ބޯހިމެނުމުގެ ރިޕޯޓްތައް މިއަހަރު ނެރެވޭނެ ކަމުގެ ޔަގީންކަމެއް ނެތް

ބޯހިމެނުމުގައި މައުލޫމާތު އެއްކުރުމަށް އޮފިޝަލަކު ހަރަކާތްތެރިވަނީ-- ސަން ފައިލް ފޮޓޯ

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ބޯހިމެނުމުގެ ރިޕޯޓްތައް މިއަހަރުގެ ނިޔަލަށް ނެރެވޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ބޯހިމެނުމުގެ ރިޕޯޓްތައް ނުނެރެ ލަސްވާ މައްސަލައިގައި ސަންއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޒުހެއިރު ވިދާޅުވީ، އެބޭފުޅުންގެ ޓާގެޓަކީ މިއަހަރުގެ ނިޔަލަށް ބޯހިމެނުމުގެ ރިޕޯޓްތައް ނެރުން ކަމަށާއި ނަމަވެސް ތީމެޓިކް ރިޕޯޓްތައް މިއަހަރުގެ ނިޔަލަށް ނުނެރިވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތީމެޓިކް ރިޕޯޓަކުގެ ބޮޑު ބައެއްނިމޭތޯ މިއުޅެނީ. ފަހަރެއްގައި ތީމެޓިކް ރިޕޯޓްތައް ހިނގައިދާނެ އަންނަ އަހަރަށްވެސް،" ޒުހެއިރު ވިދާޅުވި އެވެ.

ބޯހިމެނުމުގެ އެކި ރިޕޯޓްތައް މިއަހަރު ނެރުމަށް މަސައްކަތް ކުރާ ކަމަށާއި އެގޮތުން ފުރަތަމަ ރިޕޯޓް، އަންނަ މަހުގެ ނިޔަލަށް ނެރުމަށް މަސައްކަތް ކުރާ ކަމަށް ޒުހެއިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެ ރިޕޯޓްތަކުން އާބާދީ އާއި ހިޖުރަ ކުރުމާއި ދިރިއުޅުމުގެ އަގުތަކާއި އާމްދަނީގެ މައުލޫމާތުތައް ލިބިގެންދާނެ ކަމަށެވެ.

ރިޕޯޓްތައް ލަސްވަނީ ކީއްވެގެންތޯ ސުވާލުކުރުމުން ޒުހެއިރު ވިދާޅުވީ އާންމުގޮތެއްގައި އެރިޕޯޓްތައް ނެރުން ލަސްވާ ކަމަށާއި ނަމަވެސް ހޯދި ހުރިހާ މައުލޫމާތެއް މިހާރު ކޮމްޕިއުޓަަރަށް އަޅާފައިވާ ކަމަށެވެ.

ބޯހިމުނުމުގެ ކަންކަން ކުރުމަށް 3500 އޮފިޝަލުން ހަރަކާތްތެރިވެފައި ވާއިރު އެފަރާތްތަކަށް އެލަވަންސްދިނުމުގައި ވެސް ވަނީ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައެވެ.

ކޮންމެ ފަސް އަހަރަކުން ބޯހިމަނަން ޖެހޭ ގޮތަށް އޮތް ނަމަވެސް މިދިޔަ އަހަރު ބޯހިމެނުމުގެ ކަންކަން ކުރިއަށް ގެންދަން ފަށާފައި ވަނީ ބޮޑު މެދުކެނޑުމަކަށްފަހު އެވެ. އޭގެ ކުރިން އެންމެ ފަހުން ބޯހިމަނާފައި ވަނީ 2006 ވަނަ އަހަރު އެވެ.

comment ކޮމެންޓް