ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ކުރިމަތިލެވޭ އުމުރު 30 އަހަރާއި 65 އަހަރާ ދެމެދަށް ބަދަލު ކުރުމަށް ހުށައެޅި އިސްލާހަށް ތާއީދު ކުރުމަށް ޖުމްހޫރީ ޕާޓިގެ މަޖިލިސް މެމްބަރުންނަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަންގަވައިފިއެވެ.
އެއިސްލާހު ފާސްވެ، ރައީސް ތަސްދީގު ކުރައްވައިފިނަމަ ގާސިމަށް ރައީސް ކަމަށް ކުރިމައްޗެއް ނުލެވޭނެއެވެ. އަންނަ އަހަރު ގާސިމަށް 65 އަހަރު ފުރޭނެ އެވެ.
ޖުމްހޫރީ ޕާޓީގެ ސްޕޯކް ޕާސަން އަލީ ސޯލިހު މިރޭ ސަން އަށް ވިދާޅުވީ އެބިލަށް ތާއީދު ކުރުމަށް އެސްއެމްއެސް އާއި ފޯނުން ގުޅައި ގާސިމް އެޕާޓީގެ މަޖިލިސް މެމްބަރުންނަށް އަންގަވާފައިވާ ކަމަށެވެ.
"އެބިލަށް ތާއީދު ކުރުމަށް އެއްބައި ބޭފުޅުންނަށް ފޯނުކުރައްވައި އަނެއްބައި ބޭފުޅުންނަށް އެސްއެމްއެސް ކުރައްވައި ގާސިމް ވަނީ އެދިވަޑައިގެންފައި،" އަލީ ސޯލިހު ވިދާޅުވިއެވެ.
އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލެވެ.
ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި މިހާރު ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބު ކުރެވޭ މީހެއްގެ އުމުރަކީ 35 އަހަރު ކަމަށެވެ. އެހެންނަމަވެސް އެ މަގާމަށް ކުރިމަތި ނުލެވޭނެ ދޮށީ އުމުރަކީ ކޮބައިކަމެއް އެ މާއްދާގައި ވެސް އަދި ގާނޫނު އަސާސީގައިވެސް ބަޔާންކޮށްފައެއް ނުވެ އެވެ.