ޓީވީއެމްގެ ފުލް އެޗްޑީ ލައިވް ފީޑް ބޭރު މީޑިއާތަކަށް ވެސް ދޫކުރަނީ!

ރާއްޖެ އާއި ގަތަރު ކުޅޭ ވޯލްޑް ކަޕް ކޮލިފައިން ފުޓްބޯޅަ މެޗު ލައިވްކުރުމަށް، ގައުމީ ފުޓްބޯޅަ ދަނޑުގައި ގައުމީ ޓީވީން ވަމުންދާ ތައްޔާރީތައް -- ސަން ފޮޓޯ: މުހައްމަދު ޞާދިގު

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އާއި ގަތަރު، މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ބައްދަކުރާ ފޯރިގަދަ ފުޓްބޯޅަ މެޗު ދަނޑުގައި ތިބެގެން ބަލައިލުމުގެ ފުރުސަތު ނުލިބޭ ފަރާތްތަކަށް އެ މެޗު ވަގުތުން ފެންނާނޭ ގޮތަކީ ޓީވީ މެދުވެރިކޮށެވެ. އެގޮތުން އެ މެޗު ލައިވްކޮށް ބްރޯޑްކާސްޓް ކުރުމުގެ އެންމެ ބޮޑު ޒިންމާއެއް ނަގާފައި ވަނީ ގައުމީ ޓީވީ ޗެނަލް "ޓީވީއެމް" އެވެ.

އޭޝިއާ ސަރަހައްދުގައި ރާއްޖެ ހިމެނޭ ގްރޫޕްގެ މެޗުތައް ބްރޯޑްކާސްޓްކުރުމުގެ ރައިޓްސް ސިންގަޕޫރުގެ "ވޯލްޑް ސްޕޯޓްސް ގްރޫޕު" (ޑަބްލިޔުއެސްޖީ) އިން ހޯދާފައިވާއިރު، ރާއްޖޭގައި ކުޅޭ މެޗުތައް ޓީވީމެދުވެރިކޮށް ދުރަށް ފޮނުވުމުގެ ޒިންމާ އެ ކުންފުނިން ހަވާލުކޮށްފައި ވަނީ، ޕަބްލިކް ސާވިސް މީޑިއާގެ ޓީވީއެމްއާ އެވެ.

ރާއްޖެ އާއި ގަތަރު ކުޅޭ ވޯލްޑް ކަޕް ކޮލިފައިން ފުޓްބޯޅަ މެޗު ލައިވްކުރުމަށް، ގައުމީ ފުޓްބޯޅަ ދަނޑުގައި ގައުމީ ޓީވީން ވަމުންދާ ތައްޔާރީތައް -- ސަން ފޮޓޯ: މުހައްމަދު ޞާދިގު

މިއަދަކީ ރާއްޖޭގެ ގައުމީ ޓީވީ ޗެނަލްގެ ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެކެވެ. ސަބަބީ މާލޭގައި މިރޭ ކުޅޭ ފުޓްބޯޅަ މެޗުގެ ފުލް ކަވަރޭޖް، ގަލޮޅު ދަނޑުން ފުލް އެޗްޑީކޮށް ފޮނުވާއިރު ޓީވީއެމްގެ ފުލްއެޗްޑީ ލައިވް ފީޑް، ބައިނަލް އަގްވާމީ ތިން ޗެނަލަކާއި ރާއްޖޭގެ ފަސް ޗެނަލަކުން ވެސް ދުރަށް ފޮނުވާނެތީ އެވެ.

"ޑަބްލިޔުއެސްޖީގެ ބޭފުޅުން މާލެއަށް ވަޑައިގެން ޓީވީއެމްގެ އިކްއިޕްމަންޓްސް ތައް ބައްލަވައި އަދި ޓެކްނިކަލް ޓީމާ ބައްދަލު ކުރެއްވުމަށްފަހު، އަޅުގަނޑުމެންނަށް މި ފުރުސަތު ދެއްވީ. އެބޭފުޅުން ވަރަށް ހިތްހަމަޖެހޭ ކަމަށް ވިދާޅުވި،" ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޚަލީލު ވިދާޅުވި އެވެ.

ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޚަލީލު -- ސަން ފޮޓޯ: މުހައްމަދު ޞާދިގު

"މިއީ އަޅުގަނޑުމެން މިގޮތަށް ފުލްއެޗްޑީކޮށް، ފުލް ކަވަރޭޖް ގެނެސްދޭ ފުރަތަމަ ފަހަރު."

ޚަލީލް ވިދާޅުވީ، ޓީވީއެމްގެ ލައިވް ފީޑް ބައިނަލްއަގްވާމީ ތިން ޗެނަލަކުން ދައްކާނެ ކަމަށެވެ. އޭގެ ތެރޭގައި އަރަބި ދުނިޔޭގައި ކުޅިވަރުގެ ޚަބަރުތައް ގެނައުމުގައި މަގުބޫލުކަން ހޯދާފައިވާ "އަލް ޖަޒީރާ ސްޕޯޓްސް" އާއި، "ބީއިން ސްޕޯޓްސް" އާއި "އަލްކާސް ސްޕޯޓްސް" ޗެނަލް ހިމެނޭ ކަމަށް ހަލީލް ވިދާޅުވި އެވެ.

"ގަތަރު ކުޅޭ މެޗެއްވީމަ، އަރަބި ދުނިޔޭގެ ސަމާލުކަން މި ވަނީ ވަރަށް ބޮޑަށް މި މެޗަށް ލިބިފައި. އެހެންކަމުން ޓީވީއެމްގެ ފީޑް ބައިންލް އަގްވާމީ ޗެނަލްތަކުން ބޭނުން ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް އަދި ފަހުރެއް،" ޚަލީލު ވިދާޅުވިއެވެ.

ރާއްޖެ އާއި ގަތަރު ކުޅޭ ވޯލްޑް ކަޕް ކޮލިފައިން ފުޓްބޯޅަ މެޗު ލައިވްކުރުމަށް، ގައުމީ ފުޓްބޯޅަ ދަނޑުގައި ގައުމީ ޓީވީން ވަމުންދާ ތައްޔާރީތައް -- ސަން ފޮޓޯ: މުހައްމަދު ޞާދިގު

ޓީވީއެމްގެ އިތުރުން ރާއްޖޭގެ ލޯކަލް ހަ ޗެނަލަކުން ވެސް މިރޭގެ މެޗު، ޓީވީއެމްގެ ލައިވް ފީޑް ގަނެގެން ދުރަށް ދައްކާނެ އެވެ. އޭގެ ތެރޭގައި ސަން ޓީވީ، އައިސް ޓީވީ، ސަންގު ޓީވީ، ރާއްޖެ ޓީވީ ދިޓީވީ އަދި ޗެނަލް 13 ހިމެނެ އެވެ.

"އަޅުގަނޑުމެން ހުރިހާ ޗެނަލްތަކަށް ވެސް ފީޑް ދޫކުރާނީ، ފުލް އެޗްޑީކޮށް. ދެން އެ ބޭފުޅުންގެ ކެޕޭސިޓީ ހުރި ގޮތަކަށް ބަލާފައި އެބޭފުޅުން ބްރޯޑްކާސްޓް ކުރާނީ،" ޚަލީލު ވިދާޅުވި އެވެ.

ޚަލީލް ވިދާޅުވީ، ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެއާއި ގަތަރު މިރޭ ބައްދަލުކުރާ މެޗުގެ ފުލް ކަވަރޭޖް "ފުލް އެޗްޑީކޮށް" ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލުންތެރީންނާ ހަމައަށް އެހެނިހެން ޗެނަލްތަކާވެސް ގުޅިގެން ފޯރުކޮށްދިނުމަށް ޓީވީއެމްގެ ޓީމު ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.

ރާއްޖެ އާއި ގަތަރު ކުޅޭ ވޯލްޑް ކަޕް ކޮލިފައިން ފުޓްބޯޅަ މެޗު ލައިވްކުރުމަށް، ގައުމީ ފުޓްބޯޅަ ދަނޑުގައި ގައުމީ ޓީވީން ވަމުންދާ ތައްޔާރީތައް -- ސަން ފޮޓޯ: މުހައްމަދު ޞާދިގު

comment ކޮމެންޓް