ރޯދަމަހަށް ހާއްސަކޮށްގެން "ސަން"އިން މި އަހަރުވެސް ތަފާތު ޕްރޮގްރާމްތަކެއް

މާދަމާއަކީ މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. އެހެންކަމުން ސަން މީޑީއާ ގްރޫޕްގެ ކުޑައިގެ ދަށުގައިވާ ސަން އޮންލައިންގެ ކިޔުންތެރީންނަށާއި ސަން ޓީވީގެ ބެލުންތެރީންނަށާއި ސަން އެފްއެމް ގެ އެހުންތެރީންނާއި ހުރިހާ ފަރާތްތަކަށް މި ބަރަކާތްތެރި ރޯދަމަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސް ކުރަމެވެ.

ކުރީ އަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް އަޅުގަނޑުމެންގެ އޮންލައިނާއި ޓީވީ އަދި ރޭޑިއޯ މެދުވެރިކޮށް ރޯދަމަހަށް ޚާއްސަ ތަފާތު ޕްރޮގްރާމްތަކެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ކިޔުންތެރީންނާއި ބެލުންތެރީންނާއި އަދި އަޑުއަހާ ފަރާތްތަކުގެ ބައިވެރިވުމާއެކު ތަފާތު އަގުހުރި އިނާމްތައް ލިބޭނެ ޕްރޮގްރާމްތައް ވެސް ހިމެނެއެވެ.

ސަން މަދަހަ މުބާރާތް

ސަން މަދަހަ މުބާރާތަކީ ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ ޕްރޮގްރާމެކެވެ. "ނޮލެޖް ބުކްޝޮޕް ސަން މަދަހަ މުބާރާތް" ގެ ނަމުގައި މިފަހަރު ސަން ޓީވީން މި މުބާރާތް ގެނެސް ދޭއިރު އެ ޕްރޮގްރާމްގައި ހަތަރު އުމުރުފުރައަކުން ދަރިވަރުން ވާދަކުރާނެއެވެ. އޭގެ ތެރޭގައި 5-8 އަހަރު، 8-11 އަހަރު، 11-13 އަހަރު، އަދި 13-15 އަހަރުގެ ދަރިވަރުން ހިމެނެއެވެ.

ގަރަމް މަސާލާ

މިއީ މިދިޔަ އަހަރުވެސް ސަން ޓީވީގެ ބެލުންތެރީންގެ މެދުގައި ވަރަށް މަގުބޫލުވެގެން ދިޔަ ޕްރޮގްރާމެކެވެ. އެގޮތުން އެއް ގެއެއްގައި ދިރިއުޅޭ ފަސް މެމްބަރުންގެ ޓީމަކުން ވަކި ޚާއްސަ ކަންތައްތަކެއް ހުށަހަޅައިދޭ މި ޕްރޮގްރާމަކީ، އާއިލާތައް އެކުގައި ތިބެގެން ބަލައިލާން ކަމުދާ މަޖާ ޕްރޮގްރާމެކެވެ.

ފިނިއަށި

ރޯދަމަހުގެ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ފެށިގެން ސަން ޓީވީ އަދި ސަން އެފްއެމް އިން ލައިވްކޮށް ގެނެސްދޭ "ފިނިއަށި" ޕްރޮގްރާމަކީ، ބައިވެރީންނަށް ވަރަށް ޚާއްސަ ތަފާތު އިނާމްތަކެއް ހާސިލްކުރުމުގެ ފުރުސަތު ލިބިގެންދާނެ ޕްރޮގްރާމެކެވެ. މިއީ ރޯދަ މަހުގެ ހަވީރު ގަޑި ރޯއްދަ ވީއްލާ ވަގުތު ކައިރިވެގެން އަންނަ އިރު ރޯދަ ކުރުކޮށްލުމަށް ވަރަށް ފައްކާ ޕްރޮގްރާމެކެވެ.

އުރީދޫ ތަސްވީރު

ސަން ޓީވީން ކޮންމެ ދުވަހަކުވެސް، އާންމުންގެ ތެރޭގައި މަގުބޫލު ކޮންމެވެސް ސަޚުސިއްޔަތެއްގެ ފޮޓޯއެއް ދައްކާނެއެވެ. އެގޮތުން ކޮންމެވެސް ވަރަކަށް "ބްލާ" ކޮށްފައިވާ އެ ފޮޓޯ ދިމާކުރެއްވުމަށް ބެލުންތެރީން އެސްއެމްއެސް ފޮނުވާނީ އެވެ. ރޯދަމަސް ނިމޭއިރު އެންމެ ގިނަ މީހުންގެ ނަން ދިމާކުރާ ފަރާތަކަށް އަގުހުރި އިނާމެއް ހުށަހެޅިފައި ވާނެއެވެ.

