ވެލެންސިއާ ބަލިކޮށް، ތާވަލުގެ އެއް ވަނަ އީގަލްސް އަލުން ހޯދައިފި

ލަނޑު ޖެހުމަށްފަހު އީގަލްސްގެ ކުޅުންތެރިން އުފާ ކުރަނީ. މިމެޗުން މޮޅުވުމުން އެތީމް ވަނި އަލުން ތާވަލްގެ އެއްވަނަ އަސް ޖެހިލާފައި --- ފޮޓޯ/ އީގަލްސް

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި ރޭ ކުޅުނު މެޗުގައި ވެލެންސިއާގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި އީގަލްސް އިން އަލުން ތާވަލްގެ އެއް ވަނައަށް ޖެހިލައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ލީޑް ނެގީ ވެސް އީގަލްސްއިންނެވެ.

އީގަލްސްގެ ފުރަތަމަ ލަނޑު ދެ ވަނަ ހާފު ފެށިގެން ނުވަ ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިމްރާން ނަޝީދެވެ.

ވެލެންސިއާ އިން ނަތީޖާ ހަމަ ކުރީ މެޗްގެ 62 ވަނަ މިނެޓްގައި އިބްރާހިމް ޢަބްދުﷲ (އިއްބެ) ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އެ ނަތީޖާއިން މެޗް އެއްވަރުވެގެން ނިމެން ދަނިކޮށް އީގަލްސް މެޗުން މޮޅުވި ލަނޑު ކާމިޔާބު ކުރީ 88 ވަނަ މިނެޓްގައި އެ ޓީމްގެ ކެޕްޓަން އިސްމާޢީލް އީސާ (މެސީ) އެވެ.

މި ލަނޑު ޖެހުމަށްފަހު އުފާފަޅުކުރުމުގެ ގޮތުން ކޯނަރު ދިދަ ދަނޑީގައި ޖެހުމުން ރެފްރީ އަހްމަދު އަފުސަހް ވަނީ މެސީ އަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑް ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.

މެސީއަށް ދެއްކި ރަތް ކާޑާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އީގަލްސްގެ ކޯޗް އިހްސާން ޢަބްދުލް ޣަނީ (ސާންތީ) ބުނީ ރެފްރީ އެ ވަގުތު ނިންމި ނިންމުން ގޯސް ނޫން ކަމަށާއި ބޭކާރު ކާޑް ނުހޯދައި ވާން އޮތް ގޮތް އީގަލްސް ކުޅުންތެރިން ދަސް ކުރަން ޖެހޭ ކަމަށެވެ.

އެ މެޗުން ލިބުނު މޮޅާއެކު އީގަލްސް ތަވަލްގެ އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓް ލިބިގެންނެވެ. އެ ޓީމްގެ ފަހުތުން ދެ ވަނައިގައި އޮތީ އިއްޔެ ރޭ މަހިބަދޫ އަތުން މޮޅުވި ވިކްޓްރީ އެވެ. އެ ޓީމަށް ލިބިފައި ވަނީ ހަ ޕޮއިންޓެވެ.

މެޗާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ސާންތީ ބުނީ އީގަލްސްގައި ހިމެނޭ ގައުމީ ޓީމް ކުޅުންތެރިންގެ ފެނުނީ ވަރުބަލި ވެފައި ތިބިތަން ކަމަށައި އެހެންވެ ޓީމްގެ ކުޅުން ފެނުނީ ދަށްކޮށް ކަމަށެވެ.

"އީގަލްސް ތަންކޮޅެއް ދަށް ދުވަހެއް. ގައުމީ ޓީމް ބައެއް ކުޅުންތެރިން ފެނުނީ ތަންކޮޅެއް ވަރުބަލިކޮށް. ވެދާނެ އެހާ ގިނަ ދުވަހު ޓީމައެކު މެޗެއް ކުޅެލަން ނުލިބުނީމަ ކަމަށް. ނަމަވެސް މުހިންމީ ތިން ޕޮއިންޓް. އަނެއްކާވެސް ޕޮއިންޓް ޓޭބަލްގެ ކުރީގައި ހިފަހައްޓާލަން ލިބުނީމަ އެހިތްހަމަޖެހުން ވަރަށް ބޮޑަށް އެބައޮތް،" ސާންތީ ބުންޏެވެ.

