ސިމެންތި އުފައްދާ ކެޕޭސިޓީ 9000 މެޓްރިކް ޓަނަށް ލަފާޖުން ބޮޑުކޮށްފި

ތިލަފުށީފައި ބަހައްޓަފައިވާ ސައިލޯތައް ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެސްޓީއޯއާ ގުޅިގެން ރާއްޖެއަށް ސިމެންތި އެތެރެކޮށް ވިއްކަމުން އަންނަ ލަފާޖް ކުންފުނިން ތިލަފުށީގައި ގާއިމްކޮށްފައިވާ "ސައިލޯ" ތަކަށް އިތުރު ސައިލޯއެއް އިތުރުކޮށް، އެ ކުންފުނީގެ ސްޓޯރޭޖް ކެޕޭސިޓީ 9000 މެޓްރިކް ޓަނަށް އިތުރުކޮށްފި އެވެ.

ލަފާޖް އިން ތިލަފުށީގައި ގާއިމްކޮށްފައިވާ ސައިލޯ ޓާމިނަލަކީ އެންމެ ޒަމާނީ ވަސީލަތްތައް އެކުލެވިފައިވާ ސައިލޯ ޓާމިނަލެކެވެ. އެގޮތުން މީގެކުރިން ބަހައްޓާފައި ހުރި ތިން ސައިލޯ ގައި ޖުމްލަ 5000 މެޓްރިކް ޓަނުގެ ސިމެންތި ރައްކާކުރެ އެވެ. އަދި ފަހުން އިތުރު ކުރި ސައިލޯގައި ޖުމްލަ 4000 މެޓްރިކް ޓަނުގެ ސިމެންތި ރައްކާކުރެވެ އެވެ.

މިރޭ ތިލަފުށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ރާއްޖޭގައި ވިއްކާ ލަފާޖް ސިމެންތި އުފައްދަނީ މެލޭޝިއާގައި ހުންނަ އެ ކުންފުނީގެ އިދާރާ އިންނެވެ. އަދި ލަފާޖްއާ އެކު ހަދާފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުމެއްގެ ދަށުން އެ ސިމެންތި ރާއްޖެއަށް އެތެރެކޮށް، ވިއްކުމުގައި އެހީތެރިވެދެނީ ރައްޔިތުންނާއި ސަރުކާރު ހިއްސާވާ ކުންފުނި، އެސްޓީއޯ އެވެ.

މިރޭ ތިލަފުށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެކަމަށްޓަކައި މިރޭ ތިލަފުށިގައި ބޭއްވި ރަސްމިއްޔާތެއްގައި ލަފާޖް ސްވިޒަލޭންޑުގެ މެނޭޖިން ޑިރެކްޓަރު، ވްރީސް އޯޑްރިން ވިދާޅުވީ، އެ ކުންފުނިން ވިއްކަމުން އަންނަ ސިމެތި އޭގެ އެންމެ ރައްކާތެރިގޮތުގައި ފޯރުކޮށްދިނުމަށް ސައިލޯއަކީ މުހިންމު ބައެއް ކުޅެދޭ އެއްޗަކަށްވާ އިރު، ތިލަފުށީގައި މިރޭ ބޭނުންކުރަންފެށި ސައިލޯގެ ސަބަބުން ތިލަފުށިން ދޫކުރަމުން އަންނަ ސިމެންތީގެ ކެޕޭސިޓީ އިތުރުވެގެންދާނެ ކަމަށެވެ.

މިރޭ ތިލަފުށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ، 1999 ވަނަ އަހަރު އެ ކުންފުނީގެ ކާރުހާނާ ތިލަފުށިގައި ގާއިމްކުރެވިގެން އައިއިރު ސިމެންތީގެ އަގު ހުރީ ވަރަށް މަތީގައި ކަމަށެވެ. އަދި އޭރުގެ ސަރުކާރުން ކުރެއްވި މަސައްކަތުން ތިލަފުށީގައި ގާއިމްކުރި ކާރުހާނާގެ ސަބަބުން ސިމެންތީގެ އަގުން ގާތްގަނޑަކަށް 45 ތިރިވިކަމަށް ވިދާޅުވި އެވެ.

މިރޭ ތިލަފުށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ތިލަފުށީގައި ސައިލޯތައް ބަހައްޓައި، ސިމެންތި ރައްކާކުރުރުމުގެ މަސައްކަތަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެސްޓީއޯގެ ޗެއާމަނަކަށް ހުންނެވި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފައްޓަވާދެއްވާފައިވާ ޕްރޮޖެކްޓެކެވެ.

މިރޭ ތިލަފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. އެ ރަސްމިއްޔާތުގައި އެސްޓީއޯގެ ބޯޑް ޑައިރެކްޓަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އެމްޑީއޭގެ އާއިޝަތު ރަފިއްޔާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

comment ކޮމެންޓް