ސްކައި ޑައިވް ތަމްރީނުން 12 މީހަކު ބާކީވެއްޖެ

ސްކައި ޑައިވް ތަމްރީނު ތަކުގެ ތެރެއިން-- ފޮޓޯ: މުހައްމަދު އައުޒަމް

ރާއްޖެއަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފާހަގަކުރުމުގެ ގޮތުން ބާއްވާ ސްކައިޑައިވްގެ ތަމްރީނުގައި ބައިވެރިވި 34 މީހުންގެ ތެރެއިން 12 މީހަކު އެ ޑައިވްއިން ބާކީ ވެއްޖެ އެވެ.

ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒުމީލް އަބްދުއްސަމަދު މިއަދު ސަން އަށް ވިދާޅުވީ، މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ އެ ތަމްރީނުތަކުގެ ތެރެއިން މިއަދާއި ހަމައަށް 12 މީހަކު ފެއިލްވެފައިވާ ކަމަށެވެ. ނަމަވެސް އެމީހުން ވަނީ "ސްޓެޓިކް ލައިން" އިން ފުންމޭ ވަރަށް ފާސްވެފައި ކަމަށް ތަޒްމީލް ވިދާޅުވި އެވެ.

"ސްޓެޓިކް ލައިން" އަކީވެސް ސްކައި ޑައިވްގެ ހުއްދައެވެ. އެ ހުއްދައާއެކު ވަކި "ފްރީ ފޯމް" ނޫން އެހެން ފުންމުންތަކުން ފުންމޭނެ ކަމަށް ތަޒުމީލް ވިދާޅުވި އެވެ.

"ސްޓެޓިކް ލައިނުން ފުންމާލުމުން ފާސްވުމުންވެސް އެބަލިބޭ ސްކައިޑައިވްގައި ވިންގް ކިޔާ މެޑެއްޔެއް. އެކުދިންނަށް ވެސް އެވަނީ އެމެޑަލް ލިބިފައި. އެކުދިންވަނީ ދުނިޔޭގެ ކޮންމެ ތަނަކުންވެސް ސްޓެޓިކް ލައިނުން ފުންމާލެވޭ ވަރަށް ތައްޔާރު ކުރެވިފައި." ތަޒުމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާރު 22 މީހުންނާއެކު އެ ޓްރެއިނިން ކުރިއަށްދާއިރު ކުރިއަށް އޮތްތަނުގައި އިތުރު ދެ މީހަކު އެ ތަނުން ބާކީވާނެ ކަމަށެވެ. އެ ފުންމާލުމަށް ޖުމުލަ ތަމްރީނު ކުރެވޭނީ 20 މީހަކު ކަމަށާއި އޭގެ ތެރެއިން ފުންމާލާނީ 15 މީހުން ކަމަށް އޭނާ ވިދާޅުވިއެވެ. ބާކީ ފަސް މީހުން ތިބެނީ ބެކަޕުގައެވެ.

އެ ތަމްރީނުތައް ކުރިއަށްގެންދަނީ މެލޭޝިޔާގެ ސްޕެޝަލިސްޓުން ތަކެކެވެ. އެއީ ބައިނަލްއަގުވާމީ ފެންވަރެއްގައި ސްކައި ޑައިވްގައި ހަރަކާތްތެރިވާ ފަރާތްތަކެކެވެ.

comment ކޮމެންޓް