މައުމޫން ފައުންޑޭޝަނުން ކޮންމެ އަހަރަކު ވެސް ދަނީ ރޯދަމަސް އިހުޔާ ކުރުމަށް ޖަލްސާތައް ބާއްވަމުންނެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ޖަލްސާގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތަގުރީރު ކުރައްވައި، މައުލޫމާތުން ފުރިގެންވާ ދަރުހެއް ދެއްވި އެވެ.
ކީރިތި ގުރުއާނުގެ މާތްކަމާއި އެ ގުރުއާނަކީ އެންމެ އަގުބޮޑު ހަޒާނާ ކަމަށް ސިފަ ކުރައްވަމުން ރައީސް މައުމޫން މިރޭ ވަނީ ގުރުއާނުގައިވާ ހާދިސާތައް ތަފްސީލުކޮށްދެއްވާފަ އެވެ. ރަސޫލު ބޭކަލުންނަށް ދިމާވެފައިވާ ހާދިސާތަކުން ރައީސް މައުމޫން މިރޭ މިސާލު ދެއްކެވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ ކީރިތި ގުރުއާނުގައިވާ ބަސްތައް ބޭނުންކޮށްފައިވާ މިންވަރު ހިސާބުން އަކުރުން ބުނެދިން މޮޅު ކަމެވެ. އެ އަދަދުތައް އެމަނިކުފާނު ކިޔައި ދެއްވީ ބައެއް ފޮތްތަކުން އެއްކުރި މައުލޫމާތުތަކެއްގެ އަލީގަ އެވެ.
ދުވަސްތައް
މި ލަފްޒު ގުރުއާނުގައި އައިސްފައި ވަނީ 365 ފަހަރު އެވެ.
- - ގުރުއާނުގައި "ދުވަސްތައް" މި ލަފްޒު 365 ފަހަރު އައިސްފައިވާ އިރު، އަހަރެއްގެ ތެރޭގައި އަންނަނީ 365 ދުވަހެވެ.
ދުވަސް
ދުވަހުގެ ވާހަކަ ކީރިތި ގުރުއާނުގައި 30 ފަހަރު އައިސްފައިވެ އެވެ.
- ދުވަހުގެ ވާހަކަ 30 ފަހަރު ގުރުއާނުގައިވާ އިރު، މަހެއްގެ ތެރޭގައި އަންނަނީ 30 ދުވަހެވެ.
ހަނދުގެ ވާހަކަ
ގުރުއާނުގައި ހަނދުގެ ވާހަކަ އައިސްފައި ވަނީ 12 ފަހަރު އެވެ.
- އަހަރު ދުވަހުގެ ތެރޭގައި އަންނާނީ ހަނދު މަހުގެ 12 މަހެވެ.
މަސް ދުވަސް
އަހަރުގެ މަސްތަކުގެ ވާހަކަ ގުރުއާނުގައި އައިސްފައި ވަނީ 12 ފަހަރު އެވެ.
- އަހަރު ދުވަހުގެ ތެރޭގައި އަންނަނީ 12 މަހެވެ.
އީމާންކަމާއި ކާފަރުން
އީމާންކަން މި ލަފްޒު ގުރުއާނުގައި އައިސްފައި ވަނީ 25 ފަހަރު އެވެ. އަދި އީމާންކަމުގެ އިދިކޮޅު ކާފަރުކަމުގެ ވާހަކަ ވެސް ގުރުއާނުގައި އައިސްފައި ވަނީ ވެސް 25 ފަހަރު އެވެ.
ދުނިޔެ އާއި އާހިރަތް
ދުނިޔޭގެ ވާހަކަ ގުރުއާނުގައި އައިސްފައި ވަނީ 115 ފަހަރު އެވެ. އަދި އާހިރަތުގެ ވާހަކަ ވެސް ގުރުއާނުގައި އައިސްފައި ވަނީ 115 ފަހަރު އެވެ.
