ރޭގަނޑުގެ ވަގުތުގައި މައްކާގެ މަތިން ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: ވޯލްޑިސްކްޕޭޕަރ

އިސްލާމީ އަޅުކަމުގެ ބޭރުފުށުގެ ސިފައެއް އޮވެއެވެ. ހަމަ އެޔާއެކު އެ އަޅުކަމުގެ ރޫޙެއްވެސް އޮވެއެވެ. ޙަޤީޤަތުގައި އިސްލާމީ އަޅުކަމުގެ މައިގަނޑު ބޭނުމަކީ އެ ރޫޙެވެ.

ނަމާދުގެ ރޫޙަކީ ތަވާޟުޢުވެރިކަމެވެ. ނަމާދުގައި الله أكبر (އެންމެ މަތިވެރި ފަރާތަކީ ﷲ އެވެ.) މިހެން ކިޔުމާއި، ސަޖިދައަށް ތިރިވެގެން ގޮސް ތިމާގެ ބޯ ބިންމަތީގައި ޖައްސައިލުމަކީ ދުނިޔޭގެ ހުރިހައި މަތިވެރިކަމެއް މިލްކުވެވޮޑިގެންވަނީ ﷲ އަށް ކަމަށް އެއްބަސްވުމެވެ.

އަޅަކަށްޓަކައި އޮންނަ އެންމެ ރަނގަޅު ގޮތަކީ އަމިއްލަ ނަފްސު ތިރިކޮށްލުން ކަމަށް އެއްބަސްވުމެވެ. މި އެއްބަސްވުމުގެ ސަބަބުން އާދަމުގެ ދަރިޔާގެ ހިތުގައި ތަވާޟުޢުގެ މިޒާޖު އަށަގަނެއެވެ. މިސްކިތުން ނުކުމެގެން އޭނާ އިންސާނުންގެ ތެރެއަށް އައިސް އޭނާ އެހެން އިންސާނުންނާ މުޢާމަލާތް ކުރާއިރުވެސް ކުރާނީ އެ އުފެދޭ ތަވާޟުޢުވެރިކަމުގެ ޖަޒުބާތާއެކުގައެވެ. ބޮޑާކަމާއި ކިބުރުވެރިކަމާ އެކީގައެއް ނޫނެވެ.

ރޯދައިގެ ރޫޙަކީ ކެތްތެރިވުމެވެ. ރަމަޟާންމަހު ހިތްހަމަ ނުޖެހޭފަދަ ކަންތައްތަކަށާއި، ބައެއް ކަހަލަ މުޢާމަލާތްތަކުގައި ކެތްތެރިކަން އިޚްތިޔާރުކޮށްގެން، އާދަމުގެ ދަރިޔާ އޭނާގެ ކިބައިގައި މުޖުތަމަޢުގައި ކެތްތެރިކަމާއެކު ދިރިއުޅުމުގެ މިޒާޖު އަށަގަންނުވައެވެ. ޖަޒުބާތުތައް އުތުރި އަރައިގަންނަފަދަ ވަގުތުތަކުގައި އޭނާ އެ ޖަޒުބާތުތަކުގެ މައްޗަށް ބާރު ހިންގައި، ނޭދެވޭ ކަންތައްތަކުން ސަލާމަތް ވެގަނެއެވެ.

ޒަކާތުގެ ރޫޙަކީ ހެޔޮއެދުމެވެ. ޒަކާތުގެ ގޮތުގައި ތިމާގެ އަމިއްލަ މަސައްކަތުން ހޯދާ އެއްޗެއްގެ ޙިއްސާއެއް އެހެން މީހުންނަށް ދިނުމުގެ ސަބަބުން، އެހެން މީހުންގެ މައްސަލަތަކަކީ ތިމާގެވެސް މައްސަލަތަކެއް ކަމަށް ބެލުމުގެ މިޒާޖު އާދަމުގެ ދަރިޔާގެ ކިބައިގައި އަށަގަނެއެވެ. އަދި އެހެން މީހުންނަށް ބޭނުން ޖެހޭ ވަގުތު އެމީހުންނަށް އެހީތެރިވާން ދަސްވެއެވެ.

ޙައްޖުގެ ރޫޙަކީ އެއްބައިވަންތަކެމެވެ. ޙައްޖު މޫސުމުގައި މުޅި ދުނިޔޭގެ މުސްލިމުން އެއް ތަނަކަށް ޖަމާވެއެވެ. އެކަކު އަނެކެއްގެ ކިބައިން ފެންނަ ހިތްހަމަނުޖެހޭ ކަންތައްތައް ހަނދާން ނައްތާލާފައި، އެކަތިގަނޑަކަށް ވެގެން ތިބެ އަޅުކަން ކުރެއެވެ. މިއީ އެއްބައިވަންތަކަމާއި، އެކުވެރިކަމުގެ ފިލާވަޅެކެވެ. މީގެ މާނައަކީ ކޮންމެ މުސްލިމަކުވެސް ދެކެން ޖެހެނީ އަނެއް މުސްލިމަކީ ތިމާގެ އަޚެއް ކަމުގައެވެ. އުޅެން ޖެހެނީ އެންމެން އެކީގައި ގުޅިގެންނެވެ. ދެބަސްވުންތަކުގައި ބަނދެވިގެން އުޅުމުގެ ބަދަލުގައި އެމީހުން ދިރިއުޅުން ހޭދަކުރަން ޖެހެނީ އެކުވެރިކަމާއެކު އެއްބައެއްގެ ގޮތުގައެވެ.

އިންސާނާގެ ހަށިގަނޑު ފަނާނުވެ އޮތަސް، އޭނާގެ ރޫޙް ނުކުމެގެން ހިނގައްޖެނަމަ އިންސާނާ މަރުވެދާނެއެވެ. ހަމައެފަދައިން އަޅުކަމުގެ ބޭރުފުށުގެ ސިފަތައް ހުރި ކަމުގައި ވިޔަސް، ރޫޙެއް ނެތްނަމަ، އެފަދަ އަޅުކަމެއް ވާނީ މުޅަ އަޅުކަމަކަށެވެ. ދިރިހުރި އަޅުކަމެއްގެ ސަބަބުން ލިބޭ ފައިދާއެއް މުޅަ އަޅުކަމަކުން ނުލިބޭނެއެވެ.

comment ކޮމެންޓް