ޓީސީ އަތުން މާޒިޔާ ފަސޭހަކަމާއެކު މޮޅުވެއްޖެ

މާޒިޔާ ބައެއް ކުޅުންތެރިން ފޮޓޯ އަކަށް ހުއްޓި ލައިގެން. ރޭ އެޓީމް ވަނީ ޓީސީގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދާފައި --- ފޮޓޯ/އޭޕީ

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި ޓީސީ ސްޕޯޓްސް އަތުން 3-1 ގެ ނަތީޖާއަކުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ފަސޭހަކަމާއެކު މޮޅުވެއްޖެ އެވެ.

ރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗްގައި މާޒިޔާގެ ފުރަތަމަ ލަނޑު މެޗުގެ 15 ވަނަ މިނެޓްގައި އަޙްމަދު ނާޝިދު (ނާއްޓޭ) ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔަބު ކުރީ އަޙްމަދު އިމާޒު (އާއްކޮ) އެވެ.

އޭގެ އެއް މިނެޓް ފަހުން ނާއްޓޭ ތަނަވަސްކޮށްދިން ފުރުސަތަކުން މުޙައްމަދު އުމޭރު ވަނީ ގޯލަށް ބޯޅަ ފޮނުވާލާފައެވެ. ނަމަވެސް އުމޭރު ބޯޅަ ފޮނުވާލިއިރު އޭނާ ހުރީ އޮފްސައިޑްގައި ކަމަށް ރެފްރީ ވަނީ ނިންމާފައެވެ.

މާޒިޔާގެ ދެ ވަނަ ލަނޑު މެޗްގެ 21 ވަނަ މިނެޓްގައި ސްޕެއިންގެ ފޯވަޑް ޕަބެލޯ ރޮޑްރިގޭޒް ކާމިޔާބު ކުރީ އާއްކޮ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މާޒިޔާގެ ތިން ވަނަ ލަނޑު 54 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މާޒިޔާއިން ދިފާއުކޮށް ކުރިއަށް ފޮނުވާލި ބޯޅަ ހުހަށް ހުރި އުމޭރަށް ލިބުމުން ބޯޅަ ހިފައިގެން ޓީސީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ.

ޓީސީގެ ހަމަ އެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ ރަފޭލް ބެޓިއަމް މާޓް (ރަފިއާނާ) އެވެ. މި ޕެނަލްޓީއަކީ މާޒިޔާގެ ޕެނަލްޓީ އޭރިއާ ތެރެއިން މާޒިޔާގެ ކުޅުންތެރިޔަކު ޓީސީގެ ޢަލީ ނާފިއު ކޮއްޕާލުމުން ލިބުނު ޕެނަލްޓީއެކެވެ.

މީގެ އިތުރުން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް މެޗްގެ 36 ވަނަ މިނެޓްގައި ޓީސީގެ އަހްމަދު ނިޒާމް އަށް ލިބިގެން ދިޔައެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒު ނުވެ ދިޔައި ގޯލް ދަނޑި ކައިރިން ބޭރަށެވެ.

ރޭގެ މެޗަށް މާޒިޔާ ނިކުތީ އަނިޔާގެ ސަބަބުން އެޓީމުގެ މުހިންމު ކުޅުންތެރިންކަމުގައިވާ ކެޕްޓަން އަސަދުﷲ ޢަބްދުﷲ އާއި ގޯލް ކީޕަރު ޢިމްރާން މުޙައްމަދާއި ޙުސައިން ނިޔާޒު މުޙައްމަދު (ބޮކުރީ) ނުހިމަނައެވެ.

އަސަދުﷲ އާއި ޢިމްރާނަށް އަނިޔާވީ ވޯލްޑްކަޕް ކޮލިފައިންގެ ދެ ވަނަ މެޗްގައި މިމަހު 16 ވަނަ ދުވަހު ހޮންކޮންއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމް ކުޅުނު މެޗްގައެވެ. އެ މެޗްގައި މިދެ ކުޅުންތެރިނަށްވެސް ވަނީ އަނިޔާ ވެގެން ދަނޑުން ބާލާފައެވެ.

ރޭގެ މެޗްގައި މާޒިޔާގެ ޖަޕާންގެ މިޑްފީލްޑަރު ޓޮޝިޔާ ހޭސޭވެސް ވަނީ އަނިޔާވެގެން ދަނޑުން ބާލާފައެވެ. މާޒިޔާގެ ކޯޗް ޢަލީ ސުޒޭން ބުނީ ޓޮޝިޔާއަށް ލިބިފައިވަނީ ކަކުލުގެ އަނިޔާއެއް ކަމަށެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ސުޒޭން ބުނީ މާ އުނދަގޫ މެޗެއްކަން ކުރިންވެސް ފާހަގަ ނުކުރެވޭ ކަމަށާއި ޢިމްރާންއާއި އަސަދުﷲ ނެތުމެކީ މާޒިޔާގެ އޮތް ސްކޮޑަށް މައްސަލައަށް ވެގެން ނުވާނެ ކަމަށެވެ.

"ޢިމްރާން ނެތުން ނުވަތަ އަސަދުﷲ ނެތުން މާޒިޔާ މިއޮތް ސްކޮޑަށް އެއީ މައްސަލައަކަށް ވާންޏާމު އެހިސާބުން އަޅުގަނޑު ގެއަށް ދާން ޖެހޭނީ. އެހެންވެ އެޕްރެޝާ ނަގައިގެން ކުޅެން ޖެހޭނީ" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ މާޒިޔާގެ ގިނަ ކުޅުންތެރިން ތަކަކަށް އަނިޔާ ވެފައިވާއިރު ގިނަ ލަނޑު ތަކެއް ޖެހުމަށް ނުވިސްނާ ކަމަށާއި ވިސްނަނީ މެޗުން މޮޅުވެ ތިން ޕޮއިންޓް ހޯދުމަށް ކަމަށެވެ.

ޓީސީގެ އެސިިސްޓެންޓް ކޯޗް ރިފްޝާން ބުނީ ޓީސީއަށް ދިމާވި މައްސަލައަކީ މެޗްގެ ފެށުން ރަނގަޅު ނުވުން ކަމަަށެވެ.

މިމެޗުން މޮޅުވުމުން މާޒިޔާ އޮތީ ހަތް ޕޮއިންޓައެކު ތަވަލްގެ ދެ ވަނައިގައެވެ. އެއްވައިގައި މާޒިޔާއާ އެއްވަރަށް ޕޮއިންޓް ލިބިގެން އެއް ލަނޑުގެ ތަފާތުން ކުރި ލިބެނީ އީގަލްސްއަށެވެ.

ލީގްގައި މިރޭ ކުޅޭ މެޗްގައި ބައްދަލު ކުރަނީ ނިއުރޭޑިއަންޓާ ބީޖީއެވެ. މިމެޗް ފެށޭނީ 10:00 ގައެވެ.

comment ކޮމެންޓް