ލަވައިގެ ހާރު

ިމި ޕްރޮގްރާމަކީ ދިވެހި ލަވަކިޔުންތެރީން ހިމަނައިގެން ގެނެސްދޭ ވަރަށް ހާއްސަ ލަވަ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމްގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރީންގެ މައުލޫމާތާއި ލަވަތައް ހުށަހަޅައިދޭނެ އެވެ.

ދެން ވާނީ ކިހިނެއް؟

މި ޕްރޮގްރާމްގައި މަންޒަރެއްގެ ވީޑިއޯގެ ތަންކޮޅެއް ދެއްކުމަށްފަހު، އެ ވީޑިއޯގައި ދެން ވާނެ ގޮތާމެދު ބައިވެރިޔާއާ ސުވާލުކުރެވޭނެ އެވެ. އެގޮތުން ޖަވާބު ދިމާކުރައްވާ ފަރާތްތަކަށް ވަރަށް ހާއްސަ އިނާމުތަކެއް ލިބިވަޑައިގަންނަވާނެއެވެ.

ސުފުރާ ޗެލެންޖް

މިއީވެސް މިފަހަރުގެ ސަން ޓީވީ ޕްރޮގްރާމްތަކުގެ ތެރެއަށް އިތުރު ކޮށްލާފައިވާ ތަފާތު ބޮޅެކެވެ. ދެމަފިރިން ނުވަތަ "ކަޕްލްސް" ތަކަށް ހާއްސަކޮށްގެން ގެނެސްދޭ މި ޕްރޮގްރާމްގެ ބައިވެރީން އަމިއްލައަށް ތައްޔާރުކޮށްލާ 'ފެންވަރުގެ ކާނާތައް" މި ޕްރޮގްރާމްގައި ގެނެސް ދެވޭނެއެވެ. އެގޮތުން އެންމެ ރަނގަޅު ކާނާއެއް ތައްޔާރުކޮށްލާ ޖޯޑަކަށް ވަރަށް ހާއްސަ އިނާމެއް ލިބިވަޑައިގަންނަވާނެ އެވެ.

ޖަބް ވީ މެޓް

މިއީ އަޅުގަނޑުމެންގެ ތެރޭގައި މަޝްހޫރު ބޭބޭފުޅުންގެ ތެރެއިން ޒަވާޖީ ގޮތުން ގުޅިވަޑައިގެން އުޅުއްވާ ބައެއް ބޭފުޅުން، އެ ބޭފުޅުންގެ ބައިވެރިޔާއާ ދިމާވިގޮތާ، ޒަވާޖީ ހަޔާތް ފެށުނު ގޮތާއި އަދި އެ ބޭފުޅުންގެ ދިރިއުޅުމުގެ އެހާރާއި މިހާރު ބެލުންތެރީންނާ ހިއްސާ ކުރުމަށް ހުށަހަޅާ ހާއްސަ ޕްރޮގްރާމެކެވެ.

ދޭސް ބިދޭސް

މިއީ އަޅުގަނޑުމެންގެ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ހާއްސަކޮށްގެން އެފަރާތްތައް ބައިވެރިކޮށްގެން ގެނެސްދޭ ޕްރޮގްރާމެކެވެ. އެހެން އަހަރު ތަކެކޭ އެއްގޮތަށް މިފަހަރުގެ ޕްރޮގްރާމްގައި ވެސް، އަޅުގަނޑުމެންގެ ބިދޭސީ މިތުރުންގެ ތަފާތު ވާހަކަތައް މި ޕްރޮގްރާމްގައި ހިމެނިފައި ވާނެއެވެ.

ލިޓްލް ޝެފް

މިއީ އަޅުގަނޑުމެންގެ ތުއްތު ކައްކާއިންނަށް ޚައްސަ ޕްރޮގްރާމެވެ. މި ޕްރޮގްރާމްގައި ތުއްތު ކުދިން ބަދިގެތެރޭގައި ތައްޔާރުކޮށްލާ، ސިމްޕަލް ރެސިޕީތައް، އެކުދީންގެ ވާހަކަ ތަކާއެކު ހުށަހަޅައިދޭނެ އެވެ.

އުރީދޫ ކަބީ ކަބީ

މިއީ ހިންދީ ލަވައަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ސަން ޓީވީން ގެނެސްދޭ ޕްރޮގްރާމެކެވެ.

ބިގްބީ

އަމީބް ބައްޗަން "އަލީ ޝިމްރީ"ގެ ފޭނުންނަށް ޚާއްސަ މި ޕްރޮގްރާމްގައި މިފަހަރުވެސް، ހެއްވާ މަޖާ އަދި ތަފާތު ރަހަތައް ހިމެނޭ މަންޒަރުތައް ފެނިގެންދާނެ އެވެ.

