ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެމްބަރު ކަމަށް ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ޝިފާގު މުފީދު (ހިސްޓޯ)އާއެކު ދެ ބޭފުޅަކު އައްޔަން ކުރަން ފެންނަނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެމްބަރަކު "ސަން"އަށް މިރޭ ވިދާޅުވީ މިދިޔަ ބުދަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ތިން ބޭފުޅުންނަށް ވެސް ރުހުން ދިނުމަށް ފާސްކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ތިން ބޭފުޅުންނަށް ވެސް 75 ޕަސެންޓަށް ވުރެއް މަތީން މާކްސް ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެޗްއާރްސީއެމްގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން މަޖިލީހަށް ފޮނުއްވާފައި ވަނީ ޝިފާގު މުފީދާއި އައިޝަތު އަފުރީނު މުހައްމަދުގެ އިތުރުން އައިޝަތު އީނާޝްގެ ނަންފުޅެވެ.
އެ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 33 ބޭފުޅަކު ކުރިމަތިލެއްވި އެވެ.
އެޗްއާރުސީއެމްގައި ތިއްބެވި ފަސް މެމްބަރުންގެ ތެރެއިން ދައުރު ހަމަވަނީ އެ ކޮމިޝަންގެ ރައީސާއި މަރިޔަމް އަޒްރާ އަހުމަދާއި އެ ކޮމިޝަންގެ މެމްބަރު އަހުމަދު ތޮލާލާއި އެ ކޮމިޝަންގެ މެންބަރު ޖީހާން މުހައްމަދެވެ. އެ ތިން މެމްބަރުންގެ މަގާމުގެ މުއްދަތު އަންނަ އޮގަސްޓް މަހުގެ 17 އަށް ހަމަވާނެ އެވެ.
އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ހިސްޓޯ އައްޔަން ކުރުމަށް ރައީސް ޔާމީން މަޖިލީހަށް ފޮނުއްވަވާފައިވާއިރު، ޕީޕީއެމާ ވަކިވެވަޑައިގެންނެވުމަށްފަހު އަލުން ޕީޕީއެމަށް ސޮއި ކުރައްވާފައި ވަނީ މިއަހަރުގެ މާޗް މަހުގެ 25 ގަ އެވެ.
އެމްޑީޕީގެ ޓިކެޓުގައި 17 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެޑައިގެންނެވި ހިސްޓޯ އެންމެ ފުރަތަމަ ޕީޕީއެމަށް ސޮއި ކުރެއްވީ މެއި 5، 2012 ގަ އެވެ. ޕީޕީއެމުން ވަކިވެވަޑައިގެން ޖޭޕީއަށް އޭނާ ސޮއި ކުރެއްވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ޖުލައި 28، 2013 ގަ އެވެ.