ސާންތީ ބުނީ މެޗުން ލިބުނު މުހިންމު ތިން ޕޮއިންޓާއެކު ތާވަލްގެ އެއް ވަނައިގައި އީގަލްސް އޮތުމުން ބޮޑެތި ޓީމުތަކަށް ޕްރެޝަރަކަށްވާނެ ކަމަށެވެ.

"އަލުގަނޑުމެން އެންމެ ކުރީގައި އޮންނައިރު. އެންމެ ބޮޑުކޮށް މިކިޔާ ޓީމްތަކަށް އުނދަގޫވާނެ އީގަލްސް މި ހިސާބުގައި އޮންނަތަން ބަލަން،" ސާންތީ ބުންޏެވެ.

ވެލެންސިއާގެ ކޯޗް މުހައްމަދު އިޤްބާލް ބުނީ އީގަލްސް ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ވެލެންސިއާ ދެއްކި ކުޅުން ރަނގަޅު ކަމަށެވެ.

ވެލެންސިއާއަށް އަށް ގެނައި ޔޫއެފްއާ ޗެމްޕިއަންސް ލީގު ކުޅެފައިވާ ބަލްގޭރިއާގެ ފޯވަޑް ވެލްޑިސްލާވް މާޗޭވް މެޗްގައި ދެއްކި ކުޅުމާ ބެހޭގޮތުން އިޤްބާލް ބުނީ އޭނާއަށް ކުޅެވުނު ބޯޅަތައް މަދު ވުމުން ފޯވަޑްގެ ފުރިހަމަ ބޭނުން ނުކުރެވުނު ކަމަށާއި ނަމަވެސް ފުރަތަމަ މެޗާ ބަލާފައި އޭނާ ވަރަށް ރަނގަޅު ގޭމެއް ކުޅެފައިވާ ކަމަށެވެ.

މިހާތަނަށް ލީގުގައި ވެލެންސިއާއިން ތިން މެޗް ކުޅެފައިވާއިރު އެ ޓީމުން ތަވަލުގެ ފުލުގައި އޮތީ ކުޅުނު ތިން މެޗުން ވެސް ބަލިވެ އެއްވެސް ޕޮއިންޓެއް ނުލިބި އެވެ. އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން އިޤްބާލް ބުނީ ވެލެންސިއާއިން މިހާތަނަށް ކުޅުނު ތިން މެޗު ވެސް ކުޅުނީ ލީގުގެ އެންމެ ވަރުގަދަ ތިން ޓީމާ ދެކޮޅަށް ކަމަށާއި މެޗްތަކުގެ ޕާފޯމަންސަށް ބަލާފައި ޓީމްގެ ކުޅުން ގޯސް ނޫން ކަމަށެވެ. އެހެންވެ އަދި ނާއުންމީދު ވާން ނުޖެހޭ ކަމަށް އިޤްބާލް ބުންޏެވެ.

"ލީގުގެ ވަރުގަދަ ތިން ޓީމާ އަދި މި ޖެހުނީ. ފުރަތަމަ މެޗު ފިޔަވައި ފަހުން ކުޅުނު ދެ މެޗް ހިތް ހަމަޖެހޭ ވަރަށް ކުޅެފައި ހުރީ. އެހެންވެ ދެން ހުރި މެޗްތަކުން ޗަންސަސް ހަމަ ބޮޑު" އިޤްބާލް ބުންޏެވެ.

ލީގް ގައި މިރޭ ކުޅޭ މެޗްގައި ބައްދަލު ކުަރާނީ މާޒިޔާ އާއި ޓީސީ ސްޕޯޓްސްއެވެ. އެ މެޗް ވެސް އޮންނާނީ މިރޭ 10:00 ގައި ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ.

comment ކޮމެންޓް