ދުނިޔޭގެ އެހެން ގައުމުތަކުގެ މީހުން އެމީހުންގެ ކުރިއެރުމަށް އެއްވެސް ކަމެއް ކުރާކަމަށްވާނަމަ އެއީ ދިވެހިންނަށްވެސް ކުރެވޭނެ ކަންތައްތައް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަޞީރު ވިދާޅުވެއްޖެ އެވެ.
މިނިވަން ފަންސާހާއި ގުޅިގެން ކުރިއަށް ގެންދާ ރޭސިން އިވެންޓް އިފްތިތާހުކޮށްދެއްވުމަށް ރޭ ހުޅުމާލޭ ރޭސިން ގްރައުންޑްގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަމުން ޢުމަރު ވިދާޅުވީ، ދިވެހިންގެ އާބާދީ މަދުވެފައި ދިވެހިންނަކީ ޖަޒީރާ ރަށްތަކެއްގައި ދިރިއުޅޭ ބަޔަކަށްވީތީ ދުނިޔޭގެ އެހެން ގައުމަކަށް ކުރާ ކަންކަން ނުކުރެވޭނޭ ބުނާބުނުން ބަދަލުކޮށް ދިވެހިންނަށްވެސް އެކަން ކުރެވޭނެކަން ހާމަކޮށްދެން ބޭނުންވާ ކަމަށެވެ.
"ދިވެހިންނަކީ ވަކި ކުޑަ ގައުމަކަށް ނިސްބަތްވީތީ އަޅުގަނޑުމެން ޖަޒީރާ ރަށްތަކެއްގައި ދިރިއުޅޭތީވެ އަޅުގަނޑުމެންގެ އާބާދީ ކުޑަވީމަ ދުނިޔޭގެ އެހެން ގައުމުތަކުގެ މީހުންނަށް ކުރެވޭނެ ކަންކަން އަޅުގަނޑުމެންނަށް ނުކުރެވޭނޭ ހީވާހީވުން 'ފުނޑުފުނޑުކޮށްލާފައި' އަޅުގަނޑުމެން ދިވެހި ޒުވާނުންނަށް ބުނެދޭން ބޭނުންވަނީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ހުރި މީހަކު ކުރާކަމެއް އެއީ ހަމަ އަޅުގަނޑުމެން ދިވެހީންނަށްވެސް ކުރެވޭނެ ކަމެއްކަން އަޅުގަނޑުމެން ބުނެދޭން ބޭނުންވަނީ،" މިނިސްޓަރު ޢުމަރު ވިދާޅުވި އެވެ.
ޢުމަރު ވިދާޅުވީ، ރޭސިންގެ އިވެންޓްތައް ދުވަހަކުވެސް ދިވެހިރާއްޖޭގައި ނުގެންދެވޭނެޔޭ ބައެއް ބޭފުޅުންނަށް މީގެ ވިއްސަކަށް އަހަރުކުރިން ހީވެފައި އޮންނަކަމަށާއި ނަމަވެސް ދިވެހި ޒުވާނުންގެ ތެރެއިން ބަޔަކު ނުކުމެ އެމީހުން އަމިއްލަ ހަރަދުގައި ކާރުތަކާއި ސައިކަލްތައް ހޯދައިގެން ވަރަށް އުނދަގޫ ހާލަތެއްގެ ތެރެއިން މިހާހިސާބަށް ގެނެވުނީމަ މިއީ ރާއްޖޭގައި ކުރިމަގު އޮތްކަމެއް ކަމަށް ސަރުކާރަށް އެނގި ސަރުކާރުން ގަސްތު ކުރީ މިނިވަން ފަންސާހުގެ ކުޅިވަރުތަކުގެ ތެރޭގައި ރޭސިންގެ އިވެންޓް ކުރިއަށް ގެންދިއުމަށް ކަމަށެވެ.
ޢުމަރު ވިދާޅުވީ، މިނިވަން ފަންސާހާއި ރޭސިންނާ އޮތީ ކޮންގުޅުމެއްތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާ ކަމަށާއި މިނިވަން ފަންސާހުގެ ހަރަކާތްތަކުގެ ތެރޭގައި ރާއްޖޭގެ ތާރީޚްގައި ދިވެހިން ހާސިލުކޮށްފައިވާ ކަންކަން ދެއްކުމުގެ އިތުރުން ކުރިމަގުގައި ދިވެހިން ތިބެން ބޭނުންވަނީ ކިހާ ހިސާބެއްގައިކަން މިނވަން ފަންސާހުގެ ތެރެއިން ދެއްކުމުގެ ގޮތުން ކަމަށެވެ.
"ބައެއް ބޭފުޅުން ހީފުޅު ކުރައްވަފާނެ މިނިވަން ފަންސާހާ ރޭސިންނާ އޮތް ގުޅުމަކީ ކޮބާ ހެއްޔޭ. އަޅުގަނޑުމެން މިނިވަން ފަންސާހުގެ ހަރަކާތްތަކުގައި މި ބަލައިލަނީ ވޭތުވެދިޔަ 50 އަހަރުގެ ދުވަސްތަކުގެ ތެރޭގައި އަޅުގަނޑުމެން ހާސިލުކުރި ނުވަތަ ވޭތުވެދިޔަ އެތައް ހާސް އަހަރެއްގެ ތެރޭގައި އަޅުގަނޑުމެން ހާސިލުކުރި ކަންކަން އެކަންޏެއް ނޫން. އަޅުގަނޑުމެން މިނިވަން 50ގެ ހަރަކާތްތަކުގައި ބަލައިލަން ކުރިއަށް އޮތްތާނވެސް ދިވެހިން ކޮންތާކަށްކަން ދެން ދާން ބޭނުންވަނީ ކޮބައިކަން ދިވެހިންގެ ޑެސްޓިނޭޝަންއަކީ ކިހާހިސާބަކަށްކަން ދިވެހިން އުފުލެން ބޭނުންވަނީ ކޮން އުޑެއްގައިކަން ދިވެހި ޒުވާނުން ފިޔަ ޖަހަން ބޭނުންވަނީ. މިވެސް އަޅުގަނޑުމެން ބަލައިލާ ކަމެއް މިނިވަން 50 ގެ ކުޅިވަރުތަކުގެ ތެރޭގައި،" ޢުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ، މިނިވަން 50ގެ ހަރަކާތްތަކާ ގުޅިގެން ސްކައި ޑައިވްގެ ހަރަކާތްވެސް ކުރިއަށް ގެންދިޔައީ އެހެންވެ ކަމަށެވެ.
ރޭސިން ފެސްޓިވަލް ފައްޓަވައި ދެއްވުމުގެ ގޮތުން މިނިސްޓަރު ޢުމަރާއި މިނިވަން ފަންސާހުގެ ކޮމިޓީގެ ބައިވެރިންވަނީ ރޭސިން ގްރައުންޑުގައި ކާރު ދުއްވާފައެވެ.
ރޭ ފެށި ރޭސިން ފެސްޓިވަލްގައި 19 އިވެންޓެއްގައި 80 ދުއްވުންތެރިން ވަނީ ރޭސިން އިވެންޓްތަކުގައި ބައިވެރިވުމަށް ހަމަޖެހިފައެވެ. މި ފެސްޓިވަލް ނިމޭނީ މިރޭގެ ނިޔަލަށެވެ.