މަލާއިކަތުންނާއި ޝައިތާނުން
މަލާއިކަތުންގެ ވާހަކަ ގުރުއާނުގައި އައިސްފައި ވަނީ 88 ފަހަރު އެވެ. އަދި ޝައިތާނުންގެ ވާހަކަ ވެސް އައިސްފައި ވަނީ 88 ފަހަރު އެވެ.
މީސްތަކުންނާއި ނަބީބޭކަލުން
މީސްތަކުންގެ ވާހަކަ ގުރުއާނުގައި އައިސްފައި ވަނީ 50 ފަހަރު އެވެ. އަދި ނަބީބޭކަލުން ވާހަކަ ގުރުއާނުގައި އައިސްފައި ވަނީ ވެސް 50 ފަހަރު އެވެ.
ފިރިހެނުންނާއި އަންހެނުން
ގުރުއާނުގައި އަންހެނުންގެ ވާހަކަ އައިސްފައި ވަނީ 24 ފަހަރު އެވެ. އަދި ފިރިހެނުންގެ ވާހަކަ ވެސް އައިސްފައި ވަނީ 24 ފަހަރު އެވެ. ދެ ޖިންސުގެ ބާވަތް ވަކިކުރުމުގައި ގުރުއާނުގައި ތަފާތު ކުރުމެއް ނެތެވެ.
ދިރިހުރުމާއި މަރުވުން
ދިރިހުރުމުގެ ވާހަކަ ގުރުއާނުގައި އައިސްފައި ވަނީ 145 ފަހަރު އެވެ. އަދި މަރުވުމުގެ ވާހަކަ އައިސްފައި ވަނީ ވެސް 145 ފަހަރު އެވެ.
ހެޔޮކަންތައްތަކާއި ނުބައިކަންތައްތައް
ހެޔޮކަންތައްތަކުގެ ވާހަކަ ގުރުއާނުގައި އައިސްފައި ވަނީ 167 ފަހަރެވެ. އަދި ނުބައި ކަންތައްތަކުގެ ވާހަކަ ގުރުއާނުގައި އައިސްފައި ވަނީ ވެސް 167 ފަހަރު އެވެ.
އުޑުތައް
އުޑުތަކުގެ ވާހަކަ ގުރުއާނުގައި އައިސްފައި ވަނީ ހަތް ފަހަރު އެވެ.
- އުޑުތަކުގެ ވާހަކަ ގުރުއާނުގައި ހަތް ފަހަރު އައިސްފައިވާއިރު ދުނިޔެ ވަށައިގެން ވަނީ ހަތް އުޑެވެ.
އަޒާބާއި ފާފަ ފުއްސެވުން
އަޖާބު ދެއްވާ ވާހަކަ ގުރުއާނުގައި އައިސްފައި ވަނީ 117 ފަހަރު އެވެ. އެ އަދަދު ދެ ގުނަ ކޮށްލެއްވުމުން އަންނަނީ 234 އެވެ.
ގުރުއާނުގައި ފާފަ ފުއްސެވުމުގެ ވާހަކަ އައިސްފައި ވަނީ 234 ފަހަރު އެވެ.
"އަދަބު ދެއްވުމުގެ ދެ ގުނައަށް ފާފަފުއްސެވުން މި އޮތީ، މިއިގެން އެނގެނީ މާތްﷲ އަކީ ރަހީމުވަންތަ ރަހުމާން ވަންތަ ކުޅަދުންވަންތަ ރަސްކަލާންގެކަން،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން އިބްރަތްތެރި އެތައް މިސާލަކަށް ފަހު ވިދާޅުވީ އެކަމުން ވެސް އެނގެނީ ގުރުއާނަކީ އާދަޔާއި ހިލާފު އެއްޗެއްކަން ކަމަށާއި މާތްﷲ އަހަރެމެންގެ އަތް މައްޗަށް ދޫކުރައްވާފައިވާ އެންމެ އަގުބޮޑު ހަޒާނާއަކީ ކީރިތި ގުރުއާން ކަމަށް ވިދާޅުވި އެވެ.