިޤުވަންތަކަމެވެ. އަންނާން އޮތް ދުނިޔޭގައި ފެންނާނީ ﷲ ގެ ވެރިކަމުގެ ފުރިހަމަކަމެވެ.

comment ކޮމެންޓް