ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރަކީ 30 އަހަރާއި 65 އަހަރާ ދެމެދު ކަމަށް ކަނޑައެޅުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލު ފާސްކުރުމަށް މާދަމާގެ ޖަލްސާގައި ވޯޓު ދެއްވުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާދޭހާއެކު ދަންނަވައިފި އެވެ.
ރާއްޖެއިން ބޭރުގައި ހުންނަވައި، ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނަށް ގާސިމް ފޮނުއްވެވި އެސްއެމްއެސްގައި ވިދާޅުވެފައި ވަނީ "ދުވަހަކު ވެސް ކަމެއް ކޮށްދެއްވާ ކަމަށްވަންޏާ" ރައީސާއި ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތިލެވޭ އުމުރު ބަދަލުކުރަން ހުށަހަޅާފައިވާ އިސްލާހު ފާސްކުރަން ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ގާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އެމަނިކުފާނު ކުރިމަތިނުލައްވަން ނިންމަވާފައިވާތީ، އެ އިސްލާހު ފާސްވުމަކީ ޖޭޕީއަށް ދެރައެއް ލިބޭނެ ކަމެއް ނޫން ކަމަށެވެ.
އެސްއެމްއެސް ނިންމަވާލައްވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ދުއާ އަކީ އެ އިސްލާހު ފާސްވެގެންދިޔުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތި ނުލައްވަން ނިންމެވިކަން ގާސިމް އިއުލާން ކުރައްވާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ. އަދި ހަމަ އެދުވަހު ގާސިމް ވަނީ އެ ޕާޓީގެ ލީޑަރު ކަމުން ދުރަށް ޖެހިވަޑައިގަންނަވަން ނިންމަވާފައިވާކަން އިއުލާން ކުރައްވާފައެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނަށް ރާއްޖެވަޑައި ގެންނެވުނު ދުވަހަކުން ޕާޓީގެ ކޮންގްރެސްއެއް ބާއްވައި ޕާޓީގެ ލީޑަރު ކަމަށް އެހެން ބޭފުޅަކު އިންތިޚާބު ކުރުމުގެ ކަންތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމުން އިސްތިއުފާ ދެއްވަނީ "ޕާޓީ މަގު މެދަށް ދޫކޮށްލަން" ނޫން ކަމަށާއި އެމަނިކުފާނު ޕާޓީގެ ލީޑަރުކަމުން ވަކިވެވަޑައިގަތުމުގެ ކުރިން ޕާޓީ ކުރިއަރުވަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ރައީސާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލު ކުރަން ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ފާސް ކުރެވޭނީ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައި އަގުލަބިއްޔަތު ލިބިގެންނެވެ. އެއީ 85 މެމްބަރުންގެ ތެރެއިން 64 މެމްބަރުންނެވެ. ސަރުކާރު ހިންގާ ޕީޕީއެމްގައި މިހާރު ތިއްބެވީ 44 މަޖިލިސް މެމްބަރުންނެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގައި ތިއްބެވީ ފަސް މަޖިލިސް މެމްބަރުންނެވެ. ސަރުކާރު ކޯލިޝަންގައި ޖުމްލަ 49 މެމްބަރުން އެބަ ތިއްބެވެ.
ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ޕީޕީއެމް/އެމްޑީއޭގެ މެމްބަރުންނާ އެއްކޮޅަށް ޖުމްހޫރީ ޕާޓީގެ 11 މެމްބަރުން ވޯޓު ދީފިނަމަ ޖުމްލަ ވޯޓުގެ އަދަދު 60 އަރާނެ އެވެ. ނަމަވެސް ގާސިމް ރާއްޖެއިން ބޭރުގައި ހުންނެވުމުން، އެމަނިކުފާނަށް ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވޭނެތީ އެ އަދަދު 59 ވޯޓަށް ވެއްޓޭނެ އެވެ. އެހެންކަމުން އިތުރަށް ބޭނުންވަނީ ފަސް ވޯޓެވެ.
އެހެންކަމުން އެ އިސްލާހު ފާސް ވާނީ އެމްޑީޕީގެ މެމްބަރުންގެ ވޯޓު ހޯދައިގެންނެވެ. ބެލެވޭ ގޮތުގައި އެމްޑީޕީގެ ބައެއް މެމްބަރުން އެ އިސްލާހަށް ވޯޓުދެއްވާނީ ސަރުކާރާއެކު ހަދާ "ޑީލެއް"ގެ ތެރެއިން ކަމަށް ވަނީ އަޑުފެތުރިފަ އެވެ. އެއީ ރައީސް ނަޝީދުގެ ޖަލު ހުކުމާމެދު ސަރުކާރުން ލުއި ގޮތްތަކެއް ހެއްދެވުމުން ކަމަށްވެ އެވެ. މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ނަޝީދު ހުންނަވަނީ ގޭ ބަންދުގަ އެވެ.
މަޖިލީހުގައި މެމްބަރުން ތަމްސީލު ކުރާ ގޮތް:
- ޕީޕީއެމް: 44 މެމްބަރުން
- އެމްޑީޕީ: 21 މެމްބަރުން
- ޖޭޕީ: 11 މެމްބަރުން
- އެމްޑީއޭ: 5 މެމްބަރުން
- އަދާލަތު: 1 މެމްބަރުން
- މިނިވަން: 3 މެމްބަރުން (މެމްބަރު ރީކޯ މޫސާ މަނިކު/ މެމްބަރު އަހުމަދު މަހުލޫފު/ މެމްބަރު ހުސައިން އަރީފް)