ޖޯލިފަތިން

މިއީ ޕްރޮގްރާމްގެ ބައިވެރީން ބެލުންތެރީންނާ ހަމައަށް، އެބޭފުޅުންނަށް ދިމާވެފައިވާ ހުންނަ ތަފާތު ހެއްވާ މަޖާ "ޖޯކު" ކަންތައްތައް ހުށަހަޅައިދޭ ޕްރޮގްރާމެކެވެ. މި ނޫން ބައިތައް ވެސް މި ޕްރޮގްރާމްގައި ހިމަނާފައި ހުންނަނާނެ އެވެ.

ދީނީ ސުވާލު މުބާރާތް

ކުރީ އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް، ސަން ޓީވީގެ ބެލުންތެރީންނަށާއި ސަން އޮންލައިންގެ ކިޔުންތެރީންނަށް ވަރަށް ހާއްސަ ދީނީ ސުވާލު މުބާރާތެއް ހުޅުވައި ލެވޭނެއެވެ. އެގޮތުން ޓީވީންނާއި އޮންލައިނުން ވަކިވަކިން ގެނެސްދޭ މި ދެ މުބާރާތުގައި ރޯދަމަސް ނިމޭއިރު އެންމެ ގިނައިން ޖާވަބު ދިމާކުރައްވާ ބޭފުޅަކަށް ވަރަށް އަގުހުރި އިނާމެއް ލިބިވަޑައިގަންނަވާނެ އެވެ.

އިސްލާމީ އަދަބުތައް

އިސްލާމް ދީނާ ގުޅުންހުރި، ތަފާތު މައުލޫމާތުތައް ސަންގެ ބެލުންތެރީންނަށް ފޯރުކޮށްދިނުމަށް ސަލަފު ޖަމިއްޔާއާ ސަން ޓީވީ ގުޅިގެން ގެނެސްދޭ މި ޕްރޮގްރާމް ހުށަހަޅުއްވާނީ، އަލީ ރަމީޒް ބިން ޤާސިމްއާއި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރީންނެވެ.

އިލްމީ ޚަޒާނާ

މިއީ ދީނީ އެކި އެކި މައުޟޫތަކާ ގުޅޭ ގޮތުން މައުލޫމާތުތައް ބެލުންތެރީންނާ ހިއްސާކުރުމަށް ތައްޔާރުކޮށްފައިވާ ވަރަށް ޚާއްސަ، މައުލޫމާތުން ފުރިގެންވަ ޕްރޮގްރާމެކެވެ.

ބޮޑު ސުވާލު

މިއީ ކުޑަކުދީންނަށް ހާއްސަކޮށްގެން ތައްޔާރު ކުރާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ވެސް ކޮންމެވެސް އިނާމެއް ހާސިލްކުރެވޭނެ އެވެ.

ނުދައްކާ ވާހަކަ

މި ޕްރޮގްރާމަކީ މުޖުމައުގައި ހިނގާ ނޭދެވޭ އެކި ކަހަލަ ކަންކަމާ ގުޅޭ ގޮތުން، ރައްޔިތުން ހޭލުންތެރިކުރުވަން ސަން ޓީވީން ގެނެސްދޭ ޕްރޮގްރާމެކެވެ.

އެހެން ފަހަރު ތަކެކޭ އެއްގޮތަށް އެހެން ނަމަވެސް ވަރަށް ހާއްސަ އަދި އެހާމެ ތަފާތު ޕްރޮގްރާމްތަކެއް ސަން އޮން ލައިންގައި ވެސް ކުރިއަށް ދާނެއެެވެ. އެގޮތުން ސަން އޮންލައިންގައި ރޯދަމަހަށް ހާއްސަ އެޑިޝަނެއް މިފަހަރުވެސް ހިމެނޭ އިރު، އޭގެ ޕޭޖުގައި، ރޯދަމަހާ ގުޅޭ ދީނީ، އިޖްތިމާއީ، ސަގާފީ އަދި މިފަދަ ތަފާތު މައުލޫމާތުތައް ހިމެނޭނެއެވެ.

އަޅުގަނޑުމެންގެ ޓީވީއާއި އޮންލައިނުން މި ރޯދަމަހަށް ހާއްސަކޮށްގެން ގެނެސްދޭ ކޮންމެ ޕްރޮގްރާމަކީ މައުލޫމާތު މުއްސަނދި، ބެލުންތެރީންނަށާއި އަދި ކިޔުންތެރީންނަށް ކަމުދާ ހުށަހެޅުންތަކަކަށް ވާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ. އަދި މުބާރާތުގެ ގޮތުގައި ކުރިއަށް ގެންދާ ހުރިހާ މުބާރާތެއްގައި ވެސް ބައިވެރީންނަށް އަގުހުރި އެތައް އިނާމްތަކެއް ލިބިގެންދާނެ އެވެ.

comment ކޮމެންޓް