ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖޭގެ ގައުމީ ޓީމު ގަތަރާ ދެކޮޅަށް މިރޭ ކުޅޭ މެޗު ސަން ޓީވީން ލައިވް ކުރާއިރު، ސަން އޮންލައިން މެދުވެރިކޮށް މިރޭގެ މެޗު ލައިވް ސްޓްރީމް ފެންނާނެ އެވެ.
ސަން އޮންލައިނުން ލައިވް ސްޓްރީމް ކުރަނީ، ޓީވީން ވަގުތުން މެޗު ނުފެންނަ ފަރާތްތަކާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މެޗުތައް ވަގުތުން ބެލުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމަށެވެ. ސަން އޮންލައިނުން ލައިވް ސްޓްރީމް ކުރަނީ ސަން ޓީވީގެ ލައިވް ފީޑު މެދުވެރިކޮށެވެ. ސަން މީޑިއާ ގްރޫޕުގެ ކުޑައިގެ ދަށުގައި ހިމެނޭ ސަން އެފްއެމުން ވެސް އެ މެޗު ވަގުތުން ގެނެސްދޭނެ އެވެ. އަދި ސަން އޮންލައިގެ ދިވެހި އެޑިޝަނާއި އިނގިރޭސީ އެޑިޝަނުން މެޗުގެ ލައިވް ބްލޮގް ވަގުތުން ގެނެސްދޭނެ އެވެ.
"ސަން ޓީވީގެ ބެލުންތެރީންނާއި ސަން އޮންލައިންގެ ކިޔުންތެރީންނާއި ސަން އެފްއެމް އަޑުއެހުންތެރީންނާ ހަމައަށް، މިރޭ ގައުމީ ފުޓް ބޯޅަ ޓީމު ގަތަރާ ދެކޮޅަށް ކުޅޭ މެޗުގެ ލައިވް ކަވަރޭޖް ގެނެސްދޭނެ ކަމުގެ އުފާވެރި ޚަބަރު ދެން،" ސަން މީޑީއާ ގްރޫޕްގެ ސީއީއޯ ސިނާން އަލީ ވިދާޅުވި އެވެ.
ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އާއި ގަތަރު، މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ބައްދަލުކުރާ ފޯރިގަދަ ފުޓްބޯޅަ މެޗު، ރާއްޖެ އާއި ރާއްޖޭން ބޭރުގެ ބައެއް ޓީވީ ޗެނަލްތަކުން ލައިވްކުރާން ހަމަޖެހިފައި ވާއިރު، އެ ޗެނެލަތައް ބޭނުން ކުރާނީ ޕަބްލިކް ސާވިސް މީޑީއާގެ ޓީވީ ޗެނަލް ޓީވީއެމްގެ ލައިވް ފީޑެވެ.
ރާއްޖޭން ބޭރުގައި ދިރިއުޅުއްވާ ފަރާތްތަކަށް ވެސް މި މެޗު ވަގުތުން ބަލައިލުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން މިރޭގެ މެޗު ސަން އޮންލައިން އިން ވަގުތުން ވެބްސްޓްރީމް ކުރާގޮތަށް ވެސް މިހާރު ވަނީ ހަމަޖެހިފަ އެވެ.